Roadha Mihaaru
ވިއްސިވިހާލި ވެފައިވާ ނިޒާމެއް: ފުލުހުންނަށް ވާނެތަ؟

ވިއްސިވިހާލި ވެފައިވާ ނިޒާމެއް: ފުލުހުންނަށް ވާނެތަ؟

19 މާޗް 2023

މަގުމަތީ ހާމަޔަށް ތިބެ މަސްތުވާތަކެތި ވިއްކައި އެ ބޭނުންކުރަނީ އެވެ. މާރާމާރީ އާއި ވައްކަމާއި މަކަރާއި ހީލަތުގެ ކުށްތައް އެހާ ގިނަ އެވެ. އާންމުންގެ ޝަކުވާކުރަނީ ފުލުހުންނަކީ ވެހިކަލްތަކުގައި ސްޓިކާ ޖެހުން ނޫން ކަމެއް ކުރާ ބައެއް ނޫނޭ ބުނަމުންނެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

މަގުމަތީ ހާމަޔަށް ތިބެ މަސްތުވާތަކެތި ވިއްކައި އެ ބޭނުންކުރަނީ އެވެ. މާރާމާރީ އާއި ވައްކަމާއި މަކަރާއި ހީލަތުގެ ކުށްތައް އެހާ ގިނަ އެވެ. އާންމުންގެ ޝަކުވާކުރަނީ ފުލުހުންނަކީ ވެހިކަލްތަކުގައި ސްޓިކާ ޖެހުން ނޫން ކަމެއް ކުރާ ބައެއް ނޫނޭ ބުނަމުންނެވެ.

މި ހިސާބަށް މައްސަލަތައް ދިއުމުގެ ސަބަބުތަކާއި ފުލުހުންގެ ޒިންމާއާ ބެހޭ ގޮތުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި މިހެން ހުރި އެތައް ކަމެއްގެ ކަންބޮޑުވުން ފާޅުކުރެއްވި އެވެ. މި ހުރިހާ ކަމެއްގެ ވަށައިގެން އޮތް ބޮއްސުންލާފައި އޮތް ނިޒާމަކާއި ހުރި ގޮންޖެހުންތަކާ އެކު ހާލަތު ތަފްސީލްކޮށްދެއްވި އެވެ.

ކުށުގެ ވެށި އޮތް ގޮތުން ފުލުހުންނަށް އަމާޒުވާ ފާޑުކިޔުންތައް ވަރަށް ބޮޑު. ފުލުހުންނަށް ޒިންމާ އަދާ ނުކުރެވެނީތޯ؟

އެއްވެސް މުޖުތަމައެއްގައި މިހާރު މި ޒަމާނުގައި އެނގި ހާމަވެގެން މިދާ ކަމަކީ ކުށް މަދުކުރުމާއި މުޖުތަމައުގައި ހިނގާ ގާނޫނާ ހިލާފް ކަންތައްތައް ހުއްޓުވުމަށްޓަކައި ހަމައެކަނި ފުލުހުންނާއި ކޯޓުތައް ހިމެނޭ ނިޒާމަކީ އެންމެ އެކަށީގެންވާ ނިޒާމެއް ނޫން. އެ ނިޒާމު އޮންނާނެ. އެކަމަކު އެއީ ހުރިހާ މައްސަލަތަކަށް ހައްލު ގެންނަ ނިޒާމެއް ނޫން އެއީ. އެއަށް މި ކިޔަނީ، ޓްރެޑިޝަނަލީ ކްރިމިނަލް ޖަސްޓިސް ސިސްޓަމޭ. އެކަމަކު އާންމު ފަރުދުންނަށް ނުވަތަ ޖުމްލަ މުޖުތަމައުއަށް އެތައް ގޮތަކުން ގޮންޖެހުންތައް ހުންނަ، ހާއްސަ ގޮތެއްގައި، ރައްޔިތުންނަށް ގެއްލުންވާ އެތައް ކަމެއް މުޖުތަމައު ތެރޭ ހިނގާ. މި ކަންކަން ހުއްޓުވުމަށްޓަކައި ހުރިހާ ލެވަލްއެއްގައި އެކަން ކުރުމަށް އެންމެ ގާބިލް، އެންމެ އެކަށީގެންވާ ވަގުތުގައި ރެސްޕޯންސް ދީ އެކަންކަން ކުރުން އެއީ އެއްވެސް ސޮސައިޓީއެއްގައި ފުލުހުންނާއި ކޯޓުތަކަށް [އެކަނި] ވާނެ ކަމެއް ނޫނޭ މި ދަންނަވަނީ.

ކިހިނެއްތޯ އެކަން އޮންނަން ޖެހޭނީ؟

މި ޒަމާނުގެ ވިސްނުމުގެ ތެރެއިން ބޮޑަށް މި އަންނަނީ ކްރިމިނަލް ޖަސްޓިސް ސިސްޓަމް އޮވެމެ މުއައްސަސާތަކުގެ ތެރޭ ގާނޫނުން ބާރު ދެވިގެން ވަރަށް ބޮޑަށް އެ މަސައްކަތްތައް ހިންގާނެ ނިޒާމެއް އޮންނަން ޖެހޭ. އެއީ ކްރިމިނަލް ޖަސްޓިސް ސިސްޓަމާ ޕެރަލަލްކޮށް އޮންނަންޖެހޭ އެހެން ނިޒާމެއް. ދާއިރާގެ ތަޖުރިބާކާރުން ބުނަނީ ޕަބްލިކް ސޭފްޓީ ސިސްޓަމެކޭ. ރާއްޖެއަކު ނޯވޭ އެ ސިސްޓަމެއް. ރާއްޖޭގައި މުއައްސަސާތަކުގެ ތެރޭގައި، ކުށް މަދުކުރުމާއި މުޖުތަމައު ތެރޭގައި ހިނގާ ކުށަށް ބަދަލުވާ ހަރަކާތްތައް ހުއްޓުވުމަށް، އާންމުކޮށް މި ހުންނަ ވުޒާރާތަކާއި އިދާރާތަކަށް ގާނޫނުން ލާޒިމްކޮށްފައެއް ނުހުރޭ. އެފަދަ ފަންކްޝަންތަކެއް ވެސް ނުހިނގާ. އެހެންވުމުން، މިކަހަލަ ކަންތައްތައް އެންމެ ބޮޑަށް އައިސް މި ޖެހެނީ ފުލުހުން ކަހަލަ، ޔުނިފޯމެއް އަޅައިގެން ގާނޫނު ތަންފީޒުކުރުމަށް މުޖުތަމައުގެ ރައްކާތެރިކަން ދެމެހެއްޓުމަށް [ތިބޭ މީހުންނާ]. ދިވެހި ދައުލަތުގެ ތެރޭ ހަގީގަތުގައި އެފަދަ ނިޒާމެއް ނެތޭ.

