Roadha Mihaaru
ހެލްތު މިނިސްޓަރުކަން އަހުމަދު ނަސީމަށް

ހެލްތު މިނިސްޓަރުކަން އަހުމަދު ނަސީމަށް

22 އޮކްޓޯބަރ 2020

ހެލްތު މިނިސްޓަރު ކަމަށް ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު ނަސީމް (ކެރެފާ ނަސީމް) ދެންމެ އައްޔަން ކުރައްވައިފި އެވެ.

ހެލްތު މިނިސްޓަރު ކަމަށް ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު ނަސީމް (ކެރެފާ ނަސީމް) ދެންމެ އައްޔަން ކުރައްވައިފި އެވެ.

އެކަން ހާމަ ކުރައްވައި ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން އިބްރާހިމް ހޫދު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ހެލްތު މިނިސްޓަރު ކަމަށް އައްޔަންކުރެއްވި ނަސީމަށް ރައީސް މިއަދު ފަތްކޮޅު އަރުއްވާފައިވާ ކަމަށެވެ.

ނަސީމަށް ހުވައިލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދެވެ. ހުވައިކުރެއްވުމަށް ފަހު، އަހުމަދު ނަސީމް ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިގުރާރުގައި ސޮއިކުރައްވައިފަ އެވެ.

ހެލްތު މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ނަސީމް ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގަ އެވެ. އޭނާ ވަނީ ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުގައި މާޗް 21، 2011 އިން ފެބްރުއަރީ 7، 2012ގެ ނިޔަލަށް ފޮރިން މިނިސްޓަރު ކަމުގެ މަގާމު ވެސް ފުރުއްވައިފަ އެވެ.

އަދި އޭގެ ކުރިން ނަސީމް ވަނީ ސްޓޭޓް ފޮ ފޮރިން އެފެއާޒްގެ މަގާމު ވެސް ފުރުއްވައިފަ އެވެ. އޭނާ ސަރުކާރާ ގުޅިވަޑައިގަތީ 1966 ވަނަ އަހަރު އެވެ.

ހެލްތު މިނިސްޓަރުގެ މަގާމު ހުސްވީ، މީގެ ދެ ދުވަސް ކުރިން އެ މަގާމުން އަބްދުﷲ އަމީން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވާފައި ވަނީ ކޮވިޑް 19 އާ ގުޅިގެން، ރާއްޖެ ގެންނަން އުޅުނު ވެންޓިލޭޓަރުތަކުގެ ތެރެއިން ދުބާއީ ކުންފުންޏަކާ ހަވާލު ކުރި 75 ވެންޓިލޭޓަރުގައި ކޮރަޕްޝަންގެ ތުހުމަތުތަކެއް ހިމެނި، އެ މައްސަލަ ބަލަމުން ދަނިކޮށެވެ. އަމީން އިސްތިއުފާ ދެއްވާފައި ވަނީ އެ މައްސަލާގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ ގިނަ މެމްބަރުންތަކެއް އޭނާގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހަޅާފައި އޮއްވަ އެވެ.

އަމީން އަކީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޒީރު ކަމުގައި ހުންނެވި ބޭފުޅެކެވެ. އެކަމަކު ނަސީމަކީ އެމްޑީޕީގެ މެމްބަރެކެވެ.