Roadha Mihaaru
ބަޖެޓް ބަހުސަށް ޖަލްސާތައް ދިގުދަންމާލައިފި

ބަޖެޓް ބަހުސަށް މަޖިލީހުގެ ޖަލްސާތައް ދިގުދަންމާލައިފި

16 ނޮވެމްބަރ 2020

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރުމަށް ޓަކައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ވަރަށްް ދިގުކޮށް ކުރިއަށް ގެންދަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ނިންމަވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރުމަށް ޓަކައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ވަރަށްް ދިގުކޮށް ކުރިއަށް ގެންދަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ނިންމަވައިފި އެވެ.

މިއަދުގެ ޖަލްސާގައި ބަޖެޓް ބަހުސް ފެއްޓެވުމަށް ފަހު މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވާހަކަ ދައްކަވައި ނިންމަވައިލެއްވުމުން އެހެން މެމްބަރަކަށް ފުރުސަތު ދެއްވުމުގެ ކުރިން ނަޝީދު ވިދާޅުވީ މިއަދުގެ ޖަލްސާ ހަވީރު 5:00 އާ ހަމައަށް ކުރިއަށް ގެންދަވާނެ ކަމަށެވެ. މާދަމާއަކީ ބަންދު ދުވަހަކަށް ވިޔަސް މާދަމާ ވެސް ޖަލްސާއެއް ބާއްވާނެ ކަމަށް އެމަނިކުފާނު އިއުލާނު ކުރެއްވި އެވެ. މާދަމާގެ ޖަލްސާ ފަށާނީ އެކަމަކު އާއްމުކޮށް ޖަލްސާތައް ފަށާ ގަޑިއަށް ވުރެ ލަހުން، 11:00 ގަ އެވެ. އެ ޖަލްސާގައި ކުރިއަށް ގެންދާނީ ނަޝީދު ވިދާޅުވިގޮތުގައި އެއް ގަޑިއިރުގެ ބަހުސެކެވެ.

މާދަމާ ބަންދު ދުވަހަކަށްވީ އެއީ ރާއްޖެ އިސްލާމްވީ ދުވަސް ކަމަށްވާތީ އެވެ.

"ދެން ވިދިގެން އަންނަ ދުވަހު އަޅުގަނޑުމެންނަށް [ބަހުސް] ނުނިއްމިއްޖެއްޔާ މެންދަމާ އަހަމަަަައަށް ގެންދިއުމަށް،" ނަޝީދު ވިދާޅުވި އެވެ.

ބަޖެޓް ބަހުސްގައި ކޮންމެ މެމްބަރަކަށް ވެސް 15 މިނެޓްގެ ފުރުސަތެއް ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ބަޖެޓްގެ ބަހުސްގައި މެމްބަރުންނަށް ފުރުސަތު ދެއްވުމުގެ ކުރިން މެމްބަރުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންނެވީ މަރުކަޒީ ބޭންކް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމާއި އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ބަޖެޓާ ބެހޭ ގޮތުން ދެއްވާފައިވާ ލަފާ ރަނގަޅަށް މުރާޖައާ ކުރެއްވުމަށެވެ.

"ބަޖެޓާ ގުޅޭ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ލަފާ ބަޖެޓް ކޮމިޓީ އަށް މިހާރު ވަނީ ފޮނުއްވާފައި އަޅުގަނޑަށް ޔަގީން ކަށަވަރު. ބަޖެޓް ކޮމިޓީގެ ހުރިހާ އިއްޒަތްތެރި މެމްބަރުން މި ލަފާ ހަގީގަތުގައި ކިއުއްވާނެކަމަށް. އަޅުގަނޑު ވަރަށް ބޮޑަށް އެދެން އިއްޒަތްތެރި މެމްބަރުން ވަގުތު ހޯއްދަައިގެން ފަންސޫރެއް އަތަށް ނަންގަވައިގެން މި [ލަފާ ކިއުއްވަން]،" ނަޝީދު ވިދާޅުވި އެވެ.

ބަޖެޓާ ބެހޭ ގޮތުން ގަވަރުނަރު އަލީ ހާޝިމް ދެއްވި ލަފާގައި މަޖިލީހަށް މަޖިލީހުގެ މެމްބަރުންގެ ކިބައިން އެންމެ ބޮޑަށް އެދިވަޑައިގެންނެވީ ދައުލަތުގެ ހަރަދުކުޑަކުރުމަށް ސަރުކާރަށް ބާރު އެޅުއްވުމަށެވެ. ދައުލަތަށް އަންނަ އަހަރު ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީއާ ނުބައްދަލު ބޮޑެތި މަޝްރޫއުތައް ބަޖެޓްގައި ހިމަނާފައިވާތީ ގަވަރުނަރު ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އޭނާ އެދިވަޑައިގެންނެވީ ބަޖެޓްގައި ޖަހާފައިވާ މަޝްރޫއުތަކަށް ބޭނުންވާ ބޭރު ފައިސާ ލިބޭނެކަން ކަށަވަރު ނުކޮށް މަޝްރޫއުތައް ނުފަށަށް ސަރުކާރަށް ބާރު އެޅުމަށް ވެސް ގަވަރުނަރު އެދިވަޑައިގެންނެވި އެވެ.