އާންމުކޮށް މި އޮންނަ ވިސްނުމުގެ މައްސަލައެއްތޯ މިއީ؟

ޓްރެޑިޝަނަލީ އެނގިފައި މި އޮންނަނީ ކުށް މަދުކުރުމަށްޓަކައި ފުލުހުން ޖެހޭނެ، ކުށެއް ހިނގައިފިއްޔާ ފުލުހުން ޖެހޭނޭ އެކަމަކަށް ފިޔަވަޅު އަޅަން. ހިނގަމުން އަންނަ ކުށްތައް ހުއްޓުވަން ފުލުހުން އުޅެން ޖެހޭނެއޭ. ކުށް ކޮށްފި މީހަކު ވިއްޔާ ފުލުހުން އެ މީހަކު ހިފައި ހައްޔަރުކުރަން ޖެހޭނެޔޭ. އެ މީހަކު ޖަލުގައި ބެހެއްޓެއް ޖެހޭނޭ، ބަންދުގައި ބެހެއްޓެން ޖެހޭނޭ. ކޯޓުތަކުން ވަރަށް އަވަސް އަވަހަށް ޝަރީއަތް ހިންގައި، ހައްގު އަދަބު ދޭން ޖެހޭނޭ. އަދަބު ތަންފީޒުކުރުމަށް ޖަލުގައި ތިބެން ޖެހޭނޭ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު "މިހާރު" އަށް އިންޓަވިއު ދެއްވަނީ: ކުށް ކުރާ ކޮންމެ މީހަކު ޖަލަށް ލައި ބަންދުކޮށްގެން ގެންގުޅެވެން ޖެހޭނެ ކަމަށް ގަބޫލުކުރާ ކުރުން ވަރަށް ބޮޑަށް ޖެހޭ އެބަ ބަދަލުވާންޖެހޭ ކަމަށް ވިދާޅުވި. -- ފޮޓޯ: ފަޔާޒް މޫސާ /މިހާރު

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު "މިހާރު" އަށް އިންޓަވިއު ދެއްވަނީ: ކުށް ކުރާ ކޮންމެ މީހަކު ޖަލަށް ލައި ބަންދުކޮށްގެން ގެންގުޅެވެން ޖެހޭނެ ކަމަށް ގަބޫލުކުރާ ކުރުން ވަރަށް ބޮޑަށް ޖެހޭ އެބަ ބަދަލުވާންޖެހޭ ކަމަށް ވިދާޅުވި. -- ފޮޓޯ: ފަޔާޒް މޫސާ /މިހާރު

އެކަމަކު ރާއްޖޭގެ ވެސް އެހެން ގައުމުތަކުގައި ވެސް މިހާރު އާންމުކޮށް ކުށް ކުރަނީ ފިޒިކަލް ސްޕޭސްއަކު ނޫން. ހާއްސަކޮށް އިންޓަނެޓް މެދުވެރިވެގެން ހިންގާ ކުށްތައް ގިނަވެ ފުޅާވަމުން އަންނަނީ. އެހެންވެ އަޅުގަނޑުމެންގެ މި އޮންނަ ޒަމާންވީ އެކްސްޕެކްޓޭޝަން، ކުށް ކުރާ ކޮންމެ މީހަކު ޖަލަށް ލައި ބަންދުކޮށްގެން ގެންގުޅެވެން ޖެހޭނެ ކަމަށް ގަބޫލުކުރާ ކުރުން ވަރަށް ބޮޑަށް ޖެހޭ އެބަ ބަދަލުވާން. އިންޓަނެޓްގައި ކުށް ކުރާ އެންމެންނަކީ ބަންދުކުރެވޭނެ ބައެއް ނޫން. އެކަން ކުރަންވެއްޖާ އެއީ ވަރަށް ބައިވަރު މަސައްކަތް. ވަރަށް ގިނަ ވަސީލަތާއި ވަރަށް ގިނަ ކަންކަން އެއީ. ހޯދޭ ފަހަރު ވެސް އަންނާނެ، ނުހޯދޭ ފަހަރު ގިނަވާނީ. ޓެކްނޮލޮޖީއަށް މި އަންނަ ކުރިއެރުމަށް ބަލާއިރު ވަރަށް ގިނަ އުނދަގޫތައް ކުރިމަތިވާނެ ކުރިއަށް އޮތް ތަނުގައި ވެސް.

ފުލުހުންނަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވާ އެއް ކަމެއް ގަވައިދާ ހިލާފަށް ވެހިކަލް ޕާކް ކުރުމުން ސްޓިކާ ޖެހުން. ހަމައެއްލަމައެއް ނެތި ކުރާ ކަމެއްތޯ އެއީ؟

އަޅުގަނޑުމެންނަކަށް ނުފެނޭ ސިޔާސަތުތަކެއްގެ ތެރެއިން މި ކަންކަމަށް ހައްލު އަންނަ ތަނެއް. އެންމެންނަށް ވެސް އެބަ އެނގޭ ސިޔާސަތުތައް މި ކަނޑައެޅެނީ އެ އިރެއްގައި އޮންނަ ސަރުކާރެއްގެ ކުރު މުއްދަތަކަށް. ދެމެހެއްޓެނިވި ދިގު ރާސްތާ ސިޔާސަތުތަކެއް ނުހުރޭ. ދެން އެ އަންނަ ގޮންޖެހުންތައް އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ފޭސްކުރަން މި ޖެހެނީ. ރައްޔިތުންގެ ތެރެއިން އެއްބައެއްގެ އެކްސްޕެކްޓޭޝަން އެބަ އޮވޭ މަގުމަތި ތަރިތީބު ވެފައި ހުންނަން. ޕާކިން ޒޯން ކުރަހާފައި ހުރިއްޔާ ޒޯން ތެރޭ ވެހިކަލް ހުންނަން. ގެތަކާއި ފިހަރަތާކައި ގަރާޖްތަކުގެ ދޮރުމަތީގައި ޕާކް ނުކުރަން. މި ގަވައިދުތައް ތަންފީޒުކުރަން އެއްބަޔަކު އެބަ ބޭނުންވޭ. އެކަމަކު ކުރަން ފަސޭހަ ކަމެއް ނޫން އެއީ. އެކަމަކު ފުލުހުން ނުކުމެ ވަޔަލޭޝަންތަކާ ގުޅިގެން ސްޓިކާ ޖެހުމާއި ސްލިޕް ދިނުން ފަދަ ކަންކަން ކުރީމަ އެކަމާ ނުރުހުން ވެސް އެބަ ވޭ. ފުލުހުންނަށް މި އޮތީ މި ގާނޫނުތައް ތަންފީޒު ކުރުމުގައި ވަރަށް ސެންސިޓިވްކޮށް ބެލެންސެއް ހިފަހައްޓަން.

އެހެންވިއްޔާ މިއީ އިންސާފުވެރިކޮށް ތަންފީޒުކުރެވޭނެ ކަމެއްތޯ؟

ގާނޫނު ތަންފީޒުކުރަން އާންމުން ކުރާ އެކްސްޕެކްޓޭޝަނާ އަރާ ހަމަކުރުމަށް، އެކަން ކުރަން ވެސް އެބަ ޖެހޭ. އެކަން ކުރީމާ ވެސް ގިނަ ބަޔަކު ފުލުހުންނަށް ނަފްރަތު ކުރޭ. ބައެއް ފަހަރު ހިތަށް އަރާ ފުލުހުން ކީއްކުރަން ކުރާ ކަމެއް ބާވައޭ. ދެކޮޅެއް ނުޖެހޭ މި އެއްޗެއް. އަނެއްކާ ފުލުހުންނެއް ނޫން ސްޓިކާ އާއި މި ވަޔަލޭޝަން ސްލިޕްތަކާ ޕްރިންޓުކުރަނީ ވެސް. ފުލުހުން ތެރޭ އުފައްދާ އެއްޗެއް ވެސް ނޫން މިއީ.

ބައެއް ފަހަރު ހިތަށް އަރާ ފުލުހުން ކީއްކުރަން ކުރާ ކަމެއް ބާވައޭ. ދެކޮޅެއް ނުޖެހޭ މި އެއްޗެއް. އަނެއްކާ ފުލުހުންނެއް ނޫން ސްޓިކާ އާއި މި ވަޔަލޭޝަން ސްލިޕްތަކާ ޕްރިންޓުކުރަނީ ވެސް. ފުލުހުން ތެރޭ އުފައްދާ އެއްޗެއް ވެސް ނޫން މިއީ.

