Roadha Mihaaru
ރޮކްގެ "ސްކޯޕިއަން ކިންގް" ގެ ރިބޫޓް ވާޝަނެއް

ރޮކްގެ "ސްކޯޕިއަން ކިންގް" ގެ ރިބޫޓް ވާޝަނެއް ހަދަނީ

13 ނޮވެމްބަރ 2020

ކުރީގެ ރެސްލިން ތަރި އަދި މިހާރު ހޮލީވުޑްގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ ޑްވޭން ޖޯންސަން (ރޮކް) ލީޑް އެކްޓަރެއްގެ ގޮތުގައި ހޮލީވުޑަށް ނުކުތް ފިލްމު "ދަ ސްކޯޕިން ކިންގް" ގެ ރިބޫޓް ވާޝަނެއް ހަދަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުރީގެ ރެސްލިން ތަރި އަދި މިހާރު ހޮލީވުޑްގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ ޑްވޭން ޖޯންސަން (ރޮކް) ލީޑް އެކްޓަރެއްގެ ގޮތުގައި ހޮލީވުޑަށް ނުކުތް ފިލްމު "ދަ ސްކޯޕިން ކިންގް" ގެ ރިބޫޓް ވާޝަނެއް ހަދަން ނިންމައިފި އެވެ.

މިކަން އިއުލާންކުރަމުން ރޮކް ބުނީ ކުރީގެ ފިލްމާ ވަރަށް ތަފާތު ގޮތަކަށް އާ ފިލްމު ގެނެސްދޭނީ އޭނާގެ ފިލްމު ކުންފުނި ސެވެން ބަކްސް ޕްރޮޑަކްޝަނާއި ޔުނިވާސަލް ޕިކްޗާޒް ގުޅިގެން ކަމަށެވެ. ޗަކް ރަސަލް ޑައިރެކްޓްކޮށް 2002 ގައި ގެނެސްދިން "ދަ ސްކޯޕިން ކިންގް" ގެ މައި އެއް ކެރެކްޓާ ކުޅުނީ ރޮކް ކަމަށް ވިޔަސް، ރިބޫޓް ވާޝަންގައި އޭނާ ފެންނާނީ ކުރިން ކުޅުނު ކެރެކްޓާއާ ތަފާތު ރޯލަކުންނެވެ.

އެކްޝަން-އެޑްވެންޗާ ފެންޓަސީ ފިލްމެއްގެ ގޮތުގައި ގެނެސްދިން "ދަ ސްކޯޕިއަން ކިންގް" އަކީ "ދަ މަމީ" ފްރެންޗައިޒުން ކުރިފަޅުވައިގެން ގެނެސްދިން ފިލްމެކެވެ. އެ ފިލްމުގެ ސްޓެފެން ސޮމާޒް އާއި ވިލިއަމް އޮޒްބޯންގެ އިތުރުން ޑޭވިޑް ހޭޓާ ލިޔުނު އިރު، އާ ފިލްމުގެ ސްކްރީންޕްލޭ ހަވާލުކޮށްފައި ވަނީ 2015 ގައި ރިލީޒްކުރި ބައޮގްރަފިކަލް ޑްރާމާ "ސްޓްރައިޓް އޮޓާ ކޮމްޕްޓަން" ގެ ރައިޓަރު ޖޮނަތަން ހާމަން އެވެ.

"ސްކޯޕިއަން ކިންގް" ގެ ރިބޫޓް ވާޝަނާ ބެހޭ ގޮތުން ރޮކް ބުނީ އޭނާގެ ކެރިއަރުގެ ފުރަތަމަ ފިލްމު އަލުން ތަފާތު ގޮތަކަށް ބެލުންތެރިންނަށް ގެނެސް ދިނުމަކީ ވަރަށް ހާއްސަ ކަމެއް ކަމަށެވެ.

"އެކްޓިން އަށް ނުކުންނަ އަހަރެން ކަހަލަ މީހަކަށް އެއަށް ވުރެ ރަނގަޅު ފުރުސަތެއް ނުވެސް ލިބޭނެ. އަހަރެން ބޭނުން ވަނީ މިހާރުގެ ޖެނެރޭޝަނަށް އެ ކޫލް ފިލްމު އަލުން ގެނެސްދޭން،" ހޮލީވުޑްގައި އެންމެ ބޮޑު އާމްދަނީއެއް ލިބޭ 48 އަހަރުގެ އެކްޓަރު ބުންޏެވެ. "އަހަރެން ވަރަށް އުފާ ވެސް ކުރަން އަމިއްލަ ކުންފުނިން މި ފިލްމު އަލުން ހެދުމުގެ ނަސީބު ލިބުނީތީ ވެސް."

"ސްކޯޕިން ކިންގް" ގެ ރިބޫޓް ވާޝަނަށް ތައްޔާރުވަމުން ދިޔަ ނަމަވެސް ފިލްމުގެ އިތުރު ކާސްޓުންނާއި ޑައިރެކްޓްކުރާނެ މީހަކާއި މަސައްކަތް ފަށާނެ އިރަކާއި ގެނެސްދޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.

އެޕްރީލް 19، 2002 ގައި ސިނަމާތަކަށް ގެނައި "ސްކޯޕިއަން ކިންގް" އަކީ 60 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދައި، ބޮކްސް އޮފީހުގައި 178.8 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.

ރޮކާ އެކު އެ ފިލްމުގައި ކާސްޓުން ފެނިގެން ދިޔަ ތަރިންގެ ތެރޭގައި ސްޓީވެން ބްރާންޑް، ކެލީ ހޫ، ބާނާޑް ހިލް، ގްރާންޑް ހެޒްލޯވް އަދި މައިކަލް ކްލާކް ޑަންކަން ހިމެނެ އެވެ.

"ސްކޯޕިއަން ކިންގް" ގެ ރިބޫޓް ވާޝަނެއް ހަދާ އިރު، އެ ސީރީޒްގެ ހަތަރު ފިލްމެއް މިހާތަނަށް ގެނެސް ދީފައިވެ އެވެ. އެއީ 2002 ގެ ފިލްމުގެ އިތުރުން 2008 ގެ "ދަ ސްކޯޕިއަން ކިންގް: ރައިޒް އޮފް އަ ވޮރިއާ" އާއި 2012 ގެ "ބެޓަލް ފޯ ރެޑެމްޝަން" އަދި 2015 ގެ "ކްއެސްޓް ފޯ ޕަވާ" އެވެ. އެކަމަކު ފުރަތަމަ ބައިގެ ފިޔަވައި އިތުރު ފިލްމެއްގައި ރޮކް ނުހިމެނެ އެވެ.