Roadha Mihaaru
އަލީ ވަހީދަށް ދައުވާކުރުމަށް އެދި ޕީޖީއަށް ފޮނުވައިފި

އަލީ ވަހީދުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވައިފި

14 އޮކްޓޯބަރ 2020

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ މައްސަލައިގައި ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ މައްސަލައިގައި ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގުގައި ޕީޖީއާ އެކު ކުރެވުނު މަޝްވަރާތަކާ އެއްގޮތަށް އިސްލާހުކޮށް މިދިޔަ ބުދަ ދުވަހު އެ މައްސަލައިގެ ލިޔެކިޔުންތައް ޕީޖީ އޮފީހާ ހަވާލުކޮށްފައިވާ ކަމަށެވެ.

ފުލުހުން ތަހުގީގުކުރާ މައްސަލަތައް ޕީޖީގެ މަޝްވަރާ އަށް ފޮނުވުމުގެ މަރުހަލާ ނުވަތަ ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާގައި ދައުވާކުރަން ޕީޖީ އަށް ފޮނުވުމުގެ ކުރިން، އެކަމަކާ މެދު ތަހުގީގީ އިދާރާ އާއި ޕީޖީ އޮފީހާ ދެމެދު މައުލޫމާތު ބަދަލުކޮށް، ލަފާ ދޭނެ އެވެ. އެހެން މައްސަލަތަކުގައި ވެސް ދައުވާކުރަން ފޮނުވުމުގެ ކުރިން، އެ މައްސަލަ އޮތީ ދައުވާކުރަން ތައްޔާރުވެފައިތޯ ބެލުމަށް ޕީޖީއަށް ފޮނުވަ އެވެ.

ތުހުމަތުތަކާ ގުޅިގެން އަލީ ވަހީދުގެ މޮބައިލް ފޯނާއި ލެޕްޓޮޕް ވެސް އަތުލައި އޭނާގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް އަލީ ވަހީދު ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލަ ފެންމަތިވުމާ އެކު، ވަޒީރުކަމުން އިސްތިއުފާ ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންގެވި އެވެ. އެކަމަކު، އިސްތިއުފާ ނުދެއްވުމުން ރައީސް ވަނީ މިިދިޔަ ޖުލައި، 9 ގައި އޭނާ މަގާމުން ވަކިކުރައްވައިފަ އެވެ.

މިއީ ޖިންސީ ގޯނާގެ ތުހުމަތުގައި ރާއްޖޭގައި ވަޒީރަކު މަގާމުން ވަކިކުރެއްވި ފުރަތަމަ ފަހަރެވެ.

އެ މައްސަލައިގެ ތަހުގީގަށް ފުރަތަމަ ފަހަރަށް ފުލުހަށް ހާޒިރުވެވަޑައިގަތުމަށްފަހު އަލީ ވަހީދު ވިދާޅުވީ އޭނާއަށް ޖިންސީ ގޯނާގެ ތުހުމަތުކުރަނީ ބަޔަކު ރާވައިގެން ހިންގާފައިވާ ޖަރީމާއެއްގެ ތެރެއިން ކަމަށެވެ. އިންސާފުވެރި ތަހުގީގަކުން އޭނާ ކުށެއް ނުކުރާކަން ސާފުވާނެ ކަމަށް ވިދާޅުވެ، އަލީ ވަހީދު ވަނީ އެ ތުހުމަތުތަކަށް، ޖުލައި 19 ގައި އިންކާރުކުރައްވައިފަ އެވެ.

އޭނާ އޭރު ވިދާޅުވީ ވަޒީރުކަމުން އިސްތިއުފާ ނުދެއްވީ ވެސް އެ ތުހުމަތުތައް ގަބޫލުނުކުރައްވާތީ ކަމަށެވެ.

"މި މައްސަލައާ އަޅުގަނޑު ކުރިމަތިލާނަން،" ވަރަށް ޔަގީންކަމާ އެކު އަލީ ވަހީދު ވިދާޅުވި އެވެ.

ޖިންސީ ފުރައްސާރައިގެ ސީރިއަސް ތުހުމަތުތަކެއް އަލީ ވަހީދަށްކޮށް ފުރަތަމަ ޝަކުވާ ހުށަހެޅީ ރައީސް އޮފީހާއި ޖެންޑާ މިނިސްޓްރީ އަށެވެ. އޭނާއާ ދެކޮޅަށް މައްސަލަ ހުށަހެޅި މުވައްޒަފުން ވަނީ އެކި ދުވަސް މަތިން މުވައްޒަފުންނަށް ޖިންސީ ގޯނާ އާއި ފުރައްސާރަކުރި ކަމަށާއި އޭރު މިނިސްޓަރުކަމުގައި ހުންނެވި އަލީ ވަހީދުގެ އުނދަގޫ ބޮޑުވެގެން މިނިސްޓްރީގެ ވަޒީފާ ބައެއް މީހުން ދޫކޮށްލަން ޖެހުނު ކަމަށް ވެސް ތުހުމަތުކޮށްފަ އެވެ.

އެ ތުހުމަތަށް 15 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށް ފުލުހުން ވަނީ ކުރިން ބުނެފަ އެވެ.