އެއީ ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެކަމާބެހޭ ދައުލަތުގެ އިދާރާތަކުން ވަކި އަދަދަކަށް ފުލުހުންނަށް ސްޓިކާ ދޫކުރަނީ. އަނެއްހެން ދަންނަވާ ކަމަށްވަންޏާ މާލޭ ސަރަހައްދުގައި ޓްރެފިކް ކަންކަމާ ގުޅޭ ވަޔަލޭޝަން ހިނގާ ނިސްބަތަކަށް ވެސް ނޫން ސްޓިކާ ލިބޭނީއަކީ ވެސް. މާނަ އަކީ އަޅުގަނޑުމެން ކޮންމެ މީހަކު ގެއިން ނުކުމެގެން ވަކި ޕޮއިންޓަކަށް ދާންދެން މަގުމަތިން ފެންނަ ކޮންމެ ވަޔަލޭޝަނަކަށް ބައްދަލުވާ ވަރަކަށް ނޫނޭ ޓްރެފިކް ވަޔަލޭޝަން ސްޓިކާ ލިބެނީއަކީ. އެވަރަށް ލިބޭ ނަމަ ފުލުހަކު ޕޮއިންޓް އޭ އިން ފެށިގެން ޕޮއިންޓް ބީ އާ ހަމަޔަށް ދާއިރު، ޖަހަމުން ޖަހަމުން ޖަހަމުން، އޭރުން އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ ގާނޫނާއި ގަވައިދު ފުރިހަމައަށް ތަންފީޒުވި ކަމަށް.

މިކަމުގައި ފުލުހުންގެ ގާނޫނީ ޒިންމާއެއް އޮވޭ. އެކަމަކު ސްޓިކާ ޖެހުން މިއީ ފުލުހުންނަށް ނޫނީ ނުކުރެވޭ ވަރު ކަމެއްތޯ؟

ފުލުހުން މުޖުތަމައުގައި އަދާކުރަންޖެހޭ، ކުށް މަދުކުރުމާއި މުޖުތަމައު ތެރޭ އުފެދިގެން ބޮޑުވަމުން ފެތުރެމުން އަންނަ އެކިވަރުގެ ކުށްތަކާ ފުލުހުން ޑީލްކުރަން ތިބޭއިރު ބައެއް ފަހަރު ހިތަށް އަރާ ސުވާލެއް އެއީ ކީއްކުރަން ބާވައޭ ފުލުހުން ޓްރެފިކްގެ ކަންކަން އެންފޯސްކުރަން އުޅެން މި ޖެހެނީ. ކުރީމަ، ހަގީގަތުގައި ފުލުުހުން މުޖުތަމައުގައި ގާއިމުވެ ތިބެން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި، ޕަބްލިކް ދެކޭ ގޮތް، ފުލުހުންގެ ލެޖިޓިމެސީއާ ދޭތެރޭ ކިހިނެއްތޯ ގަބޫލުކުރެވިފައި މި އޮންނަނީ. އެއީ އަސްލު ވަރަށް ކަންބޮޑުވާ ކަމެއް. އަޅުގަނޑު ދެކޭ ގޮތުގައި މިކަމަށް ހައްލުތަކެއް އަންނަން އެބަ ޖެހޭ. މަގުމަތީގެ ޓްރެފިކް ކަންތައްތަކާއި އެ ކަންކަން ބެލެހެއްޓުމަށް. މަގުމައްޗަކީ އެންމެންނަށް އަމާން ތަނަކަށް ހެދުމަށް ކުރަންޖެހޭ ކަންކަން ކުރުމުގައި ގާނޫނުގައި ފުލުހުންނަށް ދައުރެއް އެބަ އޮވޭ ސާފުކޮށް.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު "މިހާރު" އަށް އިންޓަވިއު ދެއްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ /މިހާރު

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު "މިހާރު" އަށް އިންޓަވިއު ދެއްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ /މިހާރު

މިއީ ފުލުހުންނަށް ނޫނީ ނުވާވަރުގެ ކަމެއްގެ ގޮތުގައެއް ގަބޫލެއް ނުކުރެވޭ. އަޅުގަނޑުމެންނަށް މިހާރު އެބަ ފެނޭ ސިޓީ ކައުންސިލް ތަންތަނުން ވެސް އެ ބޭފުޅުންގެ ބައެއް ކަންކަން އެންފޯސްކުރުމަށްޓަކައި އެހެނިހެން ރިސޯސަސް އެބަ ބޭނުން ކުރައްވާ.

ކަންބޮޑުުވުން އޮތް މައްސަލައެއް ކަމަށް ވިދާޅުވެއްޖެ. ކޮބައިތޯ އަސްލު މައްސަލަ އަކީ؟

މަގުމަތީގައި ވެސް ސްޓިކާ ޖެހުމަށް ވުރެ ބޮޑަށް އަޅުގަނޑަށް މުހިންމީ ފުލުހުންނަކީ ތޮއްޖެހިފައި އޮތް މާލޭގައި ވެސް މީހުންނަށް ޓްރެފިކް މެނޭޖްކޮށްދިނުމާއި ޓްރެފިކް ފްލޯ ރަނގަޅުކޮށްދިނުމަށްޓަކައި މަސައްކަތްކުރާ ބަޔަކަށްވުން. އެކަމަކު އަނެއްކާވެސް ޓްރެފިކް ފްލޯގެ ވާހަކަ ދައްކާއިރު މިހާވަރަށް ތޮއްޖެހެންޏާ ނޭނގޭ ޓްރެފިކް މެނޭޖްކުރާނެ ގޮތްތަކެއް ވެސް ގިނަ ފަހަރަކަށް. އަޅުގަނޑުމެންނަކަށް ނުފެނޭ ވެހިކަލް ރާއްޖެ އެތެރެކުރެވޭ މިންވަރު ކޮންޓްރޯލެއް ގާއިމެއްނުވޭ. އަދިވެސް މާލެ ސަރަހައްދުގައި އެބަ ދުއްވާ 20 އަހަރު 25 އަހަރު، އެތައް ޒަމާނެއް ވެފައި ހުރި އުޅަނދުތައް ޓެކްސީ ކުރުމާއި އެކި ބޭނުންތަކަށް.

ގަވައިދާ ހިލާފުވެގެން ޓޯކުރެވޭ އުޅަނދުފަހަރު ގެންދާނެ ޖާގަ ވެސް ވަރަށް ލިމިޓެޑް. ދައުލަތުގައި މިކަމާ ގުޅުން ހުރި އެހެން މުއައްސަސާތަކުގައި އެ އޮންނަ އުސޫލުތަކާއި ޕްރޮޓޮކޯލްސްތަކުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ނަގާ ވަގުތާ މި ކަންކަމަކީ ވެސް އަޅުގަނޑުމެންނަށް ދިމާވާ އެޑްމިނިސްޓްރޭޓިވް އަދި ލޮޖިސްޓިކް ގޮންޖެހުންތައް.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު: ގަވައިދާ ހިލާފްވާ ވެހިކަލްތަކުގައި ސްޓިކާ ޖެހުމަކީ މިހާރު ކަން އޮތް ގޮތުން ފުލުހުން ބަދުނާމުވާ ގޮތަށް ކުރަންޖެހޭ ކަމެއްގެ ގޮތުގައި ސިފަކުރެއްވި. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު: ގަވައިދާ ހިލާފްވާ ވެހިކަލްތަކުގައި ސްޓިކާ ޖެހުމަކީ މިހާރު ކަން އޮތް ގޮތުން ފުލުހުން ބަދުނާމުވާ ގޮތަށް ކުރަންޖެހޭ ކަމެއްގެ ގޮތުގައި ސިފަކުރެއްވި. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު

މި ހުރިހާ ކަމެއް މިހެން ހުންނައިރު އަޅުގަނޑަށް ގަބޫލުކުރެވެނީ ފުލުހުންގެ އޮފިސަރުންގެ ޓައިމް، ޖުމްލަ ގޮތެއްގައި ރިސޯސް ބޭނުންކުރެވޭ ވަގުތުން އަޅުގަނޑުމެން ބޭނުމެއް ނޫން މި ކަންކަން މިގޮތަށް ހުންނައިރަކު އެއީ ރައްޔިތުންގެ ނަފްރަތު ފުލުހުންނަށް ރައްދުވާ ކަމަކަށް މިކަން ވާކަށެއް. މިކަމަށް ޖެހޭނީ މިކަމާ ގުޅުން ހުރި މުއައްސަސާތަކާ އެކީ މަޝްވަރާތަކެއް ކުރެވިގެން ރަނގަޅު، އަވަސް އަދި މެދު ރާސްތާ އަދި ދިގު ރާސްތާ ހައްލުތަކެއް ހޯދަން.

