Roadha Mihaaru
ރިޝީ މަރުވި އިރު ރަންބީރާ އެކު ފިލްމެއް ކުޅެން އޮތް

ރިޝީ މަރުވި އިރު ދަރިފުޅު ރަންބީރާ އެކު ފިލްމެއް ކުޅެން އޮތް

06 ނޮވެމްބަރ 2020

ލޭގެ ކެންސަރުގައި މި އަހަރުގެ އެޕްރީލް މަހު އެކްޓަރު ރިޝީ ކަޕޫރް މަރުވި އިރު، ދަރިފުޅު ރަންބީރު ކަޕޫރާ އެކު ފިލްމެއް ކުޅެން އެެއްބަސްވެފައި އޮތް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ލޭގެ ކެންސަރުގައި މި އަހަރުގެ އެޕްރީލް މަހު އެކްޓަރު ރިޝީ ކަޕޫރް މަރުވި އިރު، ދަރިފުޅު ރަންބީރު ކަޕޫރާ އެކު ފިލްމެއް ކުޅެން އެެއްބަސްވެފައި އޮތް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެ ފިލްމަކީ މިދިޔަ އަހަރު ބައްޕައަކާއި ފިރިހެން ދަރިއެއްގެ ވާހަކަ ކިޔައިދިން ކާމިޔާބު ގުޖްރާތީ ފިލްމު "ޗާލް ޖީވީ ލައިޔޭ" ގެ ހިންދީ ރިމެކެވެ. ރިޝީ އާއި ރަންބީރަށް އޭގެ ހިންދީ ރިމެކް ހުށަހެޅިކަން ކަށަވަރުކޮށް ދެމުން ފިލްމު ގެނެސްދިން ކޮކޮނަޓް މޯޝަން ޕިކްޗާޒްގެ ސީއީއޯ ރިތޭޝް ލާލަން ބުނީ ފިލްމާ ބެހޭ ގޮތުން ރިޝީގެ މެނޭޖަރު މެދުވެރިކޮށް ވާހަކަތައް ދެކެވުނީ މާޗް މަހުގެ ތެރޭގައި ކަމަށެވެ. އަދި އެ ފިލްމުގެ ސްޓޯރީލައިން ކަމުދިިޔަލެއް ބޮޑުކަމުން ރިޝީ ވަގުތުން ފިލްމަށް އެއްބަސްވެ، އޭނާއާ އެކު ދަރިފުޅު ރަންބީރު ވެސް ފިލްމުގައި ހިއްސާވާން ނިންމި ކަމަށް ބުންޏެވެ.

"އަހަރެމެން ފިލްމު ހުށަހެޅި އިރު ވެސް ރިޝީ އޮތީ ފިލްމު ބަލާފައި. އަދި އޭނާ އަށް ވަރަށް ކަމުދިޔަ އެއްޗަކަށްވެފައި އޮތީމަ ހިންދީ ރިމޭކް ކުޅޭނެ ކަމަށް އެއްބަސްވި. އެކަމަކު މި މަޝްވަރާތަކުގެ ތެރޭގައި އުޅެނިކޮށް ކޮވިޑްގެ ކަންތައް ލައިގަނެ، މަސައްކަތް ހުއްޓިފައި އޮއްވައި ރިޝީ އެޕްރީލް މަހުގެ ފަހުކޮޅު މަރުވީ،" ރިތޭޝް ބުންޏެވެ.

އޭނާ ބުނި ގޮތުގައި ފިލްމާ ބެހޭ ގޮތުން ސީދާ ރަންބީރަކާ ވާހަކަތަކެއް ދެކެވިފައެއް ނުވެ އެވެ. އެކަމަކު ރިޝީގެ ފަރާތުން، ދަރިފުޅު ފިލްމަށް އެއްބަސްވާން ނިންމިކަން އެނގިފައި އޮތް ކަމަށް ރިތޭޝް ބުންޏެވެ.

ރިޝީ މަރުވީ އެޕްރީލް މަހުގެ 30 ގަ އެވެ. އޭރު އޭނާ މަސައްކަތް ވެސް ފަށާފައި އޮތް ފިލްމެއް އޮތެވެ. އެއީ ބަތަލާ ޖޫހީ ޗާވްލާއާ އެކު ކުޅެން ފަށާފައި އޮތް "ޝަރުމާޖީ ނަމްކީން" އެވެ. އެ ފިލްމުގެ ޓީމުން ބުނެފައިވާ ގޮތުގައި ރިޝީ މިހާރު ދުނިޔޭގައި ނެތަސް އޭނާ ފެންނަ ގޮތަށް އެ ފިލްމު ނިންމައި ބެލުންތެރިންނަށް ގެނެސްދޭނެ އެވެ.

ރިޝީ އާއި ރަންބީރް އެކީގައި ފިލްމެއްގެ މަސައްކަތްކޮށްފައިވެ އެވެ. އެއީ ރަންބީރްގެ މަންމަ ނީޓޫ ވެސް މުހިއްމު ރޯލެއް ކުޅުނު 2013 ގެ "ބޭޝަރަމް" އެވެ. އެކަމަކު އެ ފިލްމަކީ ބެލުންތެރިންނަށް އެހާ ކަމުދިޔަ ފިލްމެއް ނޫނެވެ.

ރިތޭޝް ބުނި ގޮތުގައި ރިޝީ އާއި ރަންބީރާ އެކު "ޗާލް ޖީވީ ލައިޔޭ" ގެ ހިންދީ ރިމެކް ހަދާނެ ފުރުސަތު ނުލިބުނަސް، އޭގެ މަސައްކަތް ހުއްޓައެއް ނުލަ އެވެ. އެހެންވެ އެހެން ކާސްޓަކާ އެކު ހިންދީ އޯޑިއަންސަށް ފިލްމު ގެނެސްދޭނެ ކަމަށް ބުންޏެވެ.