Roadha Mihaaru
ނެޓްފްލިކްސްގެ އަގުތަކަށް ބަދަލުތަކެއް

ނެޓްފްލިކްސްގެ އަގުތަކަށް ބަދަލުތަކެއް

01 ނޮވެމްބަރ 2020

ސްޓްރީމިން އަށް އެންމެ ގިނަ ބަޔަކު ބަރޯސާވާ ނެޓްފްލިކްސްގެ ޕެކެޖްތަކުގެ އަގުތަކަށް ބަދަލު ގެންނަން ފަށައި އެމެރިކާގައި އަގުތައް ބޮޑުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސްޓްރީމިން އަށް އެންމެ ގިނަ ބަޔަކު ބަރޯސާވާ ނެޓްފްލިކްސްގެ ޕެކެޖްތަކުގެ އަގުތަކަށް ބަދަލު ގެންނަން ފަށައި އެމެރިކާގައި އަގުތައް ބޮޑުކޮށްފި އެވެ.

ތިން ޕެކޭޖެއްގެ ދަށުން ހިދުމަތް ދެމުން އަންނަ ޕްލެޓްފޯމުން އެމެރިކާގެ ސަބްސްކްރައިބަރުންގެ އަގަށް ގެނައި ބަދަލުތަކަށް ބަލާ އިރު ޕްރިމިއަމް ޕެކޭޖްގެ މަހު ފީ މިހާރު ވަނީ 12.99 ޑޮލަރުން 13.99 ޑޮލަރަށް ބޮޑުކޮށްފަ އެވެ. އަގަށް މި ގެނައި ބަދަލާ އެކު ސަބްސްކްރައިބަރުންނަށް މިހާރު އެ ޕެކޭޖް އެޗްޑީ ކޮލިޓީގައި އެއްފަހަރާ ދެ ޑިވައިސްއަކުން ބަލައިލެވޭނެ އެވެ.

އަގަށް ބަދަލު ގެނައި ދެވަނަ ޕެކޭޖަކީ ކުރިން މަހު ފީ އަށް 15.99 ޑޮލަރު ނެގި ސްޓޭންޑާޑް ޕެކޭޖެވެ. އެއަށް ގެނައި ބަދަލާ އެކު މިހާރު މަހު ފީ 17.99 ޑޮލަރަށް ބޮޑުކޮށްފައިވާ އިރު 4K ކޮލިޓީގައި އެއްފަހަރާ ހަތަރު ޑިވައިސްއަކުން ޑައުންލޯޑްކުރެވޭނެ އެވެ.

އަގަށް ބަދަލު ނުގެނެސް އޮތީ މަހު ފީ އަށް 8.99 ޑޮލަރު ދައްކާ ބޭސިކް ޕެކޭޖެވެ.

އެމެރިކާގެ ކަސްޓަމަރުންނަށް ހިދުމަތް ދޭ އަގަށް ބަދަލު ގެނައި ވާހަކަ ބުރާސްފަތި ދުވަހު އިއުލާންކުރުމަށް ފަހު، ނެޓްފްލިކްސް އިން ބުނީ އެކަން ނޮޓިފިކޭޝަނަކުން ކުރިއަށް އޮތް ދުވަސްތަކުގައި ކަސްޓަމަރުންނަށް އަންގަމުން ދާނެ ކަމަށެވެ. އެ ކުންފުނިން ބުނިގޮތުގައި އަގުތަކަށް މި ވަގުތު ބަދަލު ގެންނަން ނިންމީ ކޮންޓެންޓް އިތުރަށް ވަރުގަދަކުރުމަށްޓަކަ އެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި ވަރުގަދަ ފިލްމުތަކާއި ސީރީޒްތަކާއި ޝޯތަކާއި ޑޮކިއުމަންޓަރީ ފަދަ އުފެއްދުންތައް އަންނާނެ ކަމަށް ބުންޏެވެ.

މިދިޔަ އަހަރު ވެސް އެމެރިކާގައި ނެޓްފްލިކްސްގެ ސަބްސްކްރިޕްޝަން ފީ ބޮޑުކޮށް، އަލުން އަނެއްކާ މި އަހަރު ޕެކޭޖްތަކުގެ ފީ ބޮޑުކުރި އިރު، އިތުރު ގައުމުތަކުގައި ވެސް އަގަށް ބަދަލު ގެނެސްފާނެ ކަމަށް ބައެއް މީޑިއާތަކުން ބުނެ އެވެ. އެކަމަކު އެފަދަ ޕްލޭނެއް ނެތް ކަމަށް ނެޓްފްލިކްސް އިން ބުންޏެވެ.

ސަބްސްކްރިޕްޝަން ފީ އަށް ނެޓްފްލިކްސް އިން ބަދަލުތަކެއް ގެނެސްފައިި މި ވަނީ އަންދާޒާކުރި ވަރަށް ފާއިތުވި ދެ މަހުގެ އާމްދަނީ ވެސް ދަށްވެފައި ވަނިކޮށެވެ. އެކަމަކު މި އަހަރަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ޑިމާންޑް ވަރަށް ބޮޑުތަނުން އުފުލިގެން ދިޔަ އަހަރެކެވެ.

މީގެ 23 އަހަރު ކުރިން 1997 ގައި ވުޖޫދަށް އައި ނެޓްފްލިކްސް އަށް ފީ ދައްކައިގެން ބޭނުންކުރާ މީހުންގެ އަދަދު މިހާރު 193 މިލިއަނަށް އަރަ އެވެ. އެ ހިދުމަތް 190 ގައުމަކަށް ލިބެ އެވެ.