ބައެއް މައްސަލަތަކުގައި، ހާއްސަކޮށް، ދީނާ ގުޅުން ހުރި ބައެއް ކަންކަމުގައި ހައްޔަރުކުރާ މީހުން ނަފްސާނީ ބަލީގެ މީހުންނަށް ވާތީ ދޫކޮށްލާ، އެކަމަކު އާންމުން ވަރަށް ޝަކުވާކުރޭ.

މިކަހަލަ [ނަފްސާނީ ބަލީގެ މީހުންގެ] ކޭސްތަކުގައި އެޓެންޑުވެ ފިޔަވަޅު އެޅުމުގައި ފުލުހުންނަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށް ގަބޫލުކުރަން. މިއީ ފުލުހުން ޝާމިލްވާން ޖެހޭނެ ކަމެއް ނޫން. އެ މީހުންނާ ޓެކުލް ކުރަން ޖެހޭނީ ހާއްސަ ސްޕެޝަލިސްޓުން. އެހެން ނަމަވެސް އެފަދަ ފަރާތެއްގެ ކިބައިން ކުށަކަށް ފެތޭ އެއްވެސް އަމަލެއް ފެނިއްޖެ ކަމަށް ވަންޏާ އެބަ އާދޭ ފުލުހުންގެ ދައުރެއް. މިފަދަ މީހުންނާ މެދު ފުލުހުން މުއާމަލާތުކުރުމުން ލިބޭ ގެއްލެއް މާ ބޮޑު. މިކަން ވެސް މިހެން މި ދިމާވަނީ ކުރިން ދެންނެވިހެން ޕަބްލިކް ސޭފްޓީ ސިސްޓަމެއް ނޯންނާތީ.

ފުލުހުން އެކަންޏެއް ނޫން މިއަދު ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި، ކުށެއް ކުރާ މީހާއާ މެދު އަޅާނެ ފިޔަވަޅު ނިންމާ ހަމައެކަނި ފަރާތަކީ. ފުލުހުން އެކަނި އޯންކުރާ ޑިޝިޝަނެއް ނޫނޭ އެއީކީއެއް. ކޮންމެ ބާވަތެއްގެ ކުރެއް ކުރިޔަސް ކުށް ކުރި ފަރާތް މުޖުތަމައު ތެރެއަށް ދޫކޮށްލުމާއި ނުވަތަ ބަންދުގައި ބެހެއްޓުމާއި އެ މީހަކާ މެދު އިތުރަށް އަޅާނެ ފިޔަވަޅުތައް އެއީ ކަލެކްޓިވްކޮށް ނިންމާ ނިންމުންތަކެއް.

އިންޓަނެޓް މެދުވެރި ހިންގާ ކުށުގެ އަމަލުތައް ހުއްޓުވަން ފުލުހުންނަށް ކުރެވޭނީ ކޮން ކަމެއްތޯ؟

އަޅުގަނޑުމެންނާ މެދު ވަރަށް ގިނަ ފަރާތްތަކުން އުފުލާ ޝަކުވާއެއް އެއީ އިންޓަނެޓްގެ އެކި ފޯރަމްތަކުގައި، ސޯޝަލް މީޑިއާގައި، އިސްލާމްދީނުން ބޭރުވާ ގޮތަށް އަމަލުތައް ބަހައްޓާ ފަރާތްތަކާ މެދު ފިޔަވަޅު ނޭޅުން. އަޅުގަނޑުމެން އަބަދުވެސް މި އިހްތިޔާރުކުރާނީ ގާނޫނީ އިޖުރާއާތު. އެހެންވެ ކޯޓުތައް މެދުވެރިކޮށް އަމުރު ހޯދަނީ. ފުލުހުންނެއް ނޫން ދެއްތޮ ރާއްޖޭގައި އިންޓަނެޓް ސާވިސް ޕްރޮވައިޑާ އަކީ. ކޮންޓެންޓް ބްލޮކްކޮށް ސްކްރީންކުރަން ފުލުހުންނެއް ނުދާނެ. ސާވިސް ޕްރޮވައިޑާސް ވެސް ހުރޭ ހިދުމަތާ ގުޅޭ ބޭރުގެ ފަރާތްތަކާ އެކު އެއްބަސްވެފައި ހުންނަ ކަންތައްތަކެއް. އަޅުގަނޑު ކުރިން ދެންނެވިހެން، ކުށްތައް އުފެދިދާނެ ކަންކަން ހުއްޓުވައި ފިޔަވަޅު އެޅުމަށް ފުލުހުންނާއި ކޯޓު ހިމެނޭ ޖިނާއީ އަދުލުގެ ނިޒާމެއް ކަމަކުނުދޭ. މިފަދަ ކަންކަން ހުއްޓުވަން ފިޔަވަޅު އެޅުމަށް ގާނޫނުން އިދާރާތަކަށް ލާޒިމްކުރާ ނިޒާމެއް އޮޮންނަންޖެހޭ. ކުއްލިއަކަށް ކޯޓު އަމުރެއް ހިފައިގެން ގޮސް ބުނުމުން އެ ބޭފުޅުންނަށް ވެސް ޗެލެންޖަކަށް ވާނީ.

ބައެއް ގައުމުތަކުގައި އެބަހުރި އިންޓަނެޓް ވަރަށް ބޮޑަށް ސެންސަޝިޕް ހަދާފައި، ކޮންޓްރޯލްކޮށްފައި. އެ ލެވަލް އަށް އަޅުގަނޑުމެން ގެންދިއުން އެއީ އަނެއްކާވެސް ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާ ގާނޫނުތައް ހަދާ ފަރާތްތަކުގެ ކޮނޑުގައި އެޅިފައި އޮތް ޒިންމާއެއް އެއީ. އަޅުގަނޑުމެން މި އަޅަނީ ގާނޫނީ ނިޒާމުގެ ތެރެއިން އެޅެން ހުރި ފިޔަވަޅު. ފުލުހުންނަކަށް ގޮސް ދިރާގު، އުރީދޫ އަދި އެެހެން އިންޓަނެޓް ސާވިސް ޕްރޮވައިޑާއަކަށް ގޮސް ދޮރުވައްޓާލާފައި ސާވާގެ ކޮންޓްރޯލެއް ނުނެގޭނެ. އަޅުގަނޑުމެން ޖެހޭނީ އިޖުރާއަތްތަތަކުގެ ތެރެއިން އެކަން ކުރަން.

ކުށުގެ ވެއްޓަށް ވަންނަ ކުޑަކުދިން ގިނަ. އެ ކުދިންނާ މެދު ފިޔަވަޅު އެޅުމަކީ ވެސް އުނދަގޫ ކަމެއް. ފުލުހުންގެ ޒިންމާ އޮތީ ކިހާ ވަރަކަށްތޯ؟

މިއީ އިންތިހާއަށް ކަންބޮޑުވުން އޮތް ކަމެއް. މިއީ މިއަދަކު ހިނގައިގެން އުޅޭ ކަމެއް ނޫން. މި ކަން މިހެން ހިނގަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ. މުޅި ނިޒާމުގެ ތެރެއިން ވަރަށް ގިނަ މައްސަލަތަކުގެ ތެރެއިން މި ހިސާބަށް މިކަން އައިސް މި އޮތީ. ކުރިން ވެސް އަޅުގަނޑު އިޝާރާތްކުރި، ޕްރިވެންޓޭޓިވް ވިސްނުމަކުން، އާންމު ރައްކާތެރިކަމުގެ ނިޒާމާ ދޭތެރޭ ކުރިންސުރެ ވިސްނާނުލެވި އޮތީ. އެކި މުއައްސަސާތަކަށް އެކި ޒިންމާތައް ހަވާލުކޮށްފައި އޮތަސް އެ ނިޒާމު ރަނގަޅަށް ނުހިނގާ އޮތީ. ޓެކްނޮލޮޖީ އާއި މުޖުތަމައުގެ ކަންކަން ބަދަލުވެގެން ދިޔައިރު ކުދިންގެ ރައްކާތެރިކަމަށް ލާންޖެހޭ ސޭފްގާޑްސް ލެވިފައި ނެތުން.

