Roadha Mihaaru
ސަރުކާރަށް ތާއީދުކޮށްގެން ހުންނަން ލަދުގަނޭ: ޝަހީމް

ސަރުކާރަށް ތާއީދުކޮށްގެން ހުންނަން މިހާރު ލަދުގަނޭ: މެންބަރު ޝަހީމް

23 ނޮވެމްބަރ 2020

ވައްކަމާއި ފޭރުމުގެ މައްސަލަތައް އިތުރުވެ އެކަން ހައްލުކުރަން ދާނެ ތަނެއް ނޭނގޭ ހިސާބަށް ކަންތައް ގޮސްފައި ވާތީ ސަރުކާރަށް ތާއީދުކޮށްގެން ހުންނަން މިހާރު ލަދު ގަންނަ ކަމަށް ވިދާޅުވެ، ވައްކަމާއި ފޭރުން އިތުރުވާ މައްސަލާގައި މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައެއްގައި ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުﷲ ޝަހީމް ފާޑުވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ވައްކަމާއި ފޭރުމުގެ މައްސަލަތައް އިތުރުވެ އެކަން ހައްލުކުރަން ދާނެ ތަނެއް ނޭނގޭ ހިސާބަށް ކަންތައް ގޮސްފައި ވާތީ ސަރުކާރަށް ތާއީދުކޮށްގެން ހުންނަން މިހާރު ލަދު ގަންނަ ކަމަށް ވިދާޅުވެ، ވައްކަމާއި ފޭރުން އިތުރުވާ މައްސަލާގައި މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައެއްގައި ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުﷲ ޝަހީމް ފާޑުވިދާޅުވެއްޖެ އެވެ.

ވައްކަމާއި ފޭރުން އިތުރުވެ، މީހުން ރަހީނުކޮށްގެން ވެސް ފޭރޭތީ އެކަން ހުއްޓުވަަން އަވަސް ފިޔަވަޅު އަޅަން ގޮވާލައި ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ޝަހީމްގެ އިތުރުން އެމްޑީޕީގެ އެހެން ބައެއް މެމްބަރުން ވެސް ވިދާޅުވީ ކިތަންމެ ރަށެއްގައި ވައްކަމާއި ފޭރުމުގެ މައްސަލަތައް އިތުރުވެފައިވާ ކަމަށާއި ނަމަވެސް އެކަން ހުއްޓުވަން މާބޮޑު ފިޔަވަޅެއް ނޭޅޭ ކަމަށެވެ.

ޝަހީމް ވިދާޅުވީ ވައްކަމާއި ފޭރުމުގެ މައްސަލަތައް ގިނަވެ އެކަމުގެ ޝަކުވާ އުފުއްލަވަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ގުޅުއްވަން ވެސް ތަކުރާރުކޮށް މަސައްކަތް ކުރައްވާފައިވާނެ ކަމަށާއި އެކަމަކު ގުޅޭ ގޮތް ނުވި ކަމަށެވެ.

"ކަނޑިތީމު ދާއިރާގައި ށ.ފޭދޫގައި ރައްޔިތުން އިހުތިޖާޖުކޮށްގެން ރައްޔިތުން ނިކުންނަ ހިސާބަށް އެކަންކަން ދިޔައިމާ އަޅުގަނޑުމެން އެ މައްސަލަތަަކަށް ހައްލު ހޯދަން ވެގެން އަޅުގަނޑުމެންނަށް ދާނެ ތަނެއް ނޭނގިފައި މިއޮތީ އިއްޒަތްތެރި ރައީސް. މިއަދު އަޅުގަނޑުމެން ލަދުގަނޭ މެމްބަރެއްގެ ގޮތުގައި މިތާ ހުންނަން، މިސަރުކާރަށް ތާއީދުކޮށްގެން އަޅުގަނޑުމެން ވާހަކަ ދައްކަން،" ޝަހީމް ވިދާޅުވި އެވެ.

