Roadha Mihaaru
ކުޅުދުއްފުށިން ކޮވިޑްގެ 4 ކޭސް، ރަށް މޮނިޓަރިން އަށް

ކޮވިޑް-19: ޕޮލިސް ކްލަސްޓާގެ ހަތަރު ކޭސް ފެނި ކުޅުދުއްފުށި އަލުން މޮނިޓަރިން އަށް

18 އޮކްޓޯބަރ 2020

ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ފުލުހުންނާ ގުޅުން ހުރި ހަތަރު މީހަކު އެ ބައްޔަށް ޕޮޒިޓިވްވެ ކުޅުދުއްފުށި އަލުން މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ފުލުހުންނާ ގުޅުން ހުރި ހަތަރު މީހަކު އެ ބައްޔަށް ޕޮޒިޓިވްވެ ކުޅުދުއްފުށި އަލުން މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

ކޮވިޑްގެ ޕޮޒިޓިވް ކޭސްއެއް ފެނުމުން އެ ރަށް އެންމެ ފަހުން މޮނިޓަރިން އަށް ލީ މި މަހު ފަހެއްގަ އެވެ. އެފަހަރުގެ ކޭސްއާ ގުޅިގެން ހއ. ބާރަށް، ހއ. ދިއްދޫ، ހއ. ހޯރަފުށި، ހދ. ކުރިނބީ އަދި ށ. ފުނަދޫ ވެސް މޮނިޓަރިން އަށް ލި އެވެ. އަދި ކުޅުދުއްފުށިން 15 މީހަކު ޕޮޒިޓިވްވި އެވެ.

މިފަހަރު ޕޮޒިޓިވެވްފައި ވަނީ އުމުރުން 75 އަހަރުގެ މީހަކާއި 35 އަހަރުގެ މީހަކާއި 10 އަހަރުގެ ކުއްޖަކާއި 9 އަހަރުގެ ކުއްޖެކެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް ތަސްލީމާ އުސްމާން "މިހާރު" އަށް ވިދާޅުވީ މި ހަތަރު މީހުންނަކީ ހުކުރު ދުވަހު އެ ރަށުން ޕޮޒިޓިވްވި ދެ މީހުންގެ ކޮންޓެކްޓުން ކަމަށެވެ. އަދި ހުކުރު ދުވަހު ޕޮޒިޓިވްވީ ދެ ފުލުހުން ކަމަށާއި އެ ދެމީހުން ޕޮޒިޓިވްވީ ރެންޑަމް ސާމްޕްލިންގެ ތެރެއިން ކަމަށެވެ.

"ރެންޑަމް ސާމްޕަލްގެ ގޮތުގައި ނަގާފައިވަނީ އެންމެ ފުރަތަމަ ފެނުނު ޕޮލިސް ކްލަސްޓާއާ ޑައިރެކްޓް ކޮންޓެކްޓް ކެޓެގަރީގައި ނުހިމެނޭ އެކަމަކު ކޮންމެސް ވަރަކަށް ގުޅުން ހުރި މީހުން،" ތަސްލީމާ ވިދާޅުވި އެވެ.

ރަށް އަނެއްކާ މޮނިޓަރިން އަށް ލާފައި ވަނީ ޕޮޒިޓިވްވި ހަތަރު މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭތީ ރަނގަޅަށް ކޮންޓެކްޓް ޓްރޭސިން ހަދަން ޖެހޭތީ ކަމަށް ވެސް ތަސްލީމާ ވިދާޅުވި އެވެ.