Roadha Mihaaru
ކޮލިންސްގެ އަހަރުގެ ލަފުޒަކީ "ލޮކްޑައުން"

ކޮލިންސް ޑިކްޝަނަރީގެ އަހަރުގެ ލަފުޒަކީ "ލޮކްޑައުން"

12 ނޮވެމްބަރ 2020

މި އަހަރުގެ ލަފުޒަކީ ކޮވިޑް-19 އާ އެކު މުޅި ދުނިޔެ ތަޖުރިބާކުރަން ޖެހުނު "ލޮކްޑައުން" ކަމަށް ކޮލިންސް ޑިކްޝަނަރީން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރުގެ ލަފުޒަކީ ކޮވިޑް-19 އާ އެކު މުޅި ދުނިޔެ ތަޖުރިބާކުރަން ޖެހުނު "ލޮކްޑައުން" ކަމަށް ކޮލިންސް ޑިކްޝަނަރީން ބުނެފި އެވެ.

އަހަރުގެ ލަފުޒުގެ މަގާމު އެ ބަހަށް ލިބުނީ ކޮވިޑްގެ ބޮޑު މުސީބާތާ އެކު އިންސާނުންގެ މުޅި ދިރިއުޅުން އެފުށްމިފުށަށް ޖަހައިލި ނުރައްކާތެރި ބަލިމަޑުކަމާ އެކު މި އަހަރު އެންމެ ގިނައިން ބޭނުންކުރި ލަފުޒަށްވާތީ އެވެ. އެގޮތުން މިދިޔަ އަހަރާ އަޅާބަލާއިރު ދުނިޔޭގެ އެކި ހިސާބުތަކުގައި "ލޮކްޑައުން" ރަޖިސްޓްރީކޮށް، ބޭނުންކޮށްފައިވާ އަދަދު 250،000 އަށް އަރާ ކަމަށް ބަހާ ގުޅުން ހުރި ކަންކަން ދިރާސާކުރާ ލެގްޒިކޯގްރާފަރުންގެ ރެކޯޑްތަކުން ދައްކަ އެވެ.

މިދިޔަ އަހަރު "ލޮކްޑައުން" ބޭނުން ކުރި އަދަދު އުޅެނީ އެންމެ 4،000 ގަ އެވެ. "ލޮކްޑައުން" ގެ އެންމެ އަސާސީ މާނަ އަކީ "އިންސާނުން އިޖުތިމާއީ ގުޅުންތަކުން އެކަހެރިވެ ބަންދުވެފައި" ތިބުމެވެ. މިކަމުގެ ސަބަބުން އާންމު ތަންތަނަށް ނުކުމެ އުޅުމާއި ދަތުރުފަތުރު ފަދަ އަސާސީ ކަންކަމުން މަހުރޫމުވެ އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން ދުނިޔޭގެ ގައުމުތަކުގައި އެންމެ ގޯސްވި ހާލަތްތަކުގައި ރައްކާތެރިކަމުގެ އެންމެ ބޮޑު ފިޔަވަޅެއްގެ ގޮތުން ކުރި ކަމަކީ ލޮކްޑައުންކުރުމެވެ. އަދިވެސް ބައެއް ގައުމުތައް ހުރީ ލޮކްޑައުންގެ އެކިއެކި މަރުހަލާތަކުގަ އެވެ.

ކޮވިޑްގެ ބަލިމަޑުކަމާ އެކު ކުރިން ބޭނުން ނުކުރާ ލަފުޒުތަކެއް މުޅި ދުނިޔޭގައި ވެސް އާންމުވެގެން ދިޔަ އެވެ. އެގޮތުން ކޮލިންސް ޑިކްޝަނަރީ މި އަހަރު އެންމެ ގިނައިން ބޭނުންކުރަން ޖެހުނު ލަޒުފުތަކުގެ ލިސްޓެއް އެކުލަވާލި އެވެ.

އެގޮތުން ގަދަ 10 ގައި ގިނައިން ހިމެނުނީ ކޮވިޑްގެ މުސީބާތާ އެކު އާންމުވި ލަފުޒުތަކެވެ. އޭގެ ތެރޭގައި ލޮކްޑައުންގެ އިތުރުން، ފާލޯ، ކީ ވޯކާ، ސެލްފް-އައިސޮލޭޓް، ސޯޝަލް ޑިސްޓޭންސިން އަދި ކޮރޯނާވައިރަސް ހިމެނެ އެވެ. ލިސްޓްގައި ދެން ހިމެނެނީ މެގްޒިޓް، މަކްބޭންގް އަދި ޓިކްޓޮކާ އެވެ.

"ދުނިޔޭގެ ހާލަތު ސިފަކޮށްދޭނެ އެއްޗަކީ ބަހާއި މުއާމަލާތް ކަމަށްވާތީ ބަސް ނުވަތަ ލަފުޒުތައް އިންސާނުންގެ ދިރިއުޅުމާ ގުޅިފައި އޮތް މިންވަރު ވަރަށް ބޮޑަށް ދައްކުވައިދޭ،" ކޮލިންސްގެ ލެންގްއޭޖް ކޮންޓެންޓް ކޮންސަލްޓަންޓް ހެލެން ނިއުސްޓެޑް ވިދާޅުވި އެވެ. "އެކަން މި އަހަރު މާ ބޮޑަށް ފެނިގެން ހިނގައްޖެ."

އޭނާ ވިދާޅުވި ގޮތުގައި "ލޮކްޑައުން" ވަނީ އިންސާނުގެ ދިރިއުޅުމުގެ ހުރިހާ ދިމާއަކަށް ނުފޫޒު ފޯރުވައިފަ އެވެ. އޭގެ ތެރޭގައި މަސައްކަތާއި ކިޔެވުމާއި ބާޒާރުކުރުމާއި އިޖުތިމާއީ ގުޅުން ފަދަ ކަންކަން ހިމެނެ އެވެ.

ކޮލިންސް ޑިކްޝަނަރީގެ މިދިޔަ އަހަރުގެ ލަޒުފަކީ "ކްލައިމެޓް ސްޓްރައިކް" އެވެ.