Roadha Mihaaru
ކަނޑިންމަ އިން މީހަކު މަރުވި މައްސަލަ ބަލަން ޕޮލިހަށް

ކަނޑިންމަ ރިސޯޓުން މީހަކު މަރުވި މައްސަލަ ބަލަން އެޗްއީއޯސީން ފުލުހުންނަށް ހުށަހަޅައިފި

05 ނޮވެމްބަރ 2020

ކަނޑިންމަ ރިސޯޓުގެ މުވައްޒަފު މަރުވި މައްސަލައިގައި ކަންކަން ހިނގައިދިޔަ ގޮތް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ޓީމަކުން ބެލުމަށްފަހު، އެ މައްސަލަ ތަހުގީގުކުރަން ފުލުހަށް މިއަދު ހުށަހަޅައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކަނޑިންމަ ރިސޯޓުގެ މުވައްޒަފު މަރުވި މައްސަލައިގައި ކަންކަން ހިނގައިދިޔަ ގޮތް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ޓީމަކުން ބެލުމަށްފަހު، އެ މައްސަލަ ތަހުގީގުކުރަން ފުލުހަށް މިއަދު ހުށަހަޅައިފި އެވެ.

އެ ސެންޓަރުން މިރޭ ބޭއްވި މީޑިއާ ބްރީފިންގައި ތަރުޖަމާނު، ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އާދަމް ނަސީރުގެ މަރުގެ މައްސަލައިގައި ކަންކަން ހިނގައިދިޔަ ގޮތް ތަހުގީގުކުރަން އެޗްއީއޯސީގެ ޓީމެއް މިދިޔަ ހޯމަ ދުވަހު އެ ރިސޯޓަށް ދިޔަ ކަމަށެވެ. އެއަށްފަހު، ފާހަގަވި ކަންކަން ބަލައި މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ފުލުހަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރިސޯޓުގައި ފުރަތަމަ ފެނުނު ކޭސް، ނިޔާވި ކޭސްއާ ގުޅިގެން ވެސް ކަންތައްތައް ހިނގައިދިޔަ ގޮތް ބަލައި ހޮސްޕިޓަލް އަދި ރިސޯޓުގައި ވެސް ކަންކަން ހިނގައިދިޔަ ގޮތް ބަލައި އެކަމާ ގުޅިގެން ބައެއް ބޭފުޅުންގެ ފަރާތުން މައުލޫމާތު ވެސް ވަނީ ސާފުކުރެވިފައި. މި ޓީމް މިއަދު މާލެ އައީ މެންދުރު. މިހާރު ޓީމުގެ ރިޕޯޓު ނޫނީ ފައިންޑިންސް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތާ ވަނީ ހިއްސާކުރެވިފައި އަދި މި ފައިންޑިންތައް ބެއްލެވުމަށްފަހު ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މި ވަނީ މިކަން އިތުރަށް އިންވެސްޓިގޭޓްކުރުމަށް ފުލުހަށް މިރޭ ހުށަހަޅުއްވާފައި،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދ. އަތޮޅު ހޮސްޕިޓަލުގެ ޑޮކްޓަރަކާއި ނަރުހެއް ކަނޑިންމަ ރިސޯޓުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އޭގެ އިތުރުން ދ. އަތޮޅުން ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. މާއެނބޫދޫން 25 ސާމްޕަލް ނަގާފައިވާއިރު ކުޑަހުވަދޫން ވެސް ސާމްޕަލް ނެގުމުގެ ކަންކަން ކުރިއަށްދާކަން ފާހަގަކުރެއްވި އެވެ.

އެ ރިސޯޓުގެ ޑޮކްޓަރުގެ ލަފަޔާ އެކު އޮކްޓޯބަރު 30 ގައި ދ. ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންދިޔަތާ ގާތްގަނޑަކަށް ހަތަރު ގަޑިއިރު ފަހުން ނަސީރު ވަނީ މަރުވެފަ އެވެ. ކޮވިޑުގެ އަލާމާތްތައް ހުރި ކަމަށް ބުނުމުން އޭނާ ޓެސްޓްކުރިއިރު ޕޮޒިޓިވް އެވެ. އެއީ، ކޮވިޑުގެ 38 ވަނަ މަރުގެ ގޮތުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ކަނޑައަޅައިފަ އެވެ.

