Roadha Mihaaru
މަހެއް ވީއިރު ވެސް ޝިފާގެ ދައުވާ ބަލައެއްނުގަނޭ

ޝިފާއަށް ދައުވާކޮށްދޭން ފޮނުވިތާ މަހެއް، މައްސަލަ ބަލައިގަތުމާ މެދު އަދި ގޮތެއް ނުނިންމާ

01 ނޮވެމްބަރ 2020

ލޮނުޒިޔާރަތްކޮޅުގައި ސިޓީ ކައުންސިލުން ޕާކު ތަރައްގީކުރުމުގައި މާލޭގެ މޭޔަރު ޝިފާ މުހައްމަދަށް ތުހުމަތުކުރާ މައްސަލަތަކުގައި ކޮރަޕްޝަންގެ ދައުވާކުރަން ފޮނުވިތާ މަހެއް ވީ އިރު ވެސް އެ މައްސަލަ ބަލައިގަތުމާ އަދި ގޮތެއް ނުނިންމާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ލޮނުޒިޔާރަތްކޮޅުގައި ސިޓީ ކައުންސިލުން ޕާކު ތަރައްގީކުރުމުގައި މާލޭގެ މޭޔަރު ޝިފާ މުހައްމަދަށް ތުހުމަތުކުރާ މައްސަލަތަކުގައި ކޮރަޕްޝަންގެ ދައުވާކުރަން ފޮނުވިތާ މަހެއް ވީ އިރު ވެސް އެ މައްސަލަ ބަލައިގަތުމާ އަދި ގޮތެއް ނުނިންމާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފި އެވެ.

އެ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ސެޕްޓެމްބަރު 29 ގައި ހުށަހެޅި މައްސަލައާ މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ. އެކަން ބަލައިގަތުމާ މެދު އަންނަނީ ދިރާސާކުރަމުންނެވެ.

ޕީޖީ އަށް ހުށަހަޅާ ބައެއް މައްސަލަތަކުގައި ހަފުތާއެއްގެ ތެރޭގައި ވެސް ދައުވާ އުފުލަ އެވެ. ނަމަވެސް ޝިފާގެ މައްސަލަ ހުށަހެޅިތާ މަހަކަށް ވުރެ ގިނަ ދުވަސް ވެގެންދިޔައިރު ވެސް ޝިފާގެ މައްސަލައިގައި ދައުވާކުރުމާ މެދު ވަކި ގޮތެއް ނުނިންމަ އެވެ.

ނަމަވެސް އެ އޮފީހުގެ އޮފިޝަލް ވިދާޅުވީ ދައުވާ ނުކޮށް ލަސްވެފައި ނުވާ ކަމަށާއި މައްސަލައިގެ ބާވަތުން އަދި ގާނޫނީ މައްސަލަތަކާ ހެދި ވަކީލުންނަށް އަދި އެއްބަސްވުމަކަށް ނާދެވުން ކަހަލަ ކަންކަމާ ހެދި ގޮތެއް ނުނިމި ލަސްވަނީ ކަމަށެވެ. އެހެން ބައެއް މައްސަލަތަކުގައި ވެސް މިގޮތަށް ދުވަސް ނަގާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލައިގައި ގުޅިގެން ޕީޖީ ހުސެއިން ޝަމީމް މީގެ ކުރިން ވިދާޅުވީ ޝިފާ އަކީ ދެބޭންގެ ދެދަރި ބޭފުޅަކަށް ވެގެން މަސްލަހަތު ފުށުއަރާތީ ޝިފާ މައްސަލައިން ތަނާޒުލްވެވަޑައިގެން ހުންނެވި ކަމަށެވެ.

"ޝިފާގެ ފައިލެއް ނުުބަލަން، އަދި ނުވެސް ދެކެން އަޅުގަނޑެއް. އެ މައްސަލައިން އަޅުގަނޑު ވާނީ ތަނާޒުލްވެފައި،" ޝަމީމް ވިދާޅުވި އެވެ.

