Roadha Mihaaru
ކޮވިޑް-19: އަނެއްކާވެސް ނުބައި އަލާމާތެއް

ކޮވިޑް-19: އަނެއްކާވެސް ނުބައި އަލާމާތެއް

22 ނޮވެމްބަރ 2020

ކޮވިޑް-19 ކޮންޓްރޯލްކުރަން ރާއްޖޭގައި އެޅި ފިޔަވަޅުތަކުގެ ތެރެއިން ވަރަށް މަދުކަމަަކަށް ނޫނީ މިހާރު ވަނީ ލުއިދީފަ އެވެ. މީގެ ކުރިން ކަންތައް ވެފައިވާ ގޮތަށް ބަލާ އިރު ކޮންމެ ލުޔަކާ އެކު މުޖުތަމައުގެ ކޮންމެވެސް ބައެއްގެ ފަރުވާކުޑަކުރުން ނުވަތަ އިހުމާލު ފެެނެ އެވެ. އެއާ އެކު އެދިމާލަކުން ބަލި ފެތުރުން އިތުރުވެ އެވެ. އޮގަސްޓްމަހު ރާއްޖޭގައި ބަލިޖެހުނު މީހުންގެ އަދަދު ބޮޑުތަކުން މައްޗަށް އަރައިގެން ދިއުމަކީ އޭގެ މިސާލެކެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 ކޮންޓްރޯލްކުރަން ރާއްޖޭގައި އެޅި ފިޔަވަޅުތަކުގެ ތެރެއިން ވަރަށް މަދުކަމަަކަށް ނޫނީ މިހާރު ވަނީ ލުއިދީފަ އެވެ. މީގެ ކުރިން ކަންތައް ވެފައިވާ ގޮތަށް ބަލާ އިރު ކޮންމެ ލުޔަކާ އެކު މުޖުތަމައުގެ ކޮންމެވެސް ބައެއްގެ ފަރުވާކުޑަކުރުން ނުވަތަ އިހުމާލު ފެެނެ އެވެ. އެއާ އެކު އެދިމާލަކުން ބަލި ފެތުރުން އިތުރުވެ އެވެ. އޮގަސްޓްމަހު ރާއްޖޭގައި ބަލިޖެހުނު މީހުންގެ އަދަދު ބޮޑުތަކުން މައްޗަށް އަރައިގެން ދިއުމަކީ އޭގެ މިސާލެކެވެ.

ކޮވިޑް ފެތުރުމުގެ ނުރައްކާ އޮތް ވަރު ދެނެގަންނަން ސިއްހީ މާހިރުން ބަލާ ފާހަގަތަކުގެ ތެރެއިން އެއް ފާހަގަ ނުވަަތަ އިންޑިކޭޓާ އަކީ ފްލޫ ކްލިނިކްތަކަށް ދައްކާ މީހުންގެ ތެރެއިން ޕޮޒިޓިވްވާ މީހުންގެ އަދަދެވެ. އެ އަދަދު އިތުރުވުމަކީ މުޖުތަމައުގެ ތެރޭގައި ބަލި ފެރުތޭލެއް ހަލުވިކަން ދައްކައިދޭ އަލާމާތެކެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން އެންމެ ފަހުން އާއްމުކުރި މައުލޫމާތަށް ބަލާއިރު ފްލޫ ކްލިނިކްތަކުން ނެގި ސާމްޕަލްތަކުގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ އަނެއްކާވެސް މައްޗަށް ދާން ފަށައިފަ އެވެ. ބުރާސްފަތިދުވަހުގެ ރޭ ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ފްލޫ ކްލިނިކްތަކުން ޓެސްޓްކުރާ މީހުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ނިސްބަތް މިދިޔަ ހަފްތާގައި ހުރީ ނުވަ ޕަސެންޓްގައި ކަމަށެވެ.

"[ފްލޫ ކްލިނިކް ޕޮޒިޓިވިޓީ] ލެވެލް ވަންގައި [މި ވަގުތު ] ހުރި ނަމަވެސް ލެވެލް ޓޫއާ ވަރަށް ކައިރީގައި މި އުޅެނީ،" އޭނާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި ކޮވިޑް ފެތުރޭ ވަރު މައްޗަށް ދާ ނަމަ އެންމެ ފުރަތަމަ ބަދަލު އަންނާނެ އެއް އިންޑިކޭޓާއަކީ ފްލޫ ކްލިނިކްތަކުން ނަގާ ސާމްޕަލްތައް ޕޮޒިިޓިވްވާ އަދަދުތަކެވެ. ފްލޫ ކްލިނިކް ޕޮޒިޓިވިޓީ އިތުރުވަންޏާ އަޅާފައިވާ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރު ފަރުވާތެރިވާންވީ ދީފައިވާ ލުއިތައް ބޭނުންކުރަން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކަންތައްތައް ކުރުމާ މެދުގަ އެވެ.

