Roadha Mihaaru
ޕީއެސްއައިޕީ ފައިސާއާ މެދު އީވާ ސުވާލު އުފައްދަވައިފި

ޕްރޮޖެކްޓްތަކުގެ ފައިސާ ވަންނާނީ ކެރެލާއަށްތޯ އީވާ ސުވާލު އުފައްދަވައިފި

18 ނޮވެމްބަރ 2020

އަންނަ އަހަރު ރާއްްޖޭގައި ހިންގަން ސަރުކާރުން ދައުލަތުގެ ބަޖެޓުގައި ޖަހާފައިވާ މަޝްރޫއުތައް ހިންގުމުން އެ ފައިސާ ވަންނާނީ ދިވެހިންގެ ޖީބަށްތޯ ނުވަތަ އަވަށްޓެރި އިންޑިއާގެ ކެރެލާއަށްތޯ ސުވާލު އުފެދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އަންނަ އަހަރު ރާއްްޖޭގައި ހިންގަން ސަރުކާރުން ދައުލަތުގެ ބަޖެޓުގައި ޖަހާފައިވާ މަޝްރޫއުތައް ހިންގުމުން އެ ފައިސާ ވަންނާނީ ދިވެހިންގެ ޖީބަށްތޯ ނުވަތަ އަވަށްޓެރި އިންޑިއާގެ ކެރެލާއަށްތޯ ސުވާލު އުފެދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އީވާ ވިދާޅުވީ ބަޖެޓްގައި ޖަހާފައިވާ ޕީއެސްއައިޕީ މަޝްރޫއުތަކަށް ހަރަދުކުރާ ފައިސާ ދައުރުވެ، އިގުތިސާދީ އިތުރު ހަރަކާތްތައް ހިނގައި، ރައްޔިތުންގެ އާމްދަނީ އިތުރުވާނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވާ ގޮތަށް އެކަން ވާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. ސަރުކާރުގެ ސިޔާސަތަކީ "ސްޓިމިއުލޭޝަން ޕޮލިސީ" ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވާ ކަމަށާއި އެ ސިޔާސަތު ވިސްނޭ ކަަމަށް ވެސް އީވާ ވިދާޅުވި އެވެ. ސްޓިމިއުލޭޝަން ޕޮލިސީ އަކީ އިގުތިސާދުގެ ތެރެއަށް ފައިސާ ޕަމްޕްކޮށް، އެފައިސާއިން އިގުތިސާދީ އިތުރު ހަރަކާތްތައް ހިންގަން ބާރު އަޅާ ސިޔާސަތެކެވެ.

"އަޅުގަނޑަށް އެކަމަކު އެ ޕޮލިސީ އެހެން ހިނގާނެކަމާ ދޭތެރޭގައި ސުވާލު އުފެދެނީ. އަދި އެމްއެމްއޭގެ ގަވަރުނަރު ވެސް އެކަމާ ދޭތެރޭގައި ސުވާލު އުފައްދާފައި އެބަ އޮތް. މަލްޓިޕްލަޔާ އިފެކްޓް އެހާ ސާފުތޯ؟ އެ ފައިސާ، އެ އާމްދަނީ ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ހިންގީމާ އެ ފައިސާ ވަންނަނީ ދިވެހި ވިޔަފާރީގެ ޖީބަށްތޯ؟ އިއްޒަތްތެރި ރައީސް އަޅުގަނޑަށް ސުވާލު އުފެދެނީ ނުވަތަ އެ ފައިސާ ދަނީ ކެރެލާއަށްތޯ އަޅުގަނޑުގެ ސުވާލު އުފެދެނީ،" އީވާ ވިދާޅުވި އެވެ.

އޭނާ އެ ވިދާޅުވީ ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ކޮންސްޓްރަކްޝަން މެޓީރިއަލް ގިނައިން ގެންނަ ސަރަހައްދުގެ ވާހަކަ އެވެ. އިންޑިއާގެ ސްޓޭޓްތަކުގެ ތެރެއިން ރާއްޖެއާ އެންމެ ކައިރީގައިވާ ކެރެލާއިން ރާއްޖެއަށް ހިލަޔާއި ހިލަވެލި ގިނައިން އެތެރެކުރެ އެވެ.

ބަޖެޓާ މެދު އީވާ ކަންބޮޑުވުން ފާޅުކުރެއްވި އަނެއް ކަމަކީ ރާއްޖެއަށް ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީއަށް ވުރެ މާބޮޑު އަދަދެއް ހަރަދުކުރަން ޖަހާފައި އޮތުމެވެ. އާމްދަނީ ހޯދާނެ މަޝްރޫއުތަކެއް ބަޖެޓްގައި ޖަހާފައިވާ ކަމަށާއި އެހެން ނަމަވެސް އެ މަޝްރޫއުތައް ހިންގަން ރާއްޖެ ތައްޔާރުވެފައި އޮތީ ކިހާވަރަކަށްތޯ ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އާ މަޝްރޫއުތަކަށް އާ ގާނޫނުތަކާއި ގަވައިދުތައް ހަދަން ޖެހޭ އިރު އަންނަ އަހަރުގެ ތިން ވަނަ ކުއާޓާއާ ހަމައަށް ވެސް އެއިން ކަމެއް ހަގީގަތަކަށްވާނެ ކަމާ މެދުގައި ވެސް އީވާ ސުވާލު އުފެއްދެވި އެވެ.