Roadha Mihaaru
ފުޓުނި ނޭޅިޔަސް ދަތް އަމިއްލައަށް މަރާމާތުވާނެ ގޮތެއް

ފުޓުނި ނޭޅިޔަސް ދަތް އަމިއްލައަށް މަރާމާތުވާނެ ގޮތެއް ހޯދިދާނެ

19 ޖެނުއަރީ 2017

ފަނި ކައިފައި ހުންނަ ދަތުގައި ފުޓުނި ނޭޅިޔަސް ދަތުގެ ސްޓެމް ސެލްތަކުން އަމިއްލަ ޒާތުގައި ދަތް މަރާމާތުވާނެ ގޮތެއް ހޯދޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް ދިރާސާ ރިޕޯޓެއްގައި ބުނެފި އެވެ.

ފަނި ކައިފައި ހުންނަ ދަތުގައި ފުޓުނި ނޭޅިޔަސް ދަތުގެ ސްޓެމް ސެލްތަކުން އަމިއްލަ ޒާތުގައި ދަތް މަރާމާތުވާނެ ގޮތެއް ހޯދޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް ދިރާސާ ރިޕޯޓެއްގައި ބުނެފި އެވެ.

ސައިންސްވެރިން މިހެން ބުނެފައި ވަނީ މީދާ ބޭނުންކޮށްގެން ލެބޯޓަރީގައި ކުރި ތަހުލީލެއްގައި "ޓައިގްލުސިބް" ކިޔާ ބޭހަކުން ދެއްކި ނަތީޖާއަށް ފަހުގަ އެވެ. ދަތް އަމިއްލަ އަށް މަރާމާތުވުމުގެ މަސައްކަތް މި ބޭހުން ވަރުގަދަވެ ހަލުވިވާ ކަމަށް ތަހުލީލުން ދެއްކި އެވެ.

"ދަތަކީ އޭގެ ސްޓެމް ސެލްތައް ހަރަކާތްތެރި ކުރުވައިގެން އަމިއްލަ އަށް މަރާމާތުވުމުގެ ގާބިލްކަން ވަރަށް ކުޑަކޮށް ލިބިފައިވާ އެއްޗެއް،" ދިރާސާގައި އިސްކޮށް ހުންނެވި ޕޯލް ޝާޕް ވިދާޅުވި އެވެ.

އިންގްލެންޑުގެ ކިންގްސް ކޮލެޖް ލަންޑަންގެ ޑެންޓަލް އިންސްޓްޓިއުޓްގެ ކްރެނިއޯފޭޝަލް ބަޔޮލޮޖީގެ ޕްރޮފެސަރު ޝާޕް ވިދާޅުވީ ޓައިގްލުސިބް ދިނުމުން، ދަތުގައި ހުންނަ އަމިއްލައަށް މަރާމާތުވުމުގެ ގާބިލްކަން ވަރަށް ބޮޑަށް އިތުރުވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ދަތުގެ އަމިއްލަ މާއްދާތަކުން ދަތް މަރާމާތުވާ ނަމަ ދަތުގެ ގުދުރަތީ ބައްޓަމާއި ހާލަތު ޒަމާންތަކަކަށް ދެމެހެއްޓޭނެ އެވެ. ފުރަތަމަ ތަހުލީލުގައި ބޭނުންކުރި ވަރަށް ވުރެ ބޮޑެތި ދަތްތައް ބޭނުންކޮށްގެން އާ ދިރާސާކޮށް އޭގެ ފަހުން އިންސާނުން ބޭނުންކޮށްގެން ދިރާސާ ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.

މި ދިރާސާގައި ބުނާ ގޮތަށް ކަންތައް ވެދާނެ ކަމަށް ދަތުގެ ޑޮކްޓަރުންގެ ވަރަށް ގިނަ ބޭފުޅުން އެއްބަސްވެ ވަޑައިގަންނަވަ އެވެ.