Roadha Mihaaru
އަލީ ހައްޔަރުކޮށްފައި ހުރިކަން ޔޫކޭ ފުލުހުން އަންގައިފި

އަލީ ވަހީދު ހައްޔަރުކޮށްފައި ހުރިކަން ޔޫކޭގެ ފުލުހުން ކަށަވަރުކޮށްދީފި

06 ސެޕްޓެމްބަރ 2021

ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިނގިރޭސިވިލާތުގައި ހައްޔަރުކޮށްފައިވާކަން އެ ގައުމުގެ ފުލުހުން ކަށަވަރުކޮށްދީފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިނގިރޭސިވިލާތުގައި ހައްޔަރުކޮށްފައިވާކަން އެ ގައުމުގެ ފުލުހުން ކަށަވަރުކޮށްދީފި އެވެ.

މިދިޔަ މަހުގެ 25 ގައި އަލީ ވަހީދު ހައްޔަރުކުރީ އޯވަސްޓޭ ވެގެން ކަމަށް ކުރިން ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ. އެ ދުވަހުގެ ހެނދުނު އަލީ ގޭގައި ހުންނަވަނިކޮށް އޭނާ ހައްޔަރުކޮށްގެން ގެންގޮސްފައި ވަނީ އިނގިރޭސި ވިލާތުގެ ގެޓްވިކްގައި ހުރި ޖަލަކަށެވެ. ނަމަވެސް އޭނާ ހައްޔަރު ކުރިކަން ސަރުކާރުގެ ކަމާ ބެހޭ ފަރަތްތަކަށް އަންގާފައި ނެތް ކަމަށް އައީ ބުނަމުންނެވެ.

ނަމަވެސް، މިރޭ ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ "ކުރީގެ ޓުއަރިޒަމް މިނިސްޓަ އަލީ ވަހީދު އިމިގްރޭޝަން ކުށްތަކެއްގައި އިނގިރޭސި ވިލާތުގައި ހައްޔަރުކޮށްފައި ހުރި ކަން އެ ގައުމުގެ ފުލުހުންނާ ހަވާލާދީ ދިވެހި ފުލުހުންގެ ހިދުމަތަށް ރަސްމީކޮށް މިއަދު ވަނީ މައުލޫމާތު ލިބިފައި" ކަމަށެވެ.

އަލީ ވަހީދު ހައްޔަރުކުރިތޯ ފުލުހުން ބެލީ އިންޓަޕޯލްގައި އެދިގެން ޔޫކޭގެ ކަމާބެހޭ ފަރާތްތައް މެދުވެރިވެގެން ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ.

އަލީ ވަހީދު ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގެންނެވި ފަހުން ރާއްޖެ ވަޑައިގެންފައި ނުވާތީ އޭނާގެ ޕާސްޕޯޓް ހިފަހައްޓަން މިދިޔަ މަހު ފުލުހުން އެދުމުން ކްރިމިނަލް ކޯޓުން ނިންމީ އެ އަމުރު ނެރެ ނުދިނުމަށެވެ. އެ މައްސަލަ އިސްތިއުނާފް ކުރުމުން އޭނާގެ ޣައިރު ހާޒިރުގައި ނުބެލޭނެ ކަމަށް ހައި ކޯޓުން ނިންމި ނަމަވެސް، މައްސަލަ ބެލޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާތީ މިހާރު ދަނީ މައްސަލަ ބަލަމުންނެވެ. އެހެންނަމަވެސް، އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމެއް އަދި އެނގިފައި ނުވެ އެވެ.

ސުޕްރީމް ކޯޓުން މައްސަލަ ބެލި އިރު އަލީ ކޯޓަށް ހާޒިރުވުމުގެ އަމުރާ ހަވާލުވެ ކޯޓަށް ހާޒިރުވެފައި ނުވާތީ ދެ މަސް ދުވަހަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފަ އެވެ.