Roadha Mihaaru
ރާޒުވާ ލެޖެންޑަކު ނެޓްފްލިކްސް އަށް ބޮޑު ދައުވާއެއް

ރާޒުވާގައި ފިރިހެނަކާ ވާދަނުކުރާ ކަމަށް ބުނުމުން ނެޓްފްލިކްސް އަށް ދައުވާކޮށްފި

19 ސެޕްޓެމްބަރ 2021

ނެޓްފްލިކްސް އިން މިދިޔަ އަހަރު ގެނެސްދިން ކާމިޔާބު މިނީ ސީރީޒް "ކްއީންސް ގަމްބިޓް" ގައި ޖޯޖިއާގެ ރާޒުވާ ލެޖެންޑް ނޯނާ ގެޕްރިންޑަޝްވިލީ ދުވަހަކު ވެސް ފިރިހެން ކުޅުންތެރިޔަކާ ވާދަނުކުރާ ކަމަށް ބުނާތީ އެއީ ދޮގެއް ކަމަށް ބުނެ ގެއްލުމުގެ ބަދަލު ހޯދަން ނެޓްފްލިކްސް އަށް ބުރާސްފަތި ދުވަހު ދައުވާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ނެޓްފްލިކްސް އިން މިދިޔަ އަހަރު ގެނެސްދިން ކާމިޔާބު މިނީ ސީރީޒް "ކްއީންސް ގަމްބިޓް" ގައި ޖޯޖިއާގެ ރާޒުވާ ލެޖެންޑް ނޯނާ ގެޕްރިންޑަޝްވިލީ ދުވަހަކު ވެސް ފިރިހެން ކުޅުންތެރިޔަކާ ވާދަނުކުރާ ކަމަށް ބުނާތީ އެއީ ދޮގެއް ކަމަށް ބުނެ ގެއްލުމުގެ ބަދަލު ހޯދަން ނެޓްފްލިކްސް އަށް ބުރާސްފަތި ދުވަހު ދައުވާކޮށްފި އެވެ.

އެމެރިކާގެ ލޮސް އެންޖެލިސްގެ ފެޑެރަލް ޑިސްޓްރިކްޓް ކޯޓަށް ހުށަހެޅި ދައުވާގައި ބުނެފައި ވަނީ ކެރިއަރާ ބެހޭ ގޮތުން ސައްހަ ނޫން ވާހަތަކެއް ހިމަނައި، އޭނާގެ ކެރިއަރާ މެދު އާންމުންގެ މެދުގައި ސުވާލު އުފެދޭ ފަދަ ގޮތަކަށް މަންޒަރެއް ގެނެސްދިނުމަކީ ދިން ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. ކޯޓަށް މައްސަލަ ހުށަހެޅީ ލިބުނު ގެއްލުމުގެ ބަދަލަށް 5 މިލިއަން ޑޮލަރު ހޯދާށެވެ.

ނޯނާގެ ކާމިޔާބު ކެރިއަރުގައި ދުވަހަކު ވެސް ރާޒުވާ މުބާރާތެއްގައި ފިރިހެން ކުޅުންތެރިޔަކާ ވާދަނުކުރާ ކަމަށް ބުނެ "ކްއީންސް ގަމްބިޓް" ގައި ހިމެނި މަންޒަރަކީ 7 އެޕިސޯޑްގެ ސީރީޒްގެ ފަހު އެޕިސޯޑެވެ.

ސީރީޒްގައި ދައްކާ 1968 ގެ މަންޒަރެއްގައި ރާޒުވާ މެޗެއްގެ ކޮމެންޓްރީގައި ނޯނާގެ ކެރިއަރު ސިފަކޮށްދެމުން އަންހެން ކުޅުންތެރިއެއްގެ ގޮތުން އޭނާ އަކީ ވަރަށް ފާހަގަކޮށްލެވޭ ޝަހުސިއްތަޔަކަށް ވިޔަސް އެއީ އެ ދުވަސްވަރަށް ބަލާ އިރު ރަޝިއާގައި ވެސް މާ ހާއްސަ ކަމެއް ނޫން ކަމަށް ބުނެ އެވެ. އަދި ނޯނާ އަކީ ރާޒުވާގެ އަންހެން ޗެމްޕިއަނަކަސް އޭނާ މުބާރާތެއްގައި ދުވަހަކު ވެސް ފިރިހެން ކުޅުންތެރިޔަކާ ވާދަނުކުރާ ކަމަށް ކޮމެންޓޭޓަރު ބުނެ އެވެ.

"ކްއީން ގަމްބިޓް" އެ މަންޒަރާ ގުޅިގެން ނެޓްފްލިކްސްއާ ދެކޮޅަށް ނޯނާ ހުށަހެޅި 25 ސޮފުހާގެ ދައުވާގައި ކެރިއަރުގެ އުސްއަލިތައް ހިމަނައި އޭނާގެ ކެރިއަރުގައި މަދުވެގެން 59 ފިރިހެން ކުޅުންތެރިންނާ ވާދަކުރި ކަމަށް ބުނެފައިވެ އެވެ. ނޯނާ ބުނީ ސީރީޒްގައި ހިމަނާފައިވާ ވާހަކަތަކަކީ މައުލޫމާތު ހޯދަންވާ ވަރަށް ނުހޯދައި އަދި ޖިންސީ ގޮތުން ކުރި ފުރައްސާރައެެއް ކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 23 ގައި ސްޓްރީމްކުރި "ކްއީންސް ގަމްބިޓް" އަކީ ރާޒުވާގެ ހިޔާލީ ޗެމްޕިއަނަކަށް ބިނާކޮށް ގެނެސްދިން އެއްޗެކެވެ. އޭގެ ވާހަކަ ބިނާކޮށްފައި އޮތީ ހަމަ އެ ނަމުގައި ލިޔުންތެރިޔާ ވޯލްޓާ ޓެވިސްގެ 1983 ގެ ވާހަކައަށެވެ.

"ކްއީންސް ގަމްބިޓް" ގައި ރާޒުވާ ޗެމްޕިއަން ބެތު ހާމަންގެ ރޯލު ކުޅުނީ އާނަ-ޓޭލާ ޖޯއި އެވެ. ގޯލްޑެން ގްލޯބާއި އެމީ އެވޯދްސް ހޯދި އެ ސީރީޒަކީ ސްކޮޓް ފްރޭންޑް ޑައިރެކްޓްކުރި އެއްޗެކެވެ.

"ކްއީންސް ގަމްބިޓް" އަށް ނޯނާ ކުރާ ދައުވާއާ ގުޅިގެން ނެޓްފްލިކްސް ބުނީ ދައުވާގައި އޮއްޓަރެއް ނެތް ކަމަށާއި "ދައުވާ އިން ދިފާއުވެވޭނެ" ކަމަށެވެ.

މިހާރު އުމުރުން 80 އަހަރުގެ ނޯނާ އަކީ އިންޓަނޭޝަނަލް ޗެސް ފެޑެރޭޝަނުން ގްރޭންޑްމާސްޓަރެއްގެ ދަރަޖަ ދިން ފުރަތަމަ އަންހެން ކުޅުންތެރިޔާ އެވެ. އަދި އޭނާ އަކީ ވިމެންސް ވޯލްޑް ޗެސް ޗެމްޕިއަންކަން ހޯދި ފަސް ވަނަ އަންހެނާ އެވެ.