Roadha Mihaaru
23 އަހަރަށް ފަހު ސްކޮޓްލެންޑް ބޮޑު މުބާރާތަކަށް

23 އަހަރަށް ފަހު ސްކޮޓްލެންޑް ބޮޑު މުބާރާތަކަށް ކޮލިފައިވެއްޖެ

13 ނޮވެމްބަރ 2020

ޕެރިސް (ނޮވެމްބަރު 13) - އަންނަ އަހަރުގެ ޔޫރޯ ކޮލިފައިން ޕްލޭއޮފްގައި ޕެނަލްޓީ ޖަހައިގެން 5-4 އިން ސާބިއާގެ މައްޗަށް ކުރިހޯދައި 23 އަހަރަށް ފަހު ސްކޮޓްލެންޑް ބޮޑު މުބާރާތަކަށް ކޮލިފައިވެއްޖެ އެވެ.

ޕެރިސް (ނޮވެމްބަރު 13) - އަންނަ އަހަރުގެ ޔޫރޯ ކޮލިފައިން ޕްލޭއޮފްގައި ޕެނަލްޓީ ޖަހައިގެން 5-4 އިން ސާބިއާގެ މައްޗަށް ކުރިހޯދައި 23 އަހަރަށް ފަހު ސްކޮޓްލެންޑް ބޮޑު މުބާރާތަކަށް ކޮލިފައިވެއްޖެ އެވެ.

ސްކޮޓެލެންޑް އެންމެ ފަހުން ކުޅުނު ބައިނަލްއަގުވާމީ ބޮޑު މުުބާރާތަކީ 1998 ވަނަ އަހަރު ފްރާންސްގައި ބޭއްވި ފީފާ ވޯލްޑް ކަޕް އެވެ. އޭގެ ފަހުން ކުޅުނު 10 ބައިނަލްއަގުވާމީ ބޮޑު މުބާރާތަށް (ފަސް ޔޫރޯ އާއި ފަސް ވޯލްޑް ކަޕް) ސްކޮޓްލެންޑް ކޮލިފައިނުވެ އެވެ.

ސްޓީވް ކްލާކްގެ ކޯޗުކަމުގައި ކުޅޭ ސްކޮޓްލެންޑް އެންމެ ފަހުން ކުޅުނު ނުވަ މެޗުން ވެސް ބަލިވެފައިނުވާއިރު، މިއީ މިދިޔަ 44 އަހަރު ތެރޭ އެ ޓީމުން ބަލިނުވެ އެ އަދަދަށް މެޗު ފުރިހަމަކުރި ފުރަތަމަ ފަހަރެވެ. ކޮވިޑް-19ގެ ސަބަބުން މި އަހަރު ބާއްވަން ތާވަލުކުރި ޔޫރޯ އަންނަ އަހަރަށް ފަސްކޮށްފައިވާއިރު، ސްކޮޓެލެންޑް ވާދަކުރާނީ އިންގްލެންޑާއި ޗެކް ރިޕަބްލިކް އަދި ކްރޮއޭޝިއާއާ އެކު ގްރޫޕް ޑީ ގަ އެވެ.

ޖޯޖިއާގައި ރޭ ކުޅުނު މެޗުގެ 52 ވަނަ މިނިޓްގައި ރިޔާން ކްރިސްޓީ ވަނީ ސްކޮޓެލެންޑަށް ލީޑުނަގައިދީފަ އެވެ. ލީޑުފުޅާކުރަން ސްކޮޓްލެންޑަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނުއިރު، އެ ޓީމު މޮޅުވާނެ ކަމަށް ނިންމައިގެން ތިއްބާ މެޗުގެ އިތުރު ވަގުތު ތެރޭގައި ލޫކަ ޔޯވިޗް ވަނީ ސާބިއާ އަށް އެއްވަރުކޮށްދީފަ އެވެ.

ދެ ޓީމުން ޖެހި ޕެނަލްޓީތަކުގެ ތެރެއިން ހަމައެކަނި ނާކާމިޔާބުވީ ސާބިއާގެ އަލެކްސަންޑަ މިޓްރޮވިޗް ޖެހި ޕެނަލްޓީ އެވެ. ސާބިއާގެ ފަސް ވަަނަ ޕެނަލްޓީ މިޓްރޮވިޗް ފޮނުވާލިއިރު ސްކޮޓްލެންޑްގެ ކީޕަރު ޑޭވިޑް މާޝަލް ވަނީ މަތަކޮށްފަ އެވެ. އޭގެ ކުރިން ދެ ޓީމުން ވެސް ވަނީ ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކޮށްފަ އެވެ. ސްކޮޓްލެންޑްގެ ޕެނަލްޓީތައް ކާމިޔާބުކުރީ ލެއީ ގްރިފިޓްސް، ކަލުމް މެކްގްރެގާ، ސްކޮޓް މެކްޓޮމިނޭއި، އޮލިވާ މެކްބާނީ އަދި ކެނީ މެކްކްލީން އެވެ. ސާބިއާގެ ޕެނަލްޓީތައް ކާމިޔާބުކުރީ ޔޯވިޗް، ޑޫސަން ޓަޑިޗް، ނިމެންޏާ ގަޑެލް އަދި އަލެކްސަންޑަ ކަޓާއި އެވެ.

ތާރީހީ މޮޅަށް ފަހު ކްލާކް ބުނީ މުޅި ދުނިޔެ އަށް ވެސް އުނދަގޫތަކެއް ކުރިމަތިވެފައިވާ މި ވަގުތުގައި އެތައް އަހަރެއް ފަހުން ސްކޮޓްލެންޑްގެ ކޮންމެ މީހެއްގެ މޫނުމަތިން ހިނިތުންވުމެއް ފެންނަ ފަދަ ބޮޑު ކަމެއް ހާސިލްކުރެވުމަކީ ހުރިހާ ކުޅުންތެރިންނަށް ވެސް ލިބިގެންދިޔަ ހިތްހަމަ ޖެހުމެއް ކަމަށެވެ.

ކޮލިފައިން ޕްލޭއޮފް މެދުވެރިކޮށް ދެން ޔޫރޯ އިން ފުރުސަތު ހޯދި އަނެއް ތިން ޓީމަކީ ހަންގޭރީ އާއި ސްލޮވާކިއާ އަދި ނޯތު މެސެޑޯނިއާ އެވެ.