Roadha Mihaaru
"ފިޗުން ރާއްޖެއަށް ދިން ރޭޓިން ގަބޫލެއް ނުކުރަން"

ފިޗުން ރާއްޖެ އަށް ދިން ރޭޓިން ގަބޫލެއް ނުކުރަން: ފިނޭންސް

06 ނޮވެމްބަރ 2020

ކްރެޑިޓް ރޭޓިން ކުންފުނި، ފިޗުން ރާއްޖެ އަށް ދިން ކްރެޑިޓް ރޭޓް ގަބޫލު ނުކުރާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކްރެޑިޓް ރޭޓިން ކުންފުނި، ފިޗުން ރާއްޖެ އަށް ދިން ކްރެޑިޓް ރޭޓް ގަބޫލު ނުކުރާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ފަހުގެ ޕޮލިސީތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ބާރުމިނުގައި ކުރިއަރަމުން އަންނަ ކަމަށެވެ. އަދި ރާއްޖޭން ދައްކަން ޖެހޭ ދަރަނި ބަރާބަރަށް ދައްކަމުން އަންނަ ކަމަށާއި އެގޮތުގައި ކުރިއަށް އޮތްތާނގައި ވެސް އަމަލު ކުރަމުންދާނެ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގައި ބޭރު ފައިސާ މަދުވެ ދަރަނި އިތުރުވުމާ ގުޅިގެން، ފިޗުން ވަނީ ރާއްޖޭގެ ރޭޓިން "ބީ" އިން "ސީސީސީ" އަށް ދަށްކޮށްފަ އެވެ.

ސީސީސީ ރޭޓިން އަކީ ދަރަނި ނުދެއްކޭ ދަރަޖަ އަށް މާލީ ހާލަތު ގޯސްވުމެވެ. ނަމަވެސް މާލީ އެކި އިދާރާތަކުން ރާއްޖޭން ނަގާފައިވާ ލޯނުތައް، މި ދަތި ހާލަތުގައި ވެސް ބަރާބަރަށް ދައްކަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ފިޗުން ބުނީ ރާއްޖޭން ފާއިތުވި މަސްތަކުގައި މާލީ އެހީ ހޯދި ނަމަވެސް ބޭނުންކުރަން ހުރި ބޭރު ފައިސާ މަދު ކަމަށެވެ. އަދި ޓޫރިޒަމް ރަނގަޅު ނުކޮށް ރާއްޖެ އަށް ޑޮލަރު އިތުރު ނުކުރެވޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެހެންވެ ބޭރުގެ ގައުމުތަކަށް ބަރޯސާވާން ޖެހޭ މިންވަރު އިތުރުވެފައިވާކަން ފާހަގަކޮށްފައިވެ އެވެ.

ފިނޭންސުން ބުނިގޮތުގައި ރާއްޖެއިން އަންނަނީ ކާމިޔާބު ކަމާއެކު ކޮވިޑް-19 ކޮންޓްރޯލް ކުރަމުންނެވެ. އަދި ރާއްޖޭގެ ބޯޑަރު ހުޅުވައި މަހުން މަހަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވަމުން އަންނައިރު ޓޫރިސްޓުންނަށް ލުއި ހޯދައިދިނުމަށާއި ރާއްޖެ އަށް އަންނަ އެއާލައިންތައް ވެސް ގިނަ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން އަންނަ އަހަރު ވެސް ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޝަން ބަޖެޓު ބޮޑުވާނެ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ފިޗުން އަންދާޒާކުރާ ގޮތުގައި ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ލިބޭ ގެއްލުން 2004 ވަނަ އަހަރުގެ ސުނާމީ އާއި 2009 ވަނަ އަހަރުގެ ފައިނޭންޝަލް ކްރައިސިސްގައި ލިބުނު ގެއްލުމަށް ވުރެ ބޮޑުވާނެ އެވެ. އެގޮތުން ރާއްޖޭގެ އިގްތިސާދު 30 ޕަސެންޓް ދަށްވާނެ ކަމަށް އެ ކުންފުނިން ވަނީ ލަފާ ކޮށްފަ އެވެ.

ފިނޭންސް ގެ ބަޔާނުގައި ބުނީ ފައިނޭންސް ގެޕް ކުޑަކުރުމަށް ބޭރުގެ މާލީ އިދާރާތަކާ ގުޅިގެން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އިންޑިއާ ސަރުކާރާއި ޖަޕާނު ސަރުކާރާއި އޭޑީބީ އާއި ވޯލްޑް ބޭންކާއި އައިޑީބީ އާއި ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކާއި އޭއައިޑީބީ އަދި އޯޕެކް ފަދަ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ސަރުކާރުން މިމަހުގެ 10 ވަނަ ދުވަހު ރާއްޖެ ގަޑިން ހެނދުނު 7:00 ގައި އިންވެސްޓާ ކޯލެއް ބާއްވާނެ ކަމަށް ވެސް ފިނޭންސުން ވަނީ ބުނެފަ އެވެ.