ދައުލަތެއްގެ ގޮތުގައި، ނިޒާމެއްގެ ތެރެއިން މި ކަންކަމާ ޑީލްކުރާނީ ކިިހިނެއްތޯ؟ އެއީ އަނެއްކާވެސް ފުލުހުން އެކަނި ކުރަން ވެއްޖާ ވާނެ ކަމެއް ނޫން. ދައުލަތުގެ ތެރޭގައި އެބަ ހުރޭ އެހެން މުއައްސަސާތައް ވެސް މި ކަންކަމަށް. އެކަމަކު އަޅުގަނޑުގެމެންގެ ތެރޭގައި އަދިވެސް މި އުޅެނީ ޖުވެނައިލް (15-18 އަހަރާ ދެމެދުގެ) ކުދިންނަށް ގާނޫނުން އެބަ އޮތް ފިޔަވަޅު އެޅެން. ޖުވެނައިލް ކަރެކްޝަން ނުވަތަ ޖުވެނައިލް ޑިޓެންޝަން ހަގީގަތުގައި ނުހުރޭ. މާލޭ ސަރަހައްދުގައި، ވިލިމާލޭގައި ހުރި ތަން ޝަޓްޑައުންކޮށްފައި އަނެއްކާ އެހެން ތަނަކަށް ބަދަލުކޮށް ބައިވަރު ކަންތައްތަކެއް މިދިޔަ އަހަރުތަކުގެ ތެރޭގައި ވެސް ހިނގައިފި. އެ ޗެލެންޖެސް އެބަހުރި.

ގޭންގު ހަމަނުޖެހުންތައް މަދު ކުރެވިއްޖެތޯ؟

ގްރޫޕްތަކުގެ ތެރޭ މި އޮންނަ ރުޅިވެރިކަމުގައި، މި ކިޔާ ގޭންގު ހަމަނުޖެހުންތަކުގައި މިދިޔަ ހަތަރު އަހަރު ތެރޭ ހަމަލާދީ މަރާލާފައި ވަނީ ތިން މީހުން. އެއީ ގއ. މާމެންދޫގައި ހިންގި މާރާމާރީ އާއި އައްޑުއަތޮޅު ފޭދޫގައި ހިންގި މާރާމާރީ އާއި ދާދި ފަހުން، ފެބްރުއަރީ 24 ގައި މާލޭގައި ހިންގި މާރާމާރީއާ. ގޭންގުތަކަށް އަމާޒުކޮށްގެން އަޅުގަނޑުމެން ފެށި މަސައްކަތްތަކުގެ ނަތީޖާ އަޅުގަނޑުމެންނަށް ފެނޭ. އަޅުގަނޑުމެން ވަރަށް ބޮޑަށް މި ގެންދިޔައީ ކުރިން މި ދެންނެވި ފަދަ މުއައްސަސާތަކުގެ މެދުގައި ގުޅި ލާމެހި، ވަރަށް ބޮޑަށް އެ ބައެއްގެ ދައުރުގެ ތެރެއިން. އެކަމަކު މި ހުރި ޗެލެންޖެސް ތެރޭ އަޅުގަނޑު ގަބޫލެއް ނުކުރަން މި ކަންކަން އެއްކޮށް ހުއްޓުވޭނެއެކޭ. ހުއްޓުވާލެވޭނީ އަޅުގަނޑު މި ދެންނެވިހެން، މާލެތެރޭ މި އުޅޭ ނުވަ ވަރަކަށް ގޭންގުގަ އަޅުގަނޑުމެންނަށް މި އެނގޭ ނުވަތަ ފަރިތަ 180 އެއްހާ މީހުން، އާންމުން މި ގަބޫލުކުރާ ގޮތަށް ތާއަބަދު ބަންދުގައި ބައިތިއްބައިގެން. އެކަމަކު ނުބޭތިއްބޭތާ އަޅުގަނޑުމެންނަކަށް. ކޮންމެވެސް ގޮތަކުން ނިޒާމުގެ ތެރެއިން ދޫވަނީ.

މަސްތުވާތަކެތި ވިއްކުމާއި ބޭނުންކުރުމުގެ މައްސަލަތައް ވެސް މަދުވާ ތަނެއް ނުފެނޭ. ފުލުހުންނަށް ނުހުއްޓުވެނީތޯ؟

މަސްތުވާތަކެތީގެ ކަންތަކުގައި އަޅުގަނޑު ދަންނަވާނީ ވަރަށް ގިނަ މަސައްކަތް އެބަ ކުރެވެޔޭ. ހާއްސަކޮށް، މަގުމަތީގައި ޑްރަގްސް ޕެޑްލް ކުރުމާއި މިފަދަ ކަންކަމާ ގުޅޭ ގޮތުން ފިޔަވަޅުތައް އެބަ އެޅޭ. މަސްތުވާތަކެތި ވިއްކުމަށް އާންމުކޮށް މާލެ ތެރޭ މި އުޅޭ ސަރަހައްދުތަކާއި އެކިއެކި ތަންތަނާއި ގޭގޭގައި އެކަން ހިނގާ ގޮތް އަޅުގަނޑުމެން ބަލާފައި ފިޔަވަޅުތަކެއް އެބަ އެޅޭ. މިހާރުވެސް ރާއްޖޭގައި އެންމެ ޕްރިވެލަންޓް ޑްރަގަކީ ހެރޮއިން. އެޑިކްޝަންގެ މި މަ މައްސަލަ އަކީ ގާތްގަނޑަކަށް 1970 ގެ އަހަރުތަކުން ފެށިގެން ރާއްޖޭގައި ފެތުރެމުން ދެމިގެން އައި މައްސަލައެއް. އަޅުގަނޑު މީގެ ދޮޅު އަހަރެއްހާ ކުރީގެ ތަފާސް ހިސާބަށް ބަލައިލިއިރު ވެސް އެވްރެޖްކޮށް ނިއު ޑްރަގް ޔޫސާސްގެ ގޮތުގައި، ފުލުހުން ނުކުމެ މި ހަރަކާތްތެރިވެ އުޅުމުގެ ތެރޭގައި އަޅުގަނޑުމެންގެ ސިސްޓަމް ތެރޭގައި އެބަ އަޅައިގަނޭ 400-500 އާ ދެމެދުގެ އަދަދަކަށް، މިދިޔަ އަހަރު އަޅައިނުގަންނަ އާ ޔޫސާސް މި އަހަރު. މާނަ އަކީ ޔޫސާސް އެބަ އިތުރުވޭ.

ދެން އެޑިކްޝަނަށް އެޑްރެސް ކުރުމަށް ކޮބައިތޯ އަޅުގަނޑުމެންގެ ތެރޭގައި އެޅޭ ފިޔަވަޅުތަކަކީ. އަޅުގަނޑަށް ހީވަނީ ނެޝަނަލް ޑްރަގް އެޖެންސީގެ ދައުރުގެ ތެރެއިން، ތަންކޮޅެއް ހިތްހަމަޖެހޭ މަސައްކަތްތަކެއް ތަންކޮޅެއް ފުޅާ ދާއިރާއެއްގައި ކުރެވިގެން ނޫނިއްޔާ ވަށައިޖެހޭ ހައްލުތަކެއް ނާންނާނެ. މިއަށް ޑިމާންޑް އިތުރުވާ ވަރަކަށް ސަޕްލައި އިތުރުވާނެ. ވަރަށް ބޭސިކް އިކޮނޮމިކްސް މިއީ. ކޮންމެ އަހަރަކު މި 400-500 މީހުން، މިއީ ހަމައެކަނި ފުލުހުންގެ އިންޓަރެކްޝަނުން އަޅުގަނޑުމެންނަށް އެނގޭ ވަރަކީ. އަދި އަޅުގަނޑުމެންނަށް ނޭނގި ކޮންމެވެސް ބާވަތެއްގެ ޑްރަގެއް ބޭނުންކުރާނެ މީހުން ބައިވަރު ތިބޭނެ. އެ މީހުންނަށް ސަޕްލައިކޮށްދޭނެ މީހުން ތިބޭނެ.

