Roadha Mihaaru
ހިރުގަނޑުގެ އިންފެކްޝަނާ ހަނދާންނެތޭ ބައްޔާ ގުޅުމެއް

ހިރުގަނޑުގެ އިންފެކްޝަނުން ހަނދާންނެތޭ ބައްޔަށް މަގު ފަހިވެދާނެ

27 ޖެނުއަރީ 2019

ހިރުގަނޑަށް ކުރިމަތިވާ އިންފެކްޝަންތަކުން ސިކުނޑި އަށް އަސަރުކޮށް އަލްޒެއިމާ ނުވަތަ ހަނދާން ނެތޭ ބައްޔަށް މަގު ފަހިވެދާނެ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހިރުގަނޑަށް ކުރިމަތިވާ އިންފެކްޝަންތަކުން ސިކުނޑި އަށް އަސަރުކޮށް އަލްޒެއިމާ ނުވަތަ ހަނދާން ނެތޭ ބައްޔަށް މަގު ފަހިވެދާނެ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ސައިންސް އެޑްވާންސެސް ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނެފައިވާ ގޮތުގައި ހިރުގަނޑުގެ އިންފެކްޝަން ކުރިމަތި ކުރުވާ މައިގަނޑު އެއް ޒަރީއަކީ ޖަރާސީމުގެ ބާވަތެއް ކަމަށްވާ ޕޯފިރަމޯނަސް ޖިންޖައިވެލިސް (ޕީޖޭ) އެވެ. މީގެ ސަބަބުން ހިރުގަނޑަށް ދިމާވާ މައްސަލަތަކުން ދަތް ވެރުމުގެ ފުރުސަތު ވެސް ބޮޑެވެ.

ދިރާސާ ހެދި ފާމަސޫޓިކަލް ކުންފުނި ކޯޓެކްސްމީން ބުނި ގޮތުގައި ހިރުގަނޑުގެ އިންފެކްޝަނާއި އަލްޒެއީމާއާ ހުރީ ކިހާ ވަރެއްގެ ގުޅުމުއްތޯ ބެލުމަށް، އެ ބަލީގެ ޝިކާރައަކަށްވެފައިވާ 53 މީހެއްގެ މައުލޫމާތު އެއްކޮށްގެން ބެލި އިރު، އޭގެ ތެރެއިން 51 މީހުންގެ ސިކުނޑީގެ އޮޓޮޕްސީން ޕީޖީގެ އަސަރު ފެނިފައިވެ އެވެ.

"އެހެންވީމާ މިއީ އަލްޒެއިމާ އަށް ފަރުވާ ހޯދުމުގައި ލިބުނު ކުރިއެރުމެއް،" ދިރާސާގައި ބައިވެރިވި ޑރ. ކޭސީ ލީންޗް ވިދާޅުވި އެވެ. "މީގެ ކުރިން ވެސް އެބަހުރި ހިރުގަނޑާއި ދަތަށް ދިމާވާ މައްސަލަތަކާއި އަލްޒެއިމާއާ ގުޅުން ހުރިކަން ދައްކާފައި. މި ފަހަރު މި ހޯދުމަށް ބަލާއިރު މިއީ ފަރުވާ ހޯދުމުގައި ދެން އަހަރެމެންނަށް މަސައްކަތް ކުރުމުގައި އާ ވިސްނުންތަކަކަށް ދާން މަގުފަހިކޮށް ވެސް ދޭނެ ކަމެއް."

ނަމަވެސް މި ދިރާސާ އަށް އިޝާރާތްކޮށް، އިނގިރޭސިވިލާތުގެ އަލްޒެއިމާ ސޮސައިޓީގެ ވެރިޔާ ޖޭމްސް ޕިކެޓް ވިދާޅުވި ގޮތުގައި ހަނދާން ނެތޭ ބަލި ކުރިމަތިވާ މައިގަނޑު މައްސަލައަކީ ހިރުގަނޑުގެ އިންފެކްޝަން ނޫން ކަމަށެވެ.

ނަމަވެސް އޭނާ ވެސް ފާހަގަކުރި ގޮތުގައި ހިރުގަނޑުގެ އިންފެކްޝަނަކީ ސިކުނޑީގެ ސެލްތައް ހަލާލުކޮށްލަން މެދުވެރިވާ ކަމެއްގެ ގޮތުގައި ޓެސްޓަކުން ވެސް ދައްކާފައިވެ އެވެ.