Roadha Mihaaru
މަރުވި މީހާ ރަސްފަންނަށްދާ ވީޑިއޯ އާންމުކޮށްފި

މޫދުގައި މަރުވެފައި އޮއްވާ ފެނުނު މީހާ ރަސްފަންނަށްދާ ވީޑިއޯ އާންމު ކޮށްފި

27 އޮކްޓޯބަރ 2020

އައިޖީއެމްއެޗްއާ ދިމާލުން މޫދުގައި މަރުވެފައި އޮއްވާ ފެނުނު މީހާ އެންމެ ފަނުން ފެނިފައިވާ ވީޑިއޯ ފުލުހުން މިއަދު އާންމުކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

އައިޖީއެމްއެޗްއާ ދިމާލުން މޫދުގައި މަރުވެފައި އޮއްވާ ފެނުނު މީހާ އެންމެ ފަނުން ފެނިފައިވާ ވީޑިއޯ ފުލުހުން މިއަދު އާންމުކޮށްފި އެވެ.

މޫދު އަޑީގައި މަަރުވެފައި އޮއްވާ ފެނުނީ ގދ. ވާދޫ މުހައްމަދު ސިދުރަތުﷲ، 31، އެވެ.

އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވޭތޯ ބަލަން، އޭނާ އެންމެ ފަހުން ފެނިފައިވާ މަންޒަރު ދައްކައިދޭ ސީސީޓީވީ ވީޑިއޯ އެއް ފުލުހުން ވަނީ މިހާރު އާންމުކޮށްފަ އެވެ. އޭނާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު 9:00 އާއި 12:00 އާ ދެމެދު ރަސްފަންނު ދިމާލުން މޫދަށް ދަނިކޮށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން މިއަދު ކުރި ޓްވީޓެއް

އެ ވީޑިއޯ އިން ފެންނަނީ ބްލޫކިޔާ މަގުން ސިދްރަތު ހިނގަމުން ގޮސް، ކަނބާ އައިސާ ރަނި ހިނގުމުން ލާފައި އައިޖީއެމްއެޗްގެ ކަންމައްޗަށް އޮންނަ މުރަނގަ މަގުން ރަސްފަންނަށް ދާ މަންޒަރެވެ. އެ ވީޑިއޯ ނިމެނީ އޭނާ މޫދަށް އެރޭ ހިސާބުންނެވެ. ސިދްރަތު ލައިގެން ހުރީ އަޅި ކުލައިގެ ޖިންސަކާއި ގޮޅި ޖެހި ކަޅު ކުލައިގެ ގަމީހެކެވެ. އޭނާގެ ކޮނޑު މަތީގައި ހުދު ކުލައިގެ ތުވާއްޔެއް އޮތެވެ.

ސިދުރަތާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ 9911099 ނުވަތަ 119 އަށް ގުޅާ، އަންގަން ފުލުހުން ވަނީ އެދިފަ އެވެ.

އޭނާގެ ހަށިގަނޑުގައި ޒަހަމްތަކެއް ހުރުމުން ޕޯސްޓްމޯޓަމެއް ހަދަން ނިންމާފައިވާ ކަމަށް ފުލުހުން މީގެ ކުރިން ބުނެފައި ވެ އެވެ. އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ހިއްސާއެއް ނުކުރެ އެވެ.

ކުށުގެ ރެކޯޑު އޮތް އެ މީހާ ފެނުނު އިރު ހަށިގަނޑުގައި ޒަހަމްތަކެއް ހުރި ކަމަށް ވެ އެވެ. އަދި އެކަންތައްތައް ފާހަގަކޮށް، އޭނާގެ އާއިލާއިން ވަނީ މައްސަލަ، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި އެހެން މުއައްސަސާތަކަށް ވެސް ހުށަހަޅައިފަ އެވެ.