ވަށައިޖެހޭ ގޮތަކަށް މި މައްސަލަ ހައްލުކުރުމަށް އަޅުގަނޑުމެން ވެސް އިތުރަށް މަސައްކަތްތަކެއް ކުރަންޖެހޭ. އަޅުގަނޑަށް ގަބޫލުކުރެވެނީ [ފުލުހުންނަށް] އެކަށީގެންވާ މަސައްކަތްތަކެއް އެބަ ކުރެވެޔޭ.

މިކަންކަން ހުއްޓުވަން އިދާރާތަކުގެ މެދުގައި ރަނގަޅު ގުޅުމެއް ނެތީތޯ؟

އަޅުގަނޑުމެން މިހާރު މި ކުރާ މަސައްކަތް އިތުރަށް ޑަބަލްކޮށްގެން ވެސް އަޅުގަނޑުމެން މިހާރު މި އޮތް ހާލަތުގައި، ހާއްސަކޮށް ސަޕްލައި، މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް ގެނައުން ހުއްޓުވުމަށްޓަކައި އަޅާ ފިޔަވަޅުތައް އިތުރުކުރަންޖެހޭ. މި މައްސަލައަށް އެކަނި ބަލައިލި ކަމަށް ވިޔަސް، [ފެނޭ] އެއް އިދާރާ އަނެއް އިދާރާއާ ދެމެދުގައި އޮންނަ ގުޅުމާއި އެކުގައި މަސައްކަތްކުރުމުގެ ފްރޭމްވޯކާއި މި ކަންކަން ކުރުމުގައި ހުންނަ ކޮށިކަން. ކޮށިކަން ހުރީމާ އަޅުގަނޑުމެންނަށް އެނގޭ އެއްޗަކީ، ރާއްޖޭގެ ހުޅަނގުގެ ވަކި ބިތަކުން، އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ މިވެނި ޕޮއިންޓަކުން މިދިޔަ ހަތަރު އަހަރަށް ބަލާއިރު ގިނަ އަދަދަކަށް ވަކި މޫސުމެއްގައި ބޯޓުތަކުގައި އައިސް ޑްރަގް އެތެރެކުރާ ތަންތަންކަން. އެ ތަންތަނަށް ދަނީ އެވެނި މިވެނި އަތޮޅުތަކަކުން ލޯންޗުތަކަށް އަރައިގެންކަން. އަޅުގަނޑުމެން އެކްސްޕެކްޓުކުރަނީ އެކަން އެގޮތަށް ވެގެން ނުވާނެ. އަޅުގަނޑުމެން 2023 ގައި މި ތިބެނީ. ދައުލަތެއްގެ ގޮތުގައި އަޅުގަނޑުމެން މި ކަންކަމަށް ހޯދަންޖެހޭ ކޭޕަބިލިޓީއަކީ ކޮބައިކަން، އެއީ ސަރުކާރަށް ވެސް ގާނޫނު ހަދާ ފަރާތްތަކަށް ވެސް އެންމެންނަށް ވެސް އެނގިފައި ހުންނަން ޖެހޭނެ އެއްޗެހި.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު: އޭނާ ވިދާޅުވީ މުއައްސަސާތައް މިހާރަށް ވުރެ ބޮޑަށް ގުޅިގެން މަސައްކަތްކޮށްފި ނަމަ މަސްތުވާތަކެތި އެތެރެކުރުން ވަރަށް ބޮޑަށް ހުއްޓުވޭނެ ކަމަށް. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު: އޭނާ ވިދާޅުވީ މުއައްސަސާތައް މިހާރަށް ވުރެ ބޮޑަށް ގުޅިގެން މަސައްކަތްކޮށްފި ނަމަ މަސްތުވާތަކެތި އެތެރެކުރުން ވަރަށް ބޮޑަށް ހުއްޓުވޭނެ ކަމަށް. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ޑްރަގްގެ ކަންތައް ހުއްޓުވުމަށް އެ ލެވަލްގެ މަސައްކަތްކުރަން އެ ކޭޕަބިލިޓީ، މިހާރުން މިހާރަށް ނޫނަސް، އަގު ބޮޑު ކަމަށް ވަންޏާ ކޮންމެވެސް ވަރެއްގެ ވަރެއްގެ ވަގުތު ނަގައިގެން ވިޔަސް އެކަން ކުރަންޖެހޭ. އެކަންކަން ކޮށްގެން ނޫނިއްޔާ އަޅުގަނޑުމެންނަކަށް ނުހުއްޓުވޭނެ. ޕެންޑަމިކް ތެރޭ ބޮޑަށް މި އައީ ޕޯސްޓު މެދުވެރިކޮށް ޑްރަގް އެތެރެކުރުން، މިހާރު ވެސް އެ ޓްރެންޑް އެގޮތަށް އެބަ ދޭ. އަޅުގަނޑުމެން އެބަ ޖެހޭ އެކަން ހުއްޓުވަން ވެސް، ސްކްރީން ކުރާނީ ކިހާ ވަރަކަށްތޯ، އެ ކޭޕަބިލިޓީސް އަށް އިންވެސްޓްކުރާނީ. އެއަށް ރިސޯސް ދޭނީ. ޕްރިއޮރިޓީ އިތުރަށް ދީގެން މަސައްކަތްކޮށްފިއްޔާ ސަޕްލައި ވަރަށް ބޮޑަށް ހުއްޓުވޭނެ. ކުރިން އިޝާރާތްކުރި، ކަސްޓަމްސް، އިމިގްރޭޝަން، އެމްއެންޑީއެފްގެ ކޯސްޓް ގާޑް، ފުލުހުން ގުޅިގެން އިތުރަށް މަސައްކަތް ކޮށްފިއްޔާ އަޅުގަނޑު ގަބޫލުުކުރަނީ ސަޕްލައި ވަރަށް ބޮޑަށް ހުއްޓުވޭނޭ.

މުޖުތަމައުގެ ހާލަތު ކޮންމެ ގޮތަކަށް ބަދަލުވިޔަސް، ފުލުހުންނަށް އިތުރު ބާރެއް ދޭން އުޅޭ ނަމަ އެކަމާ ދެކޮޅަށް އެކި ފަރާތްތަކުން އެބަ ވާހަކަ ދައްކާ. އެއީ ކީއްވެތޯ؟

