Roadha Mihaaru
މަހްލޫފް މިނިވަންކުރަން އެމްނެސްޓީން ގޮވާލައިފި

ޒަމީރުގެ ގައިދީއެއްގެ ލަގަބާއެކު މަހްލޫފް މިނިވަން ކުރަން ގޮވާލައިފި

11 މެއި 2018

ޓެރަރިޒަމްގެ ދައުވާ އުފުލައި ޝަރީއަތް ނިމެންދެން ގޭ ބަންދުކޮށްފައިވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފަކީ ޒަމީރުގެ ގައިދީއެއް ކަމަށް ކަނޑައަޅައި އޭނާ މިނިވަން ކުރަން އެމްނެސްޓީ އިންޓަނޭޝަނަލް އިން މިއަދު ގޮވާލައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޓެރަރިޒަމްގެ ދައުވާ އުފުލައި ޝަރީއަތް ނިމެންދެން ގޭ ބަންދުކޮށްފައިވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފަކީ ޒަމީރުގެ ގައިދީއެއް ކަމަށް ކަނޑައަޅައި އޭނާ މިނިވަން ކުރަން އެމްނެސްޓީ އިންޓަނޭޝަނަލް އިން މިއަދު ގޮވާލައިފި އެވެ.

މަހްލޫފްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލީ، އިދިކޮޅު ސިޔާސީ ލީޑަރުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު މިނިވަންކުރަން ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުނުކޮށްގެން، މާފުށީ ޖަލު ކައިރީގައި މުޒާހަރާ ކުރި މައްސަލައިގައި އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބައިނަލްއަގްވާމީ ޖަމިއްޔާއެއް ކަމަށްވާ އެމްނެސްޓީން ނެރުނު ބަޔާނުގައި ބުނީ ސުލްހަވެރިކަމާ އެކު ބޭއްވި މުޒާހަރާތަކުން ހައްޔަރުކޮށް، ޓެރަރިޒަމާއި ފުލުހުންގެ ވާޖިބަށް ހުރަސްއެޅުން ފަދަ ދައުވާތައް މަހްލޫފްގެ މައްޗަށް އިއްވާފައި ވަނީ ސިޔާސީ މަގްސަދެއްގައި ކަަމަށެވެ. ސިޔާސީ އެ ދައުވާތަކުގައި، މަހްލޫފަށް 20 އަހަރުގެ ޖަލު ހުކުމެއް އައުމުގެ ބިރުއޮތް ކަމަށް ބުނެ އެ ޖަމިއްޔާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ސުލްހަވެރި އެއްވުންތައް ހުއްޓުވަން ފުލުހުން ޕެޕަ ސްޕްރޭ ޖަހާތީވެ، މުޒާހަރާއެއްގެ ތެރެއިން ބައިވެރިންނަށް މަހްލޫފް މާސްކް ބެހި މައްސަލައިގައި، ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ ދައުވާ އުފުލާފައިވާ ކަން ފާހަގަކޮށް، އެމްނެސްޓީން ބުނެފައި ވަނީ އެ ދައުވާއާ ގުޅިގެން ވެސް ހަ މަހުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އޮތް ކަމަށެވެ.

މާފުށީ ޖަލު ސަރަހައްދުގައި މުޒާހަރާކުރި މައްސަލައިގައި މަހްލޫފަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާއިރު، އެމްނެސްޓީން ބުނިގޮތުގައި، އެއީ މަދުވެގެން 17 އަހަރުގެ ޖަލު ހުކުމެއް އަތުވެދާނެ ދައުވާއެއް ކަމަށެވެ. މީގެއިތުރުން، މަހްލޫފް ކުރެއްވި ޓުވީޓްތަކަކާ ގުޅިގެން ވެސް އޭނާގެ މައްޗަށް ދައުވާ އުފުލާފައިވާތީވެ އެމްނެސްޓީން ކަންބޮޑުވުންފާޅުކޮށްފައިވެ އެވެ.

ސިޔާސީ އެކި ހަރަކާތްތަކާ ގުޅިގެން 2012 ވަނަ އަހަރުން ފެށިގެން މިހާތަނަށް 25 ފަހަރު ފުލުހުންގެ ބަންދަށް ގެންގޮސްފައިވާ ކަމަށް މަހްލޫފްއާ ހަވާލާދީ އެ ޖަމިއްޔާ އިން ބުނެފައިވެ އެވެ.

މަހްލޫފަށް އުފުލި ދައުވާތަކުގެ އަސްލު ގުޅިފައި ވަނީ ހިޔާލުފާޅު ކުރުމާއި އެއްވެ އުޅުމުގެ ހައްގާ ކަން ފާހަގަކޮށް، އެ ޖަމިއްޔާ އިން ބުނެފައި ވަނީ، ރައްޔިތުންނަށް ކަށަވަރުވެފައިވާ އެ ހައްގު ރާއްޖޭގައި ވަރަށް ބޮޑަށް ހަނިވެފައިވާ ކަމަށެވެ. މަހްލޫފް ވަގުތުން މިނިވަންކޮށް، ހިފަހައްޓާފައިވާ އޭނާގެ ހައްގުތައް ކަށަވަރުކޮށްދޭން އެމްނެސްޓީން ވަނީ ގޮވާލައިފަ އެވެ.

މަހްލޫފަށް ޓެރަރިޒަމްގެ އުފުލައި، ޝަރީއަތް ނިމެންދެން ގޭބަންދަށް ބަދަލުކުރިއިރު، އޭނާ ހައްޔަރުކުރީ އިދިކޮޅު ފަރާތްތަކުން މާލޭގައި ފެބުރުއަރީ 22 ގައި ކުރި މުޒާހަރާއެއްގެ ތެރެއިންނެވެ. ފެބްރުއަރީ ފަސް ވަނަ ދުވަހުގެ ރޭ، ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގައި މަހްލޫފް ހައްޔަރުކޮށް، އޭނާގެ ބަންދުކުރި އެވެ.

މީގެ ކުރިން، އެއްވުމެއްގެ ތެރެއިން ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއެޅި ކަމުގެ ދެ މައްސަލައެއް އޭނާގެ މައްޗަށް ސާބިތުވެގެން ވެސް ޖަލަށް ލި އެވެ. އެ ދެ މައްސަލައިގައި 10 މަހާއި 24 ދުވަސް ވަންދެން މަހްލޫފް ޖަލުގައި ހޭދަކުރެއްވި އެވެ. އެ ހުކުމުން ޖޫން، 8، 2017 ގައި މިނިވަންވުމާ އެކު އިދިކޮޅު ހަރަކާތުގެ އިސް ސަފުގައި އަނެއްކާ ވެސް މަސައްކަތް ކުރައްވަން ފެއްޓެވި އެވެ. މިދިޔަ މަހުގެ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އިދިކޮޅު ޕާޓީތަކުން ކުރާ މުޒާހަރާތަކުގައި އެންމެ އިސްކޮށް މިހާތަނަށް އުޅުއްވި އެއް ބޭފުޅަކީ މަހުލޫފެވެ.