Roadha Mihaaru
ވެންޓިލޭޓަރު މައްސަލަ ފޮނުވީ ދަންވަރަކު ނޫން: އޭސީސީ

ވެންޓިލޭޓަރުގެ މައްސަލަ ދަންވަރު ފޮނުވި ކަމުގެ ތުހުމަތު ދޮގުކޮށްފި

15 އޮކްޓޯބަރ 2020

ކޮވިޑް-19ގެ ފަރުވާ އަށް 75 ވެންޓިލޭޓަރު ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރި މައްސަލައިގެ ތަހުގީގު ނިންމައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ 10 މީހަކަށް ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީ އަންގާރަދުވަހުގެ ރޭ ދަންވަރު ކަމަށް ކުރާ ތުހުމަތުތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ދޮގުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކޮވިޑް-19ގެ ފަރުވާ އަށް 75 ވެންޓިލޭޓަރު ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރި މައްސަލައިގެ ތަހުގީގު ނިންމައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ 10 މީހަކަށް ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީ އަންގާރަދުވަހުގެ ރޭ ދަންވަރު ކަމަށް ކުރާ ތުހުމަތުތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ދޮގުކޮށްފި އެވެ.

މިދިޔަ އެޕްރީލް މަހު ތަހުގީގު ފެށި މައްސަލަ އަވަސް އަރުވާލައިގެން ނިންމައި، ދަންވަރު ޕީޖީ އަށް ފޮނުވީ އިއްޔެ ހެނދުނު އޮތް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ހާޒިރުވުމުގެ ކުރިން އެ މައްސަލަ ނިންމަން ކަމުގެ ތުހުމަތު އޭސީސީގެ މެމްބަރުންނަށް ވަނީ ކޮށްފަ އެވެ. ވެންޓިލޭޓަރުގެ މައްސަލަ ފަދަ ބޮޑު ތަހުގީގެއް، ދަންވަރު ފޮނުވި ކަމަށް ބުނާ މައްސަލައިގައި އޭސީސީ އަށް ފާޑުކިއުން ވެސް ބޮޑެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް ހަސަން މުހައްމަދު މިއަދު ވިދާޅުވީ ތަހުގީގު ނިންމައި ދައުވާކުރަން މައްސަލަ ފޮނުވީ އިއްޔެ ހެނދުނު 8:16 ގައި ކަމަށެވެ. ތަހުގީގުކޮށް ނިންމާ މައްސަލަތައް އޭސީސީން މިހާރު ޕީޖީ އަށް ފޮނުވަނީ ޕަލޯމާ ޕޯޓަލް މެދުވެރިކޮށެވެ.

"ދަންވަރު ފޮނުވި ކަމަށް ބުނާ ވާހަކައަކީ ހަގީގަތެއް ނޫން،" އޭނާ ވިދާޅުވި އެވެ.

މައްސަލަ ހެނދުނު ޕީޖީ އަށް ފޮނުވިޔަސް މި މައްސަލައިގައި ތުހުމަތުކުރާ މީހުންނަށް ދައުވާކުރާކަން އަންގައި ލިއުން ފޮނުވީ، އެނގިފައިވާ ގޮތުގައި، އަންގާރަ ދުވަހުގެ ރޭ ދަންވަރު 3 ޖެހިއިރެވެ. މިކަން އޭސީސީން ދޮގެއް ނުކުރެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި، ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް، ވަނީ ދައުވާކުރަން ފޮނުވި ގަޑިއާ މެދު ކުރާ ތުހުމަތު އޮޅުން ފިލުއްވަން އޭސީސީއާ ސުވާލުކުރައްވައިފަ އެވެ. އަދި ކޮމިޓީއަށް އަންނަންވާއިރަށް މައްސަލަ ނިންމެވީތޯ ވެސް އޭނާ އެއްސެވި އެވެ.

ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ ވެސް ކޮމިޓީގައި ވިދާޅުވެފައި ވަނީ ޕަލޯމާ ޕޯޓަލް މެދުވެރިކޮށް މައްސަލަ ފޮނުވީ އިއްޔެ ހެނދުނު ކަމަށެވެ.

ކޮމިޓީއަށް ހާޒިރުވާން ޖެހޭތީ ނިންމީތޯ ނުވަތަ ޝެޑިއުލްއާ އެއްގޮތަށް ނިންމީތޯ އުޝާމް އެއްސެވުމުން ޝިއުނާ ވިދާޅުވި ގޮތުގައި ކޮމިޓީ އަށް ހާޒިރުވާން ޖެހޭ ކަން ވަރަށް ކުރިން އެނގިވަޑައިގަންނަވަ އެވެ. ޝެޑިއުލެއް ކަނޑައަޅައި ވަރަށް ގިނައިރު ބުރަ މަސައްކަތްތަކެއް ތަހުގީގު ޓީމުން މި މައްސަލައިގައި ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮމިޓީ އަށް އަންނަންވާއިރަށް އަޅުގަނޑުމެން ބޭނުންވި، ތެދުތެދަށް ދަންނަވަންޏާ މައްސަލަ ނިންމާފައި ބާއްވަން. އެކަމަކު އަޅުގަނޑުމެން ޓާގެޓްކުރި ޓައިމްލައިނާ އެއްގޮތަށް [ނުވި] އަޅުގަނޑުމެންގެ ކޮންޓްރޯލުން ބޭރުން ހުރި ވަރަށް ބައިވަރު ކަންކަން، މިސާލަކަށް ބަޔާން ނަގާފައި ސޮއިކުރުން ފަދަ ކަންކަން،" ޝިއުނާ ވިދާޅުވި އެވެ.

އޭސީސީގެ ތަހުގީގުގައި، ވަނީ ވެންޓިލޭޓަރު ހޯދަން ދުބާއީ ކުންފުންޏާ ހަވާލުކުރުމުގައި ހުރި ބޮޑެތި ގޯސްތަކެއް ދައްކައިފަ އެވެ. އޭގެތެރޭގައި އެ ކުންފުންޏާ މަސައްކަތް ހަވާލުކުރުމުގެ ނިޔަތުގައި ކޮށްފައިވާ ކަންކަމުގެ އިތުރަށް، މާލިއްޔަތު ގަވާއިދާ ޚިލާފަށް ކޮށްފައިވާ ބައެއް ކަންކަން ވެސް ފާހަގަކޮށްފައިވެ އެވެ.

ޑިއުޓީ ޕްރޮސިކިއުޝަނަށް ފަހު، އިސްލާހުކުރަން އެދުނުކަންކަން ރަނގަޅުކޮށް، ދައުވާކުރަން ފޮނުވި މި މައްސަލައިގައި ޕީޖީން ނިންމި ގޮތެއް އަދި އާއްމެއް ނުކުރެ އެވެ.