ފުލުހުންނަކީ ވަރަށް އާ މުއައްސަސާއެއް. ފުލުހުންނަކީ އަސްލު 19 އަހަރުވީ މުއައްސަސާއެއް. އެކަމަކު ފުލުހުންގެ މަސައްކަތް 1933 ގައި ފެށިގެން މިއީ 90 އަހަރު ފުރޭ އަހަރު. އެކަމަކު މީގެ ތެރެއިން ގާތްގަނޑަކަށް 70 އަހަރު މި ހިދުމަތް އޮތީ ސިފައިންގެ ތެރޭގައި ... ނަވާރަ އަހަރު ތެރޭ އެތައް ސަރުކާރެއް އައިސް، ޕޮލިޓިކަލް އެތައް ޓެންޝަންއަކާ، ވޮލަޓައިލް އެންވަޔަރަމަންޓާ މި މުއައްސަސާ ޕޮލިޓިސައިޒް ކުރެވުމާ، އެގޮތަށް ވަރަށް ގިނަ ފަރާތްތަކަށް ގަބޫލުކުރެވުމާ، ނުވަތަ ހިނގާފައި ހުރުމާއި މި ހުރިހާ ކަމަކާ ހުރެ ހަގީގަތަކީ މުއައްސަސާއެއްގެ ގޮތުގައި ވަރަށް ގިނަ ފަރާތްތަކަށް އިތުބާރު ކުޑަވާނެ. އެއީ ކޮންމެ ބަޔަކު ސަރުކާރުގައި ތިބި ކަމުގައި ވިޔަސް. ކޮންމެ ބަޔަކު ގާނޫނު ހަދާ މަޖިލީހުގައި ތިބި ކަމުގައި ވިޔަސް. ރައްޔިތުންގެ ތެރެއިން އަދިވެސް ވަރަށް ގިނަ ބަޔަކު ހުންނާނެ ފުލުހުންގެ މުއައްސަސާއާ ދެމެދު ހުންނަ ޓެންޝަންސް. އިންޑިވިޖުއަލް މީހުންގެ ވެސް ހުންނާނެ ހިތްހަމަނުޖެހުންތައް. ނެޗުރަލީ ފުލުހުންގެ މުއައްސަސާ އަކީ އެކަހަލަ މުއައްސަސާއެއް.

އެއްވެސް ސޮސައިޓީއެއްގައި ފުލުހުންނަކީ ނަގައި ގޮސް ކޮނޑަށް ލައިގެން އުޅޭނެ ބައެއް ނޫން. އަޅުގަނޑުމެން އެދެނީ އެގޮތް. އަޅުގަނޑުމެން އެދެނީ ވަރަށް ބޮޑަށް ބަލައިގަންނަ ބަޔަކަށްވުން. އެކަމަކު މިއީ ވަރަށް ދުވަހުން، ވަރަށް ސިސްޓަމެޓިކްކޮށް މަސައްކަތްކޮށްގެން ހާސިލްކުރެވޭނެ ކަންކަން.

އެ ހުރިހާ ސަބަބަކާ ހުރެ ވާ ގޮތަކީ މިފަދަ މުއައްސަސާއަކަށް، އަދި މިފަދަ ހާލަތެއްގައި އޮތް މުއައްސަސާއަކަށް ބާރެއް ދޭން [ވިސްނަނީ] . އެސްޓަބްލިޝްޑް ޑިމޮކްރަޓިކް ސޮސައިޓީތަކުގައި ވެސް ފުލުހުންނަށް މިފަދަ ބާރެއް ދިނުމާ މެދު ވިސްނާނެ ދެ ފަހަރު. ރާއްޖޭގެ ހާލަތުގައި ހަ ފަހަރު ވިސްނަފާނެ ކަންނޭނގެ.

ފުލުހުންނަށް އިތުރު ބާރެއް ދޭން ޖެހޭތޯ؟

ހަގީގަތަކީ މިއަދު ދިވެހިރާއްޖޭގެ އެންވަޔަރަމަންޓުގައި މި ހުރި، ރައްޔިތުންގެ ރައްކާތެރިކަމަށް ހުރި ނުރައްކާތަކާއި ގައުމުގެ ދާޚިލީ ސަލާމަތަށް ހުރި ގޮންޖެހުންތަކާ މި ހުރިހާ ކަމަކާ އަޅާބަލާއިރު ފުލުހުންނަކީ އަތް ބަނދެވިފައި [ތިބި ބަޔަކަށް ވެގެން ނުވާނެ]. ރައްޔިތުންގެ ރައްކާތެރިކަމަށް ގޮންޖެހުންތައް ގެންނާނެ މީހުންގެ އަތުގައި ދަގަނޑުބުރި އާއި ތޫނު ހަތިޔާރާއި މަރުތޭލާ ހުރެފައި ފުލުހުންގެ އަތުގައި ހަމައެކަނި ޕެޕަސްޕްރޭ ފުޅިއަކާއި މުގުރަކާ އޮތުމުން ކޮމްޕެޓިބްލްއެއް ނޫން. އެހެންވީމާ ރައްޔިތުންގެ ރައްކާތެރިކަން ކޮންމެ ގޮތެއްގައި ގާއިމްކުރުމަށްޓަކައި ގާނޫނީ ނިޒާމުގެ ތެރޭގައި މިހާރު ފުލުހުންގެ ދައުރު އޮތީ ވަރަށް ބޮޑުކޮށް. މުޖުތަމައު ތެރޭގައި ކުށް ކުރިޔަ ނުދިނުމަށްޓަކައި. އެ މަސްއޫލިއްޔަތު އަދާކުރަންދާ ބަޔަކަށް އެ ޓޫލްސް ނެތި، އެކިއުޕްމަންޓް ނެތި، ތަމްރީން ލިބިފައި ނެތި، ގާނޫނީ ބާރުތަކެއް ނެތިއެއް އެކަމެއް ނުކުރެވޭނެ. އަޅުގަނޑު ގަބޫލުކުރަނީ އެ ބާރުތައް ހުންނަން ޖެހޭނޭ.

ރާއްޖެ ކަހަލަ ކުޑަ ސަރުކާރެއް ނުވަތަ ނިޒާމެއްގެ ތެރޭ ހިނގާ ދައުލަތަކަށް ވާއިރުގައި މި ވަސީލަތާއި މި ކަންކަމާ ގުޅޭ ތަޖުރިހާ ހުރި މީހުން ތިބި މިންވަރާ ބަލާއިރު ވިއްސިވިހާލި ވެފައި އޮތް ނިޒާމެއްގެ ތެރޭ ދާހިލީ ސަލާމަތާއި އާންމު ރައްކާތެރިކަމެއް ނުބެލެހެއްޓޭނެ.

ދެން ބާރުތައް ދީފައި އޮންނައިރު، ހަތިޔާރެއް ދީފައި އޮންނައިރު އެ ނަހަމަ ގޮތުގައި ބޭނުންކުރާ މީހާއާ މެދު ފިޔަވަޅު އެޅުމުގެ ނިޒާމު ރާއްޖޭގައި އެބަ އޮތް. އެހެން ދައުލަތްތަކުގައި ނޯންނަ ވަރަށް އެ އިހްތިސާސް އާއި އެ ބާރު އެބަ އޮތް މުއައްސަސާތަކުގެ މައްޗަށް ދީފައި. އަޅުގަނޑުމެންނަށް މިހާރު އޮންނަ އެއް ގޮންޖެހުން އެއީ ފުލުހެއް، މިސާލަކަށް، އޭނާއަށް ލިިބިގެންވާ ގާނޫނީ އިހްތިޔާރު ބޭނުންކުރުމުގެ ތެރޭގައި ކުރާ ކަމަކުން ފިޔަވަޅު އެޅުމުގެ ނިޒާމު ވަރަށް އެގްޒޯސްޓިން. ހިއުމަން ރައިޓްސް އިން ގެންގޮސްފާނެ ފުލުހުން. ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުން ގެންގޮސްފާނެ. ނުވަތަ އަޅުގަނޑުމެން އާ ގާނޫނުން އުފެއްދި ޕޮލިސް ބޯޑުން ވެސް ސުވާލުކޮށްފާނެ ވަކިވަކި ފުލުހުންނާ ނޫނަސް އަޅުގަނޑުމެން ގެންގޮސް ސުވާލުކުރޭ. އެހެންވީމާ ޖަވާބުދާރީ ކުރުވުމުގެ ނިޒާމު ރާއްޖޭގައި އެބައޮތް ވަރަށް ފުޅާކޮށް. އަޅުގަޑުމެންގެ މައިންޑްސެޓް މިހުންނަނީ ވަކި ފުލުހަކު އެހެން ކުރާ ކަމެއްގައި އެ ފުލުހަކު ހިމާޔަތްކުރާކަށެއް ނޫން. އެ ފުލުހަކު ޖަވާބުދާރީވާން ޖެހޭނެ. އަޅުގަނޑުމެން ވެސް އެހެން ގައުމުތަކުގައި ވެސް ޕްރޮމޯޓް މިކުރަނީ، ފުލުހަކު އެ މީހަކު ގާނޫނީ ހުވާކޮށްގެން ހުރެ ކުރާ ކަމަކަށް ޒިންމާވާން ޖެހޭނެ. އަދި މުޅި މުއައްސަސާއިން ޖަވާބުދާރީވާން ޖެހޭ ކަމެއް ނަމަ އެކަމަކަށް މުއައްސަސާއިން ވެސް ޖަވާބުދާރީވާން ޖެހޭނެ.

