Roadha Mihaaru
އަންހެން ޓެކްސީ ޑްރައިވަރަށް މިފަހަރު އެހީވީ މަހްލޫފް

އަންހެން ޓެކްސީ ޑްރައިވަރަށް މިފަހަރު އެހީވީ މަހްލޫފް

01 ނޮވެމްބަރ 2020

މާލޭގައި ޓެކްސީކުރާ ހަމައެކަނި އަންހެން ޑްރައިވަރުގެ ކާރަށް ގެއްލުންދީ، އާމްދަނީ އަށް ހުރަސްއަޅާފައި ވަނިކޮށް، ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އޭނާ އަށް އެހީތެރިވެދީފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މާލޭގައި ޓެކްސީކުރާ ހަމައެކަނި އަންހެން ޑްރައިވަރުގެ ކާރަށް ގެއްލުންދީ، އާމްދަނީ އަށް ހުރަސްއަޅާފައި ވަނިކޮށް، ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އޭނާ އަށް އެހީތެރިވެދީފި އެވެ.

ކާރުގެ ބިއްލޫރިގަނޑު ފަސް ވަނަ ފަހަރަށް ތަޅާލިކަން އެނގިވަޑައިގަތުމުން މިނިސްޓަރުގެ ފަރާތުން އައިންތުއަށް ގުޅައި، ކާރު ވަނީ މަރާމާތުކޮށްދީފަ އެވެ. އެ އެހީތެރިކަމަށް ޝުކުރު އަދާކުރަމުން އައިންތު މިއަދު ވަނީ ޓެކްސީކުރަން ފަށައިފަ އެވެ.

"އެހާ އަވަހަށް އަހަރެންނަށް މަސައްކަތަށް މި ނުކުމެވުނީ މިނިސްޓަރު މަހްލޫފްއާ ހެދި. ގައިމު ވެސް ޓެކްސީ މަރާމާތުކުރެވޭނެ ގޮތެއް މިވަގުތަކު އަހަރެންނަކަށް ނެތް. އެހީ ނުވި ނަމަ އާމްދަނީ ހޯދަން މިއަދު ކާރުގައި ނީނދެވުނީސް،" އައިންތު ބުންޏެވެ.

މިއީ، ހަމައެކަނި އަންހެން ޑްރައިވަރެއްގެ ގޮތުގައި ޓެކްސީކުރާ އައިންތުގެ ކާރުގެ ބިއްލޫރި ތަޅާލި ފަސް ވަނަ ފަހަރެވެ. މީހެއްގެ އަތުން ކުއްޔަށް ނަގައިގެން ދުއްވާ ޓެކްސީ ހަދަން ކޮންމެ ފަހަރަކު ވެސް 11،000-14،000ރ. ދެމެދުގެ އަދަދެއް ޚަރަދުވާ ކަމަށް އޭނާ ބުންޏެވެ.

އައިންތުގެ ކާރަށް މިދިޔަ ހަފުތާގައި ގެއްލުންދީފައި.

އައިންތުގެ ކާރަށް މިދިޔަ ހަފުތާގައި ގެއްލުންދީފައި.

އައިންތު ބުނި ގޮތުގައި، މިފަހަރު އޭނާ ހުރީ ގޮތް ހުސްވެފަ އެވެ. ގޭ ކުއްޔަށް 18،000ރ. ދީ ފެނާއި ކަރަންޓާއި ދެ ކުދިންގެ ޚަރަދުތަކަށް ފަހު ކާރު މަރާމާތުކުރަން އޭނާގެ އަތުގައި ފައިސާއެއް ނެތެވެ. މިނިސްޓަރު އެހީ ނުލިބުނު ނަމަ، މި މަހު އޭނާގެ ޚަރަދުތައް ދެކޮޅު ނުޖެއްސުނީސް ކަމަށް އައިންތު ބުންޏެވެ.

މީގެކުރިން އައިންތުގެ ކާރަށް ގިނައިން ގެއްލުން ދިނީ އޭނާގެ ކުރީގެ ފިރިމީހާ އާއި އޭނާގެ ރައްޓެހިން ކަމަށް އައިންތު ތުހުމަތު ކުރެ އެވެ. އެކަމަކު މިފަހަރު، ގެއްލުން ދިން މީހާ ސީސީޓީވީ ފުޓޭޖުން ފުލުހުންނަށް ހޯދިފައިވީ ނަމަވެސް އެއީ ކާކު ކަމެއް އައިންތަކަށް ނޭނގެ އެވެ.

އައިންތު ބުނި ގޮތުގައި އޭނާ އަށް ފުލުހުން ދެއްކި ވީޑިއޯ އިން ފެންނަ ގޮތުގައި، ފުރަތަމަ ގާ ކޮތަޅެއް ހިފައިގެން ގޮސް ކާރާ ދިމާލަށް އުކުމުން އެއްވެސް ކަމެއް ނުވި އެވެ. އެހެންވެ، ބިއްލޫރިގަނޑު ތަޅާލީ ޑްރަގް ކޯޓު ކުރިމަތީގައި އޮތް ގާ ގަނޑެއް ނަގައި އެއިން ޖަހައިގެންނެވެ.

"ކާކު ކަމެއް ނޭނގެ، ދެ ކެމެރާ ހުއްޓައި އޭނާ އެކަން ކޮށްފައި ގޮސް ޑްރަގު ކޯޓުގެ ސެކިއުރިޓީއާ ޒުވާބުކުރާތަން ވެސް ފެނޭ،" އައިންތު ބުންޏެވެ.

އައިންތުގެ ކަންބޮޑުވުމަކީ އެހާ ރަހުމްކުޑަކޮށް އޭނާގެ ކާރަށް ގެއްލުންދޭ އެއްވެސް ފަހަރަކު އެ މީހަކަށް އަދަބެއް ނުލިބުމެވެ. ތުހުމަތުކުރެވޭ މީހާ ހެކި ނެތިގެން އަބަދުވެސް ސަލާމަތްވާތީ ހިތްދަތިވާ ކަމަށް އޭނާ ބުންޏެވެ.

މިއީ، އޭނާ އަށް ނަފްސާނީ ގޮތުން އޮންނަ ބިރުވެރި ކަމެކެވެ.

"ކާރަށް ގެއްލުންދީފާނެ ކަމުގެ ބިރަށް ކާރު ކައިރީގައި ނުނިދައި ހޭލައި ހުރެފައި ހެނދުނު ޓެކްސީ ކުރުން ވެސް އެއީ ވާނެ ކަމެއް ނޫން. އަހެރެން އެދެނީ ޓެކްސީ ކުރެވޭނެ މިނިވަން މާހައުލެއް ހޯދައިދިނުން،" އައިންތު ބުންޏެވެ.

ފުލުހުންގެ ކިބައިން އޭނާ އެދެނީ، ހެކި ލިބިފައިވާތީ މިފަހަރު ފިޔަވަޅު އަޅައިދިނުމަށެވެ.