Roadha Mihaaru
އަލީ ގެނެވޭނެ މަގެއް ފުލުހުންނަކަށް އަދި ނުހުޅުވޭ

އަލީ ވަހީދު ގެނެވޭނެ މަގެއް ފުލުހުންނަކަށް އަދި ނުހުޅުވޭ

22 ސެޕްޓެމްބަރ 2021

ކޯޓުތަކަށް ފިއްލަވައިގެން އުޅުއްވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ސުޕްރީމް ކޯޓުން އިއްވި ދެ މަހުގެ ހުކުމް ތަންފީޒުކުރަން ރާއްޖެ ގެނެސްދޭން ކަރެކްޝަނަލް ސާވިސް އިން އެދިފައިވިޔަސް އޭނާ ގެނެވޭނެ ފަސޭހަ މަގެއް އަދި ހުޅުވިފައި ނުވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކޯޓުތަކަށް ފިއްލަވައިގެން އުޅުއްވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ސުޕްރީމް ކޯޓުން އިއްވި ދެ މަހުގެ ހުކުމް ތަންފީޒުކުރަން ރާއްޖެ ގެނެސްދޭން ކަރެކްޝަނަލް ސާވިސް އިން އެދިފައިވިޔަސް އޭނާ ގެނެވޭނެ ފަސޭހަ މަގެއް އަދި ހުޅުވިފައި ނުވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

އަލީ ވަހީދު ދެ މަހަށް ޖަލަށް ލާން ސުޕްރީމް ކޯޓުން ހުކުމްކުރީ ޝަރީއަތަށް ހާޒިރުނުވެ ކޯޓުގެ ހުރުމަތް ކެނޑި މައްސަލައިގަ އެވެ. އަލީ ވަހީދުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް ކުރިއަށްގެންދަން ނިންމި މައްސަލައިގެ އިސްތިއުނާފު އަޑުއެހުމަށް ހާޒިރުވާން ސުޕްރީމް ކޯޓުން ޗިޓު ފޮނުވުމުން ވެސް ހާޒިރުވެވަޑައެއް ނުގަތެވެ.

މި ހުކުމް ތަންފީޒުކުރަން އޭނާ ރާއްޖެ ގެނެސްދޭން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އޮތީ ފުލުހުންގެ މުއައްސަސާގައި އެދިފަ އެވެ.

ފުލުހުން ބުނެފައި ވަނީ އިންޓަޕޮލް ނޯޓިސް ނެރެގެން ނުވަތަ ޔޫކޭގެ ފުލުހުންނާ ގުޅިގެން އޭނާ ގެނެވޭނެ ގޮތެއް ހޯދާނެ ކަަމަށެވެ.

އިންޓަޕޮލްގެ ރެޑް ނޯޓިސް ނެރޭވޭނީ ވަކި ބާވަތްތަކެއްގެ ކުށްތަކަކަށް ކަން ފާހަގަކުރައްވަމުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު "މިހާރު"އަށް އިއްޔެ ވިދާޅުވީ ކޯޓަށް ހާޒިރުނުވެގެން ނެރެފައިވާ އަމުރުގެ މުއްދަތާއި ބާވަތަށް ވެސް ބަލާނެ ކަމަށެވެ. އެ ނޯޓިސް ނެރެގެން އަލީ ވަހީދު ރާއްޖެ ގެނެވިދާނެތޯ އާއި އިނގިރޭސި ސަރުކާރުގެ އެއްބާރުލުން ލިބޭނެތޯ ވެސް މަޝްވަރާތަކެއްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

"އެ ކުށާ [ކޯޓުގެ ހުރުމަތް ކަނޑާލައި ދެ މަހުގެ ހުކުމާ] ގުޅުވައި ގެންނަން އަޅުގަނޑުމެންނަށް އުނދަގޫވެދާނެ،" ހަމީދު ވިދާޅުވި އެވެ.

"ކަރެކްޝަނަލް ސާވިސްގެ މައްޗަށް ކޮށްފައިވާ އަމުރު ތަންފީޒުކުރަން އަލީ ވަހީދު އަދި އެ ނޫން ފަރާތެއް ވެސް ހައްޔަރުކޮށްގެން އެ ހުންނެވި ތަނަކުން އިންޓަޕޮލް ނޯޓިސްއެއް ބޭނުންކޮށްގެން ގެނައުން އެއީކީ އަދި އަޅުގަނޑުމެންނަކަށް އެހާ ފަސޭހަ ދޮރެއް ނޫން ހުޅުވިފައި އޮތް."

ޖިނާއީ ގޮތުން ހިންގާ މައްސަލައެއްގެ ސީރިއަސްކަމަށް ބަލައި ނޯޓިސް ނެރެވުނަސް އޭގެ ފަހުން އޮންނަ އިޖުރާއަތުތައް ހިނގާނެ ކަމަަށާއި މީހެއްގެ މައްޗަށް ނޯޓިސްއެއް އޮތުމަކުން އެ މީހާ ހައްޔަރުކޮށްގެން ގެނެވޭނެ ގޮތެއް ނޯންނަ ކަމަށް ވިދާޅުވި އެވެ. އެކަމަކު ނޯޓިސް ނެރުމުން އެ ގައުމެއްގައި އުޅެން އުނދަގޫވެދާނެ ކަން ފާހަގަކުރެއްވި އެވެ.

ތަހުގީގަށް ހާޒިރުކުރަން ބޭނުންވެގެން ރެޑް ނޯޓިސް ނެރެފައިވާ ފަރާތްތައް ވެސް ރާއްޖެ ނުގެނެވި ތިބިކަން ހަމީދު ފާހަގަކުރެއްވި އެވެ.

"ދެން މުޅި ޖުމްލަ މައްސަލައާ ގުޅޭ ގޮތުން އޮންނަ މަރުހަލާތައް އަޅުގަނޑުމެން އެކްސްޕްލޯކުރާނަން،" ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ.

އަލީ ވަހީދު، މިނިސްޓަރު ކަމުން ވަކިކޮށް، ދައުލަތުން އޭނާގެ މައްޗަށް ދައުވާ އުފުލީ މަގާމުގައި ހުންނަވައި އެތަނުގެ ގިނަ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގަ އެވެ. އޭނާގެ މައްޗަށް ރޭޕްކުރުމުގެ ކުށުގެ ދައުވާ ހިމެނޭ ގޮތުން ޖުމްލަ ހަތް ދައުވާއެއް އުފުލާފައިވެ އެވެ.

މި ދައުވާތަކުގެ ޝަރީއަތް ފެށުމާ އެކު އޭނާ ރާއްޖެ އިން ބޭރަށް "ފުރުވާލުމުގައި"، ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަން ސުޕްރީމް ކޯޓާއި ހައި ކޯޓުގެ ހުކުމްތަކުން ސާފުވާނެ އެބަ އޮތެވެ.

އަލީ ވަހީދު ވިދާޅުވެފައި ވަނީ އޭނާ މަގާމުން ވަކިކުރަން "ފްރޭމްކުރީ" ކަމަށެވެ. އޭނާގެ ކުށެއް ނެތް ކަން ދައްކަވަން ޕްރެސް ކޮންފަރެންސެއް ބާއްވައި ސަރުކާރުގެ އެކި ފަރާތްތަކާއި ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމަށް ވަނީ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކުރެއްވި އެވެ. ނޫސްވެރިންނާ ބައްދަލުކުރެއްވީ އޯވަސްޓޭ މައްސަލައިގައި އިނގިރޭސި ފުލުހުން އޭނާ ހައްޔަރުކޮށް ދޫކޮށްލުމާ އެކުގަ އެވެ.