މުއައްސަސާތަކުގެ މެދުގައި ވާދަވެރިކަން އޮންނަ ވާހަކަ އަބަދުވެސް ދައްކާ. އެހެންތޯ އެކަން ހިނގަނީ؟

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މީގެ އެހެން ސަބަބުތަކެއް ވެސް އެބަހުރި. ހާއްސަ ގޮތެއްގައި އަޅުގަނޑުމެން ކްރައިމް ޕްރިވެންޝަނާ، ކްރައިމް ޑިޓެކްޝަންގެ މައްސަލަތައް އެކަނި ބާއްވާލާފައި، މުޅި ގައުމުގެ ގާތްގަނޑަކަށް 872 ކިލޯމީޓަރުގެ ސަރަހައްދު ހިމެނޭ ރާއްޖޭގެ ސަރަހައްދުގައި މި ހުންނަ އެކި ގޮންޖެހުންތައް. ދާހިލީ ސަލާމަތް ދެމެހެއްޓުމަށް އެ ރައްކާތެރިކުރުމަށް އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތް ވަރަށް ގިނަ. ކުރާއިރު އަޅުގަނޑުމެންނަށް މި ފާހަގަކުރެވެނީ "މިސްއެލައިންމަންޓް". ދައުލަތުގެ ތެރޭގައި މިފަދަ މަސައްކަތްކުރާ، އަޅުގަނޑުމެން ފަދަ މަސައްކަތްކުރާ މުއައްސަސާތަކުގެ މިސްއެލައިންމަންޓް. މިސާލަކަށް ބޯޑަރު ބެލެހެއްޓުމުގެ ކަންތައްތަކަކީ ދައުލަތުގެ އެހެން ވުޒާރާއެއްގެ ދަށުން އޮންނަ ވަކި މުއައްސަސާއަކުން ކުރާ ކަމަކަށް ވެފައި ބޯޑަރު އެތެރެވުމަށް ފަހު ދެން ހިންގާ ކަންތައްތަކަށް ޒިންމާވާ މުއައްސަސާއަކީ އެންމެ މުއައްސަސާއަކަށް ވީމާ ހަމަނެޖެހޭ ކަންތައްތަކެއް އެބަހުރި. އެ އެލައިންމަންޓް އެބަ އަންނަންޖެހޭ.

ކޮބައިތޯ ތިޔަ ވިދާޅުވާ ވާހަކައަކީ؟

ރާއްޖެ ކަހަލަ ކުޑަ ސަރުކާރެއް ނުވަތަ ނިޒާމެއްގެ ތެރޭ ހިނގާ ދައުލަތަކަށް ވާއިރުގައި މި ވަސީލަތާއި މި ކަންކަމާ ގުޅޭ ތަޖުރިހާ ހުރި މީހުން ތިބި މިންވަރާ ބަލާއިރު ވިއްސިވިހާލި ވެފައި އޮތް ނިޒާމެއްގެ ތެރޭ ދާހިލީ ސަލާމަތާއި އާންމު ރައްކާތެރިކަމެއް ނުބެލެހެއްޓޭނެ. ކަސްޓަމްސް އިން އެއް ދުވަހު ވިދާޅުވެދާނެ އެހެން އެއްޗެއް. އެހެން މުއައްސަސާއަކުން ވިދާޅުވެދާނެ އެހެން އެއްޗެއް. އެލައިންއެއް ނުވޭނުންތޯ. މިސާލަކަށް، އެއާޕޯޓްގައި އޭވިއޭޝަން ސެކިއުރިޓީއާ ގުޅޭ ކަމެއް. އަހަރެއްގެ ތެރޭ 1.6 މިލިއަނެއްހާ މީހުން އައިސް އުޅޭ ތަނެއްގެ ތެރޭގައި، ސަލާމަތާއި ރައްކާތެރިކަމަށް ގާއިމުކޮށްފައި ހުންނަ ނިޒާމުތަކަށް ފުލުހުންނަށް އޮންނަނީ ކިހާ އެކްސެސްއެއްތޯ. އަޅުގަނޑުމެންނަކަށް ނޯވޭ އެކްސެސްއެއް. ޓޫރިސްޓަކު، މިސާލަކަށް، އެއާޕޯޓުން ޓޫރިސްޓެއްގެ އަގު ބޮޑު މުދަލެއް ގެއްލުނީ. އެކަން ހުށަހަޅާނީ ފުލުހުންނަށް. ހުށަހެޅީމާ އެތާ ކެމެރާއެއް ހުރެއްޖިއްޔާ އެ ފުޓޭޖް ބަލަން ފުލުހުން މި ޖެހެނީ ތިބެން މަޑުކޮށްގެން. ކޮންމެވެސް އެހެން މުއައްސަސާއެއްގެ ކިބައިން ހުއްދައަށް އެދިގެން އެ ހުއްދަ ލިބެންދެން ހަފްތާއެއް ދެ ހަފްތާއެއް ތިބެން މި ޖެހެނީ. އެކްސެސް ނޯންނަތާ އެ ފުޓޭޖް ބަލަން ވަންނަން ޖެހޭ ތަނަކަށް ވަނުމަށް ވެސް ޖެހެނީ ހުއްދައެއް ހޯދަން. މިއީ ޕަބްލިކަށް އެނގޭ ކަންކަމެއް ނޫން.

އެކަމަކު ޕަބްލިކުން އެކްސްޕެކްޓު ކުރަނީ ދާހިލީ ސަލާމަތާއި ރައްކާތެރިކަން ގާއިމުކުރަން ޔުނިފޯމް އަޅައިގެން ނުކުންނަ ފުލުހުންގެ އަތުގައި ހުރިހާ އެއްޗެއް ހުންނަން ޖެހޭނޭ. ހުރިހާ އެއްޗެސް އެނގެން ޖެހޭނޭ. ހުރިހާ އެއްޗަކަށް އެކްސެސް އޮންނަން ޖެހޭނޭ. އަޅުގަނޑުމެންނަކީ ވަރަށް ފުޅާ މެންޑޭޓަކާ އެކީ، ވަރަށް ފާޅުގައި މި ކަންތައްތަކުގެ ތެރެއަށް ނުކުމެގެން އުޅޭ ބަޔަކަށް ވާތީ ފުލުހުންގެ މީހާއާ ދޭތެރޭ ޝަކުވާ އިތުރުވާނީ. ފުލުހުންގެ މީހާގެ ފޮޓޯ ސޯޝަލް މީޑިއާގައި ޖަހާނީ، އެހެން ތަނެއްގައި ވެސް ފުލުހުންގެ މުއައްސަސާގެ އެންމެ އިސްކޮށް ހުންނަ މީހާއާ ދިމާލަށް އެއްޗެހި ގޮވާނީ.

ޕޮލިސް ކޮމިޝަނަރު ވިދާޅުވީ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ފަސް އަހަރަށް ރާވައިގެން ސިސްޓަމެޓިކްކޮށް ހުރިހާ ފުލުހުން ގުޅިގެން ކުރަން ފެށި މަސައްކަތަކުން ރަނގަޅު ބަދަލުތަކެއް ފުލުހުންގެ މަސައްކަތުން ފެންނަ ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެކަމަކު ނަތީޖާ އަކީ ކޮބައިކަން ބޮޑަށް ނިންމާނީ ރައްޔިތުން ކަމަށެވެ.