Roadha Mihaaru
ޝާހްރުކާއި ކާޖޮލްގެ "ޑީޑީއެލްޖޭ" އަލުން ސިނަމާތަކަށް

ރިލީޒްކުރިތާ 25 އަހަރާ ދިމާކޮށް "ޑީޑީއެލްޖޭ" އަލުން ސިނަމާތަކަށް

23 އޮކްޓޯބަރ 2020

ހިންދީ ސިނަމާގައި ރިލީޒްކުރި ފަހުން އެންމެ ދިގު މުއްދަތަކަށް ހުއްޓުމެއް ނެތި ދައްކާ އައިކޮނިކް ފިލްމު ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ (ޑީޑީއެލްޖޭ) ރިލީޒްކުރިތާ މި މަހު 25 އަހަރު ފުރިފައިވާތީ އެކަމާ ގުޅުވައިގެން ފިލްމު އަލުން ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހިންދީ ސިނަމާގައި ރިލީޒްކުރި ފަހުން އެންމެ ދިގު މުއްދަތަކަށް ހުއްޓުމެއް ނެތި ދައްކާ އައިކޮނިކް ފިލްމު ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ (ޑީޑީއެލްޖޭ) ރިލީޒްކުރިތާ މި މަހު 25 އަހަރު ފުރިފައިވާތީ އެކަމާ ގުޅުވައިގެން ފިލްމު އަލުން ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.

އޮކްޓޯބަރު 20، 1995 ގައި ރިލީޒްކުރި އަސަރުގަދަ ލޯބީގެ ފިލްމު އިންޑިއާގެ ސިނަމާތަކުގެ އިތުރުން އެހެން ވަރަށް ގިނަ ގައުމުތަކުގައި ވެސް އަޅުވަން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތާއި އެމެރިކާ އާއި ނިއު ޒީލެންޑާއި އޮސްޓްރޭލިއާ އާއި ސައުދީ އަރަބިއްޔާ އާއި ޔޫއޭއީ އާއި ޖަރުނަމާއި ދެކުނު އެފްރިކާ އާއި ސްޕެއިނާއި ސްވިޑްން ފަދަ ގައުމުތައް ހިމެނެ އެވެ.

ޝާހްރުކް ޚާނާއި ކާޖޮލް ލީޑް ރޯލު ކުޅުނު "ޑީޑީއެލްޖޭ" އަކީ ހިންދީ ސިނަމާގައި ކިންގް އޮފް ރޮމޭންސްގެ ނަމުން މަޝްހޫރުވި ޑައިރެކްޓަރު ޔާޝް ޗޯޕްޅާގެ ދޮށީ ދަރިފުޅު އަދިތިޔާ ޗޯޕްޅާގެ އަލަތު ޑައިރެކްޝަނެވެ. ބަތަލާ ރާނީ މުކަރްޖީއާ ކައިވެނިކޮށްގެން އުޅޭ އަދިތިޔާ އަކީ އެ ފިލްމުގެ ސްކްރީންރައިޓަރު ވެސް މެ އެވެ. "ޑީޑީއެލްޖޭ" އެހާ މަގުބޫލު ފިލްމަކަށްވި ސަބަބުތައް ވަރަށް ގިނަ އެވެ.

އޭގެ ތެރޭގައި ފިލްމުގެ ވާހަކަ އާއި އޭގެ ޑައިލޮގްތައް ފުރިހަމަވުމާއި ޑައިރެކްޝަނާއި ފިލްމުގެ މަންޒަރުތައް ޗާލުވުމާއި އިންޑިއާވަންތަކަން ދައްކުވައިދޭ ފިލްމަކަށްވުން ވެސް ހިމެނެ އެވެ. މީގެ އިތުރުން "ޑީޑީއެލްޖޭ" ގެ ލަވަތަކަކީ ފަނޑުވުމެއް ނެތް އަބަދަށްފެހި ލަވަތެކެވެ. ލަވަތަކުގެ އެންމެ ހާއްސަ ކަމަކީ އާނަންދު ބަކްޝީގެ ޖާދޫއެއް ފަދަ ޅެންތަކެވެ.

"ޑީޑީއެލްޖޭ" އަކީ މިހާތަނަށް އިންޑިއާގައި އެންމެ ގިނަ ދުވަހު ސިނަމާތަކުގައި ދެއްކި އަދިވެސް ދައްކަމުން އަންނަ ފިލްމެވެ. އެގޮތުން މުމްބާއީގެ މަރާޓާ މަންދިރު ސިނަމާގައި އެ ފިލްމު ދައްކާތާ މިހާރު 24 އަހަރުވެއްޖެ އެވެ.

"ޑީޑީއެލްޖޭ" އަކީ ގިނަ އެވޯޑްތަކެއް ވެސް ހޯދާފައިވާ ފިލްމެކެވެ. އޭގެ ތެރޭގައި ބެސްޓް ޕޮޕިއުލާ ފިލްމު ޕްރޮވައިޑިން ހޯލްސަމް އެންޓްޓައިންމަންޓްގެ ނެޝަނަލް އެވޯޑާއި ފިލްމުފެއާގެ 10 އެވޯޑްގެ އިތުރުން ވެސް އެތައް އެވޯޑެއް ހިމެނެ އެވެ.

"ޑީޑީއެލްޖޭ" ގެ ފަހުން ވެސް އަދިތިޔާ ތިން ފިލްމެއް ގެނެސްދިނެވެ. އެކަމަކު އެއިން އެއްވެސް ފިލްމަކީ އަލަތު ފިލްމުހާ ކާމިޔާބު ފިލްމުތަކެއް ނޫނެވެ. އެ ފިލްމުތަކީ 2016 ގެ "ބޭފިކްރޭ" އާއި 2008 ގެ "ރަބް ނެ ބަނާދީ ޖޯޅީ" ގެ އިތުރުން 2000 ވަނަ އަހަރުގެ "މުހައްބަތޭން" އެވެ.