ފްލޫ ކްލިނިކްތަކުން ޕޮޒިޓިވްވާ މީހުންގެ އަދަަދު އިތުރުވެއްޖެ

ފްލޫ ކްލިނިކްތަކުން ޕޮޒިޓިވްވާ މީހުންގެ އަދަަދު އިތުރުވެއްޖެ

"މޫދަށް ދިޔަސް، ޕާކަށް ދިޔަސް، ރަށްޓެހިންނާ ބައްދަލުކުރަން ގޭގެއަށް ދިޔަސް މިއިން ކޮންމެ ކަމެއްގަައި ވެސް، އާއްމު ދިރިއުޅުމުގައި ފިހާރައަށް ދިޔަސް، މިކަހަލަ ހުރިހާ ކަމެއްގައި ވެސް އަޅުގަނޑުމެން އަބަދުވެސް މި ދައްކާ ތިން ހަތަރު ކަމެއްގެ ވާހަކަ، މިކަންކަމަށް ސަމާލުކަން ދޭން ޖެހޭނެ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ބޮޑެތި ކްލަސްޓާތަކެއް

ފްލޫ ކްލިނިކް ޕޮޒިޓިވިޓީގެ އިތުރުން އެޗްއީއޯސީގެ އަނެއް ކަންބޮޑުވުމަކީ ބޮޑެތި ކްލަސްޓާތައް އުފެދެމުން ދިއުމެވެ. ޑރ. ނަޒްލާ ވިދާޅުވީ މަސައްކަތުގެ މާހައުލުގައި އަޅަން ޖެހޭ ފިޔަވަޅުތައް ނޭޅިއްޖެ ނަމަ އެންމެ މީހެއްގެ ފަރާތުން އެތައް ބަޔަަކަށް ބަލި ޖެހިދާނެ ކަމަށެވެ. ނަމަވެސް މިހާރު އުފެދިފައިވާ ބޮޑެތި ކްލަސްޓާތަކަކީ އެގޮތަށް އުފެދުނު ކްލަސްޓާތަކެއް ކަމަކަށް އޭނާ ވިދާޅެއް ނުވެ އެވެ.

އެ ކްލަސްޓާތައް އުފެދުނީ މަސައްކަތުގެ މާހައުލުގަ އެވެ. ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި ކްލަސްޓާތައް ބޮޑުވާ ސަބަބަކީ ބަލީގެ އަލާމާތްތައް ހުރި ނަމަވެސް ޓެސްޓްނުކޮށް، ބައެއް މީހުން މަސައްކަތަށް ނުކުތުމެވެ. މަސައްްކަތުގެ މާހައުލުގައި އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ވެސް އެގޮތަށް ނުކުންނަ ބައެއް މީހުން ފަރުވާތެރި ނުވާކަން ފާހަަގަވާ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހާއްްސަކޮށް އޮފީސް މާހައުލުގައި މިވާގޮތަކީ މަސައްކަތްކުރާ އިރުގައި ޑެސްކްތައް ވެސް ދުރުގައި ބަހައްޓާފައި އަދި އެންމެން ވެސް ދުރުދުރުގައި ތިބެވޭ. އެކަމަކު ސައިބޯ ގަޑީގައި އެންމެން އެއްކޮށް، މާސްކް ނަގައިގެން ކައިރިކައިރީގައި ތިބެގެން ހަމަ އެބަ ސައިބޮއި ހެދޭ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

މިހާރު އުފެދިފައިވާ ކޮވިޑްގެ ބޮޑެތި ކްލަސްޓާތަކުގެ ތެރެއިން އެއް ކްލަސްޓާ އުފެދުނީ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ރަށްފަޅުހުރާގަ އެވެ. އެ ކްލަސްޓާގެ ކޭސްތަކުގެ އަދަދު ވަނީ 50 އަށް ވުރެ މަތިވެފަ އެވެ. ބުރާސްފަތިދުވަހު އެކަނި ވެސް 14 މީހުން ބައްޔަށް ޕޮޒިޓިވްވި އެވެ. ހުކުރު ދުވަހުގެ ތަފާސްހިސާބެއް އަދި ނުލިބެ އެވެ. ބަލިޖެހުނު މީހުންނާއި ކޮންޓެކްޓުންނާ އެކު އެ ކްލަސްޓާގައި 134 މީހުން އެބަ ތިއްބެވެ.

ބޮޑު އަނެއް ކްލަސްޓާ ނިސްބަތްވަނީ އެމްއޭސީއެލްގެ ކާގޯ ޑިޕާޓްމަންޓަށެވެ. އެ ކްލަސްޓާގައި މިހާތަނަށް 57 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެ، 76 ކޮންޓެކްޓުން ވަނީ ފެނިފަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތުގައި އުޅޭ މީހުންގެ ތެރެއިން ވެސް ބޮޑު ކްލަސްޓާއެއް ވަނީ އުފަންވެފަ އެވެ. މިއީ ޗައިނާ އާއި އެހެން ބައެއް ގައުމުތަކުގެ އެތައް ސަތޭކަ ބަޔަކު މަސައްކަތް ކުރަމުން އަންނަ މަޝްރޫއުއެކެވެ.

ކޮވިޑުން ރައްކާތެރިވާން އެޅި ފިޔަވަޅުތަކުގެ އިގުތިސާދީ ގެއްލުން އެންމެނަށް ވެސް އެނގެ އެވެ. އެހެންކަމުން މަސައްކަތުގެ މާހައުލާއި އާންމު ދިރިއުޅުމުގައި ވެސް ފަރުވާކުޑަނުކޮށް، އަމަލްތައް ރަނގަޅަށް ބަހައްޓަން އެބަ ޖެހެ އެވެ.