Roadha Mihaaru
މައިކްރޮމެކްސްގެ އާ ފޯނު ވިއްކުން މި މަހުގެ ފަހުކޮޅު

އިންޑިއާގެ މައިކްރޮމެކްސްގެ އާ ފޯނުތައް މި މަހުގެ ފަހުކޮޅު ވިއްކަން ފަށަނީ

06 ނޮވެމްބަރ 2020

ޓެކްނޮލޮޖީގެ ދާއިރާ އިން ޗައިނާ އަށް ބަރޯސާވުން ކުޑަކޮށް، އަމިއްލަ އުފެއްދުންތަކާ ދިމާއަށް އިންޑިއާ އިން ޖަހާފައިވާ މިސްރާބުގެ ތެރެއިން ދައްކައިލި މައިކްރޮމެކްސްގެ އާ ފޯނު މި މަހުގެ ފަހުކޮޅު ވިއްކަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޓެކްނޮލޮޖީގެ ދާއިރާ އިން ޗައިނާ އަށް ބަރޯސާވުން ކުޑަކޮށް، އަމިއްލަ އުފެއްދުންތަކާ ދިމާއަށް އިންޑިއާ އިން ޖަހާފައިވާ މިސްރާބުގެ ތެރެއިން ދައްކައިލި މައިކްރޮމެކްސްގެ އާ ފޯނު މި މަހުގެ ފަހުކޮޅު ވިއްކަން ނިންމައިފި އެވެ.

އިންޑިއާގެ ކުންފުނި މައިކްރޮމެކްސްގެ ސްމާޓްފޯނު މާކެޓުން ގެއްލިފައިވާތާ ހަ އަހަރު ފަހުން އެ ބްރޭންޑްގެ އާ ދެެ ވާޝަނެއް ދައްކައިލީ މި މަހުގެ 3 ގަ އެވެ. އެއީ މައިކްރޮމެކްސް އިން ނޯޓް 1 އާއި މައިކްރޮމެކްސް އިން 1ބީ އެވެ. މި ދެ ވާޝަނަކީ އެންޑްރޮއިޑް 10 ސަޕޯޓްކުރާ ގޮތަށް މީޑިއާޓެކް ޗިޕް ސެޓާ އެކު އުފައްދާފައިވާ ފޯނުތަކެވެ. ދެ ވާޝަނަނަށް ބަލާ އިރު ނޯޓް 1 ވިއްކަން ފަށާނީ މި މަހުގެ 26 ގަ އެވެ. އަދި ނޯޓް 1ބީ ވިއްކަން ފަށާނީ 24 ގަ އެވެ.

މައިކްރޮމެކްސް ނޯޓް 1 ގެ ފީޗާތަކަށް ބަލާ 6.67 އިންޗީގެ ޑިސްޕްލޭގެ މި ފޯނަކީ ހަތަރު ޖީބީގެ ރޭމަކާއި 128 ޖީބީގެ ސްޓޯރޭޖް އެކުލެވޭ ފޯނެކެވެ. އޭގެ އަގަކީ 12،499 ރުޕީސް (2,591.89ރ.) އެވެ. އަދި ހަތަރު ޖީބީ އާއި 64 ޖީބީގެ ސްޓޯރޭޖް އެކުލެވޭ ފޯނުގެ އަގަކީ 10،999 ރުޕީސް (2,282.68ރ.) އެވެ. މި ދެ ސައިޒްގެ ފޯނުތައް ދެ ކުލައަކުން ލިބޭނެ އެވެ. އެއީ ފެއްސާއި ހުދެވެ.

މައިކްރޮމެކްސް ނޯޓް 1ބީ އަށް ބަލާ އިރު މީގެ ދެ އަގެއް އުޅޭނެ އެވެ. އެގޮތުން ދެ ޖީބީގެ ރެމާއި 32 ޖީބީގެ ސްޓޯރޭޖް އެކުލެވޭ ފޯނުގެ އަގަކީ 6،999 ރުޕީސް (1,451.41ރ.) އެވެ. މި ވާޝަނުގެ ހަތަރު ޖީބީގެ ރެމާއި 64 ޖީބީގެ ސްޓޯރޭޖްގެ ފޯނުގެ އަގަކީ 7،999 ރުޕީސް (1,658.79ރ.) އެވެ.

މައިކްރޮމެކްސް ނޯޓް 1ބީ އަކީ 6.52 އިންޗީގެ ފޯނެކެވެ. މީގެ ތިން ކުލައެއް ލިބޭނެ އެވެ. އެއީ ފެހި ނޫ އަދި މަޑު ނުލާއި މަޑު ފިޔާތޮށި މަސްހުނިކޮށެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ އިއުލާންކުރައްވާފައިވާ "މޭކް އިން އިންޑިއާ" އިނިޝިއޭޓިވްގެ ދަށުން މައިކްރޮމެކްސް އިން ނެރުނު އާ ފޯނުތައް އެ ކުންފުނީގެ ވެބްސައިޓުންނާއި ފްލިޕްކާޓުން ގަންނަން ލިބޭނެ އެވެ.

އިންޑިއާގައި އެންމެ ބޮޑު މަގުބޫލުކަމެއް މިހާތަނަށް ހޯދާފައި ވަނީ ޗައިނާގެ ކުންފުނިތަކުގެ ފޯންތަކެވެ. އޭގެ ތެރޭގައި ވަންޕްލަސް އާއި ޝޯމީ އާއި ރިއަލްމީ އަދި ވީވޯ ފަދަ ބްރޭންޑްތައް ފާހަގަކޮށްލެވެ އެވެ.