ނަސީރާއެކުގައި މަސައްކަތް ކުރި ބައެއް މީހުން "މިހާރު"އަށް ކިޔައިދިން ގޮތުގައި، ހުން އަންނަން ފެށުމުން ރިސޯޓުގެ ޑޮކްޓަރަށް ދައްކައި، ގަވާއިދުން ޕެނަޑޯލް ނެގި އެވެ. ގަވާއިދުން ބޭސް ކަމުން ދިޔައިރު ވެސް ހުން މަޑުނުވާތީ، ޓެސްޓް ހަދަން މާލެ ފޮނުވައިދޭން އޭނާ އެދުނެވެ. އެކަމަކު އެކަމަށް ޖަވާބެއް ނުލިބި ލަސްވުމުން އެކިފަހަރު މަތިން ކްލިނިކަށް ދެއްކި އެވެ.

ނަަމަވެސް އާއިލާއިންނާއި އެކުގައި މަސައްކަތްކުރި މީހުން ކުރާ ތުހުމަތުތައް ކަނޑިންމައިން ދޮގުކުރެ އެވެ. އެ ރިސޯޓުން ވާހަކަދެއްކެވި އޮފިޝަލަކު ވިދާޅުވީ ރިސޯޓުގެ މުވައްޒަފަކު ކުއްލި ގޮތަކަށް މަރުވުމަކީ ވަރަށް ބޮޑު ދެރައެއް ކަމަށެވެ. އެކަމަކު އެ މުވައްޒަފަށް ފަރުވާދިނުމާއި އެހެން އެއްވެސް މުވައްޒަފެއްގެ ބޭސްފަރުވާގައި ފަރުވާ ކުޑަވުމެއް އަދި އިހުމާލެއް ވެސް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުން އައި މުވައްޒަފަކު ކޮވިޑަށް ޓެސްޓް ނުކުރުން އެއީ މިސްޓޭކެއް. އެކަން އަޅުގަނޑު ގަބޫލުކުރަން،" އޭނާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވިގޮތުގައި ކަނޑިންމަ ކޭސްއާ ގުޅުންހުރި 50 މުވައްޒަފުން މިހާތަނަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ އިތުރުން ރިސޯޓުން ފުރުމުގެ ކުރިން ޓެސްޓު ހެދި ޓޫރިސްޓެއް ވެސް ޕޮޒިޓިވްވެފައިވާ ކަމަށް ވިދާޅުވި އެވެ.

އެ ރިސޯޓުގެ ބޮޑު ކްލަސްޓާއާ ގުޅިގެން މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ކަނޑިންމަ އޮތީ މޮނިޓަރިންގެ ހާލަތުގަ އެވެ. އެއާއެކު ރަށަށް އަރައި ފޭބުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކެއް ހުރިއިރު އެ ދުވަހުން ފެށިގެން ކަނޑިންމައަށް އިތުރު ޓޫރިސްޓުންނެއް ނުގެނެވޭނެ ކަމަށް ނަޒްލާ ވިދާޅުވި އެވެ. އެ ރިސޯޓަށް ބުކިން ހަދާފައި ތިބި ޓޫރިސްޓުން ވެސް އެހެން ރަށްރަށަށް ޑައިވާޓްކުރަމުން އަންނަކަމަށް ވިދާޅުވި އެވެ. ރަށުން ފުރަން ތިބި ޓޫރިސްޓުންނަށް ވެސް ފުރޭނީ، ކޮވިޑަށް ޕޮޒިޓިވްވި މީހަކާ ޑައިރެކްޓް ކޮންޓެކްޓް ނުވާކަމުގައިވާ ނަމަ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ކަނޑިންމައިން ފުރަތަމަ 20 ކޭސް ފެނުމާ ގުޅިގެން އެޗްއީއޯސީ އާއި ޓޫރިޒަމް މިނިސްޓްރީން ކަނޑިންމަ ރިސޯޓުގެ މެނޭޖްމަންޓާއި އެ ރަށުގެ ޑޮކްޓަރާ ވާހަކަދެއްކުމަށްފަހު، އަޅަންޖެހޭ ފިޔަވަޅުތައް ސާފުކޮށްދީފައިވާ ކަމަށެވެ. އެގޮތުން އެސްއޯޕީގައި ކަނޑައަޅާފައިވާ ކަންކަން ސާފުކޮށްދީ ކުރިއަށް އޮތް ތަނުގައި އަމަލުކުރަންޖެހޭ ގޮތް ކިޔައިދީފައިވާ ކަމަށް ވިދާޅުވި އެވެ.