އޭސީސީން ބުނީ ލޮނުޒިޔާރަތްކޮޅުގައި ދެ ފާހަނާ ބަރި އާއި ތިން ހަޓާއި ތިން އެންޓްރަންސް ކެނޮފީ އާއި ލައިފްގާޑް ޓަވަރެއް މަރާމާތުކުރުމާއި ގާޑަން ބްރިޖެއް ހަދައި އިންސްޓޯލްކުރުމުގެ މަސައްކަތުގެ ތެރެއިން ދެ ފާހަނާބަރި އަމިން ކޮންސްޓްރަކްޝަން އިން ނިންމާފައިވަނީ ލިޔެކިޔުމެއްނެތި ދެ ފުށް ފެންނަ އުސޫލަކުން ނޫން ކަމަށެވެ. މިއީ އިއުލާނު ކޮށްގެން، ވާދަވެރި ބީލަމެއްގެ ތެރެއިން ހަވާލުކުރެވެން އޮތް މަސައްކަތެއް ކަމަށް އޭސީސީން ބުނެ އެވެ.

"ބިޑް ކޮމިޓީން ނުވަތަ މާލެ ސިޓީ ކައުންސިލުން އެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާފައިނުވާކަން ފާހަގަކުރެވިފައިވާއިރު، އަމަލީގޮތުން އެ ބިމުގައި މަސައްކަތް ފެށުމަށް ހުއްދަ ދެވޭނީ ކައުންސިލަށް ނުވަތަ ކައުންސިލްގެ އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުން މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ކަމަށްވެފައި، އެ ހުއްދަ ދިނީ މޭޔަރު ޝިފާ މުހައްމަދުކަން މި ކޮމިޝަންގެ ތަހުގީގަށް ވަނީ އެނގިފަ އެވެ. އަދި އެކަން ހިނގަމުން ދިޔައިރު މަސައްކަތް ހުއްޓުވުމުގެ ބާރު ލިބި އޮވެ މަސައްކަތް ހުއްޓުވާފައި ނުވާކަން ވެސް ތަހުގީގަށް ފާހަގަކުރެވެ އެވެ،" އޭސީސީން ބުންޏެވެ.

ޕާކު ތަރައްގީކުރުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކޮށް އެކަން މީޑިއާގެ މީޑިއާގެ ސަމާލުކަމަށް އައުމުން އޮކްޓޯބަރު 30، 2019 ގައި ޝިފާ ވިދާޅުވީ އެ މަސައްކަތުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިނުވާނެ ކަމަށެވެ.

ކޮރަޕްޝަންގެ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ހުށަހެޅުމުން، ޝިފާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މަގާމުގެ ޒިންމާ އަދާކުރައްވަމުން ގެންދަވަނީ ވާދަވެރިންނާއި ހަސަދަވެރިންގެ ދުއްތުރާތަކާއި ސިލްސިލާ ހަމާލަތަކާ އެކުގައި ކަމަށެވެ. އެގޮތަށް ލޮނުޒިޔާރަތްކޮޅު ޕާކާ ގުޅުވައި ކޮށްފައިވާ ކޮރަޕްޝަންގެ ތުހުމަތަކީ މެޔަށް އަމާޒުކޮށްފައިވާ އެއް ހަމަލާ ކަމަށް ވިދާޅުވި އެވެ.

"މައްސަލައިގެ ހުރިހާ މަރުހަލާއެއްގައި ވެސް އަޅުގަނޑުގެ މައުސޫމްކަން ސާބިތުކޮށްދެވޭނެކަމުގެ ޔަގީންކަން ﷲގެ އިރާދަފުޅުން އެބައޮތެވެ،" އޮކްޓޯބަރު 1ގައި ޝިފާ ނެރުއްވި ބަޔާނުގައި ވިދާޅުވި އެވެ.