Roadha Mihaaru
ޔޫއޭއީގެ ކޯޓްތަކަށް ރަސްމީކޮށް ހިންދީ ބަސް

ޔޫއޭއީގެ ކޯޓުތަކުގައި ރަސްމީކޮށް ހިންދީ ބަސް ބޭނުންކުރަނީ

12 ފެބުރުއަރީ 2019

ގާނޫނީ ކަންކަމުގައި ކޯޓުގައި ރަސްމީކޮށް ބޭނުންކުރެވޭ ބަހަކަށް، ހިންދީ ބަސް ހަމަޖައްސަން ޔޫއޭއީން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ގާނޫނީ ކަންކަމުގައި ކޯޓުގައި ރަސްމީކޮށް ބޭނުންކުރެވޭ ބަހަކަށް، ހިންދީ ބަސް ހަމަޖައްސަން ޔޫއޭއީން ނިންމައިފި އެވެ.

އެ ގައުމުގެ ކޯޓްތަކުގައި މިހާރު ރަސްމީކޮށް ބޭނުން ކުރަނީ އަރަބި ބަހާއި އިނގިރޭސި ބަސް އެކަންޏެވެ. އަދި އަރަބި ބަސް ނޭނގޭ މީހުން ގާނޫނީ މައްސަލަތަކުގައި ޖެހެނީ ލިޔެކިޔުންތައް އިނގިރޭސި ބަހަށް ތަރުޖަމާކޮށްގެން އިނގިރޭސި ބަހުން ވާހަކަ ދައްކަން އެނގޭ ވަކީލުންގެ ބޭނުންކުރާށެވެ.

ނަމަވެސް ތިން ވަނަ ބަހެއްގެ ގޮތުގައި ހިންދީ ބަސް ރަސްމީކޮށް ބަލައިގަންނަން ތައްޔާރުވަމުން އަންނަކަން ޔޫއޭއީގެ ރަސްމީ ފަރާތްތަކުން ބުންޏެވެ.

މިކަމާ ބެހޭ ގޮތުން އަބޫ ދާބީ ޖަސްޓިސް ޑިޕާޓްމަންޓް (އޭޑީޖޭޑީ) ގެ އަންޑަ-ސެކްރެޓަރީ ޔޫސުފް ސައީދު އަލް އަބްރީ ވިދާޅުވީ ގޮތުގައި ކޯޓްތަކުގައި ރަސްމީކޮށް ބޭނުންކުރާ ތިން ވަނަ ބަހަކަށް ހިންދީ ބަސް ބަލައިގަންނަން ނިންމީ ޔޫއޭއީ އަކީ އިންޑިއާ މީހުންގެ ވަރަށް ބޮޑު އާބާދީއެއް އުޅޭ ގައުމަކަށްވާތީ އެ މީހުންގެ ހައްގުތަށް ރައްކާތެރިކޮށް ދިނުމުގެ ގޮތުންނެވެ. އަދި މިކަމުގެ ސަބަބުން ގާނޫނީ ކަންކަމުގައި މުއާމަލާތް ކުރުން ފަސޭހަވެގެން ދާނެ ކަމަށް ވިދާޅުވި އެވެ.

"އަދި މިކަމުގެ ސަބަބުން ޔޫއޭއަކީ މަސައްކަތްތެރިންގެ ހައްގުތަކަށް މަސައްކަތް ކުރާ ގައުމެއްކަން ކަށަވަރުވެގެން ދާނެ. އަނެއް ކަމަކީ ފޮރިން އިންވެސްޓްމަންޓްތަކަށް ޝައުގުވެރިކަން އުފެއްދުން،" އޭނާ ވިދާޅުވި އެވެ.

ޔޫސުފް ވިދާޅުވި ގޮތުގައި ކޯޓްތަކުގައި ރަސްމީކޮށް ބޭނުންކުރާ ބަހަކަށް ހިންދީ ބަސް ހަމަޖެއްސުމަށް ފަހު، މުއާމަލާތްތަކަށް އިތުރަށް ފަސޭހަކޮށް ދިނުމުގެ ގޮތުން އޭޑީޖޭޑީގެ ވެބްސައިޓުން ހިންދީ ބަހާ ބެހޭ މައުލޫމާތު ވެސް ފޯރޫކޮށް ދޭނެ އެވެ.

މެދުއިރުމަތީގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ޔޫއޭއީ އަކީ ނުވަ މިލިއަނަށް ވުރެ ބޮޑު އާބާދީއެއް އޮތް ގައުމެކެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް ތިންބައިކުޅަ ދެބަޔަކީ އެހެން ގައުމުތަކަށް ނިސްބަތްވާ މީހުންނެވެ.

ޔޫއޭއީގައި ދިރިއުޅޭ އިންޑިއާގެ މީހުންގެ އާބާދީ 2.6 މިލިއަނަށް އަރަ އެވެ. އެއި އެ ގައުމުގެ އާބާދީގެ 30 ޕަސަންޓެވެ. އަދި މިއީ ޔޫއޭއީގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ މީހުންގެ އެންމެ ބޮޑު އާބާދީ ވެސް މެ އެވެ.

އޭޑީޖޭޑީން ބުނި ގޮތުގައި ކުރިއަށް އޮތް ތަނުގައި ޔޫއީއޭގެ ކޯޓްތަކުގައި މުއާމަލާތް ކުރެވޭ ބަހުރުވަތައް އިތުރުވެގެން ދާނެ އެވެ.