Roadha Mihaaru
ވެންޓިލޭޓަރު މައްސަލަ އޮތީ ފަހު މަރުހަލާގައި: އޭސީސީ

ވެންޓިލޭޓަރު މައްސަލައިގެ ތަހުގީގު އޮތީ ފަހު މަރުހަލާގައި: އޭސީސީ

22 އޯގަސްޓް 2021

ކޮވިޑް-19 ގައި ހާލުދެރަވާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގު އޮތީ އެންމެ ފަހުގެ މަރުހަލާގައި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑް-19 ގައި ހާލުދެރަވާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގު އޮތީ އެންމެ ފަހުގެ މަރުހަލާގައި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުންޏާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގަންނަން ސަރުކާރުން ފައިސާ ދެއްކި އެވެ. ނަމަވެސް މިހާތަނަށް ލިބުނީ އެންމެ 10 ވެންޓިލޭޓަރެވެ.

އެ މުއާމަލާތުގައި އެޑްވާންސްކޮށް ފައިސާ ދެއްކުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދި ކަމުގެ ދައުވާކުރުމަށް އޭސީސީން ޕީޖީއަށް ދެ ފަހަރެއްގެ މަތިން މައްސަލަ ފޮނުވި އެވެ. ޕީޖީ އޮފީހުން ދެ ފަހަރު ވެސް ނިންމީ އެ މައްސަލައިގައި ދައުވާކުރެވޭ ވަރުގެ ހެއްކެއް ނެތް ކަމަށެވެ.

ދައުވާކުރަން ފޮނުވީ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ ބިޑް ކޮމިޓީ ހިމެނޭ ގޮތުން 12 މީހެއްގެ މައްޗަށެވެ.

ނަމަވެސް އެތައް ބައެއްގެ ފާޑުކިޔުންތަކާ ގުޅިގެން، އާ ރިކޮމެންޑޭޝަންތަކަކާއެކު އެ މައްސަލަ އަލުން ބަލަން ޕީޖީން ވަނީ މިިދިޔަ އޭޕްރީލް މަހު އެދިފަ އެވެ. އެ ރިކޮމެންޑޭޝަންތަކުގެ ތެރޭގައި ވެންޓިލޭޓަރުތައް ގެންނަން ދެއްކި ފައިސާ ދައުރުވި ގޮތް ބެލުމަށާއި އެޓާނީ ޖެނެރަލްގެ ލަފައާ ހިލާފަށް ހިންގާފައިވާ ކަންކަމަށް ތަހުގީގުގައި ފޯކަސް ކުރުން ހިމެނެ އެވެ. އެކަމާ ގުޅިގެން އޭސީސީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ވެންޓިލޭޓަރު މައްސަލައިގައި މިހާރު ކުރިއަށްދަނީ ތަހުގީގު ފުރިހަމަކުރުމުގެ އެންމެ ފަހުގެ މަރުހަލާ ކަމަށެވެ. އޭގެ އިތުރު ތަފްސީލެއް ނުދެއްވަ އެވެ. ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި ތަހުގީގު ފުރިހަމަ ކުރަން ދެން އޮތީ ފަސް ވަރަކަށް މީހެއްގެ ބަޔާން ނެގުމެވެ.

ވެންޓިލޭޓަރު ހޯދަން އެގްޒެކިއުޓާސްއާއެކު ހެލްތު މިނިސްޓްރީން އެއްބަސްވީ 34 މިލިއަން ރުފިޔާއަށެވެ. އޭގެ ތެރެއިން، އެޑްވާންސްގެ ގޮތުގައި 30 މިލިއަން ރުފިޔާ ދީފައިވަނީ ބޭންކު ގެރެންޓީއަކާ ނުލަ އެވެ.