Roadha Mihaaru
އޭސީސީން ތަހުގީގުކުރުމުގެ އާ ގަވައިދު ގެޒެޓްކޮށްފި

އޭސީސީން ތަހުގީގުކުރުމުގެ އާ ގަވައިދު ގެޒެޓްކޮށްފި

14 އޮކްޓޯބަރ 2020

އެންޓި ކޮރަޕްޝަން ކޮމިޝަން، (އޭސީސީ) އިން ތަހުގީގުކުރުމުގެ އިޖުރާއަތުގެ ގަވައިދު އިސްލާހުކޮށް އާ ގަވައިދެއް އެ ކޮމިޝަނުން މިއަދު ގެޒެޓްކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އެންޓި ކޮރަޕްޝަން ކޮމިޝަން، (އޭސީސީ) އިން ތަހުގީގުކުރުމުގެ އިޖުރާއަތުގެ ގަވައިދު އިސްލާހުކޮށް އާ ގަވައިދެއް އެ ކޮމިޝަނުން މިއަދު ގެޒެޓްކޮށްފި އެވެ.

އޭސީސީން މިއަދު ގެޒެޓްކުރީ "އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ތަހުގީގުކުރުމުގެ އިޖުރާއަތުގެ ގަވައިދު" އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާ ގޮތުން އެ ގާނޫނަށް އަމަލުކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި، ޖިނާއީ ތަހުގީގީ އިދާރާތަކުން އެކަމާ ގުޅޭ ގަވައިދެއް ހަދަންޖެހެ އެވެ. މި މުއްދަތުގައި އޭސީސީން ގަވައިދެއް ހަދައި އަމަލުކުރަމުން އައި ނަމަވެސް އެ ގަވައިދު އޮތީ ގާނޫނާ އެއްގޮތަށް ނޫން ކަމަށް ބުނެ އެކަމުގެ ޝަކުވާ މިދިޔަ އޮގަސްޓްމަހު އާއްމު ފަރާތަކުން ރައްްޔިތުންގެ މަޖިލީހަށް ވެސް ހުށަހެޅި އެވެ.

އެ މައްސަލަ ހުށަހެޅުމުން އޭސީސީން އޭރު ނެރުނު ބަޔާނެއްގައި ބުނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދު، ތަހުގީގީ އިދާރާތަކުގެ ތެރެއިން އެންމެ ފުރަތަމަ ހެދީ އެ ކޮމިޝަނުން ކަމަށެވެ. ނަމަވެސް އެ ގަވާއިދު ހަދާފައިވަނީ ޖިނާއީ އިޖުރާއާތުގެ ގާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިން އަދި ގާނުނާ ހަވާލާ ވެސް ނުދީ ކަމަށް ވާތީ އެކަމުގައި ސުވާލު އުފެދުނެވެ.

އޭސީސީން ތަހުގީގުތައް ހިންގުމުގައި އަމަލުކުރާނެ އުސޫލުތައް ކޮމިޝަނުން މިއަދު އާއްމުކުރި ގަވައިދުގައި ބުނެފައިވާ ގޮތުގައި އެ ގަވައިދަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 211 ވަނަ މާއްދާގެ (ހ)ގެ (1) ވަނަ މާއްދާ އާއި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނުގެ 36 ވަނަ މާއްދާއިން ބާރުލިބިގެން ހަދާފައިވާ ގަވައިދެކެވެ.

މި ބައި ގަވައިދަށް އިތުރުކުރުން ފިޔަވައި، ކުރިން އަމަލުކުރަމުން އައި ގަވައިދާ އާ ގަވާއިދުގެ މާ ބޮޑު ތަފާތެއް ނެތެވެ.