Roadha Mihaaru
ޕޭމަންޓް ސިސްޓަމް ގެންނަނީ ބޭރުން: ގަވަރުނަރު

ޕޭމަންޓް ސިސްޓަމް ގެންނަނީ ބޭރުން: ގަވަރުނަރު

20 އޮކްޓޯބަރ 2020

ރާއްޖެ އަށް ތައާރަފު ކުރަން އުޅޭ ޕޭމަންޓް ސިސްޓަމަކީ އެހެން ގައުމެއްގެ އުފެއްދުމެއް ކަަމަށާއި އެ އެ ގައުމުގައި އެ ނިޒާމު ޓެސްޓް ވެސް ކޮށްފައިވާ ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖެ އަށް ތައާރަފު ކުރަން އުޅޭ ޕޭމަންޓް ސިސްޓަމަކީ އެހެން ގައުމެއްގެ އުފެއްދުމެއް ކަަމަށާއި އެ އެ ގައުމުގައި އެ ނިޒާމު ޓެސްޓް ވެސް ކޮށްފައިވާ ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މިއަދު ވިދާޅުވެއްޖެ އެވެ.

ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ހިދުމަތުގެ ގާނޫނުގެ ބިލާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް މައުލޫމާތު ހިއްސާ ކުރައްވަމުން ގަވަރުނަރު ވިދާޅުވީ، ޕޭމަންޓް ސިސްޓަމް ރާއްޖެ އަށް ގެނެސް، ރާއްޖެއާ ގުޅޭ ގޮތަށް ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ ކަމަށެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ގަވަރުނަރު ވިދާޅުވީ ޕޭމަންޓް ސިސްޓަމް ގެނައުމުގެ ކަންތައް އަދި އޮތީ މަޝްވަރާއާ ހިސާބުގައި ކަމަށެވެ. އެ ނިޒާމު ރާއްޖޭގައި ގާއިމު ކުރަނީ ކޮން ކުންފުންޏަކުންތޯ ނަޝީދުު ސުވާލު ކުރެއްވުމުން އަލީ ހާޝިމް ވިދާޅުވިގޮތުގައި، މަޝްވަރާއާ ހިސާބުގައި އޮތުމުން އެއީ ކޮން ކުންފުންޏެއްކަން އަދި ވިދާޅުވާން އޭނާ އެދިވަޑައެއް ނުގަންނަވަ އެވެ.

"ކޮންޓްރެކްޓް ނިމޭނެ މި އަންނަ ހަފުތާ ތެރޭގައި. ކޮންޓްރެކްޓްގައި ސޮއިކުރެވޭނެ،" ގަވަރުނަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕޭމަންޓް ސިސްޓަމް ރާއްްޖޭގައި ގާއިމު ކޮށްދޭ ކުންފުންޏާ ބެހޭ މައުލޫމާތު، ކޮމިޓީ މަރުހަލާގައި އެމްއެމްއޭ އިން ދޭނެ އެވެ. އެ ނިޒާމު ޓެސްޓު ކުރުމުގެ މަސައްކަތް އަންނަ އަހަރުގެ އޮކްޓޯބަރު މަހު ފަށާނެ ކަމަށާއި އެ އަށް ފަހު ކުރިމަތިވާ މައްސަލަތައް ބަލައި ރަނގަޅު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ބައިނަލްއަގުވާމީ ޕޭމަންޓް ސިސްޓަމްތަކާއި ރާއްޖޭގެ ސިސްޓަމް ގުޅާލާނީ އޭގެ ފަހުންނެވެ. އެ ނިޒާމަށް އެމްއެމްއޭގެ މުވައްޒަފުން ވެސް އަހުލުވެރި ކުރުވަން ޖެހޭ ކަމަށާއި އެކަންކަމަށް ހަ މަސް ދުވަސް ހޭދަވާ ކަަމަށް ވެސް އަލީ ހާޝިމް ވިދާޅުވި އެވެ.

"އެހެންވީމާ މިހާރު އަޅުގަނޑުމެންގެ ޕްލޭންގައި މި އޮތީ ހަ މަސް ދުވަސް. އެއީ ޓެސްޓިން ފޭސް އަށް، ޓެސްޓިންގެ ފަހުން ހަ މަސް ދުވަސް ބަލާފައި ދެން އެ ޑިސިޝަން ނަގާ ގޮތަށް [ބައިނަލްއަގުވާމީ ނިޒާމުތަކާ ގުޅައިލުމުގެ ނިންމުން ނިންމާ ގޮތަށް]،" އޭނާ ވިދާޅުވި އެވެ.

ޕޭޕާލްގެ ހިދުމަތަށް މަގުފަހިވާނެ

ޕޭޕާލް މެދުވެރިކޮށް ފައިސާ ބަލައިގަތުމުގެ ހިދުުމަތް ރާއްޖެ އަށް ނުލިބޭތީ ބައެއް ޒުވާނުން ފާޅުކުރާ ކަންބޮޑުވުމާ ބެހޭ ގޮތުން ވެލިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ކުރެއްވި ސުވާލަަކަށް ޖަވާބު ދެއްވަމުން އަލީ ހާޝިމް ވިދާޅުވީ، ރާއްޖޭގައި ގާއިމުކުރަން އުޅެނީ އައިއެސްއޯ 222ގެ މިންގަނޑަށް ފެތޭ ނިޒާމެއް ކަމަށާއި އެހެންވީމާ އެފަދަ ހިދުމަތްތައް ހޯދަން މަގުފަހި ކުރެވޭނެ ކަމަށެވެ. އެކަމަކު ހިދުމަތް ދިނުމަކީ ޕޭޕާލްގެ ނިންމުމެއް ކަމަށާއި އެ ހިދުމަތް ރާއްޖެ އަށް ގެންނަން މިހާރު ވެސްް އެދިފައިވާ ކަމަށް ވިދާޅުވި އެވެ.

އެކަމަށްޓަކައި ރާއްޖޭން ކުރެވޭނެ ކަމަކީ ޕޭމަންޓް ސިސްޓަމް ގާއިމުކޮށް، އެ އިންތިޒާމުތައް ހުރި ކަމުގެ މައުލޫމާތު ޕޭޕާލް ފަދަ ހިދުމަތްތައް ދޭ ފަރާތްތަކަށް އެންގުން ކަަމަށް ގަވަރުނަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވެސް މަޑުމަޑުން ޕްރެޝާ އެބަ ބިލްޑު ކުރަން. އެކަމަކު އެ ޑިސިޝަން އަކީ އެ ބޭފުޅުންގެ ޑިސިޝަނެކޭ، އަޅުގަނޑުމެންގެ ޑިސިޝަނެއް ނޫނޭ. އަޅުގަނޑުމެންގެ ޑިސިޝަނަކަށް ވާނީ އަޅުގަނޑުމެންގެ ސިސްޓަމްތައް މި އޮތީ ތައްޔާރަށޭ މިހާރު ތިޔަ ބޭފުޅުން ގުޅާލަން، [ބުނުން]،" އޭނާ ވިދާޅުވި އެވެ.

ރާއްޖެ އަށް ޕޭޕާލްގެ ހިދުމަތް ހޯދައިދޭން ސޯޝަލް މީޑިއާގައި ވެސް ބައެއް ޒުވާނުން އަންނަނީ ގޮވައިލަމުންނެވެ. ގަވަރްނަރު ވިދާޅުވި ގޮތުގައި އެ ޚިދުމަތް ނުލިބުމުގެ ޝަކުވާތައް އެމްއެމްއޭ އަށް ވެސް އާދެ އެވެ.