ކުއްލި މައްސަލައިގެ ކުރިން މިއަދު އޮތީ ހޯމް މިިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތްކަމަށް މަޖިލީހުގެ އިދިިކޮޅު މެމްބަރުން ހުށަހެޅުއްވި މައްސަލައިގެ ބަހުސެވެ. އެ ބަހުސްގައި ޝަހީމް ވިދާޅުވީ އިމްރާންގެ އިތުބާރެއް ނެތް ކަމަށާއި އެ މައްސަލައަށް ތާއީދުކުރައްވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. ކުށްކުރުން ގިނަވުމުގެ ކަންބޮޑުވުމާ ބެހޭ މައްސަލަ ހުށަހެޅުއްވީ އޭނާ.

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. ކުށްކުރުން ގިނަވުމުގެ ކަންބޮޑުވުމާ ބެހޭ މައްސަލަ ހުށަހެޅުއްވީ އޭނާ.

ކުއްލި މައްސަަލަ ހުށަހެޅުއްވި މެމްބަރު ނިހާދު ވިދާޅުވީ އޭނާގެ ދާއިރާގައި ވައްކަމާއި ފޭރުމުގެ މައްސަަލަތައް ގިނަވެ، އެ މައްސަލަތައް ފުލުހުންނަށް ތަކުރާރުކޮށް ހުށަހަމުން ދިޔަ ނަމަވެސް ފިޔަވަޅެއް ނޭޅޭ ކަމަށެވެ.

"އެހެން ނަމަވެސް އިއްޒަތްތެރި ރައީސް ދިވެހިރާއްޖޭގައި މިހާރު އޮތް ގާނޫނީ ސިސްޓަމްގެ ތެރެއިން ވެސް އަޅުގަނޑުމެންނަށް މިކަންތައްތަކަށް ހައްލު ހޯދޭނެ،" ނިހާދު ވިދާޅުވި އެވެ.

ފޭދޫ ދާއިރާގައި ވައްކަމާއި ފޭރުމުގެ މައްސަލަ އޮތްވަރު ތަފުސީލުކޮށްދެއްވަމުން އޭނާ ވިދާޅުވީ ފޭދޫގެ ގޭގައި ހުންނަ އެއާކޯންތަކުގެ އައުޓްޑޯ ޔުނިޓުން ފެށިގެން ބަދިގޭގައި ހުންނަ ތެލިތަށި ވެސް ވަގަށް ނަގަމުންދާ ކަމަށެވެ. ގޭތެރޭގައި ތިބޭ މައިންގެ ކަރުގައި ވަޅި ޖައްސާފައި ރަން ފަށް ފޭރިގަނެގެން ގެންދާ ހިސާބަށް ފޭރުން އިތުރުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއީ މުޅި ރައްޔިތުންނަށް ފެންނަަން އޮތް ހަގީގަތް، މިކަންކަން ހިނގަނީ ފޭދޫގައި އެކަންޏެއް ނޫން،" ނިހާދު ވިދާޅުވި އެވެ.

ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު އީސާ ވިދާޅުވީ އޭނާގެ ދާއިރާގައި ވެސް ވައްކަމާއި މަސްތުވާ ތަކެތީގެ މައްސަލަ ބޮޑުވެގެން އެކަމަށް ހައްލެއް ހޯދައިދޭން އެދިވަޑައިގެން ފުލުހުންނާއި ހޯމް މިނިސްޓަރަށް އެތައް ފަހަރަކު އާދޭސް ދަންނަވާފައިވާނެ ކަމަށެވެ.

"މާފަރު ކައުންސިލުން މިކަމުގެ ޝަކުވާ މިނިސްޓަރަށް ލިއުމުން ފޮނުވައިފި، ކަމިޝަނާ އޮފް ޕޮލިސްއަށް ލިއުމުން ފޮނުވައިފި. އަތޮޅު ކޮމާންޑަރަށް ގުޅާ ގުޅާ އެބޭފުޅާގެ އެހީތެރިކަމެއް ނުލިބުނު،" އަހުމަދު އީސާ ވިދާޅުވި އެވެ.

ކުށްކުރުން ހުއްޓުވުމަކީ ހޯމް މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ކަަމަކަށް ވާއިރު، ކުށްކުރުން އިތުރުވުުމުގެ ކަންބޮޑުވުމުގެ މައްސަލަ އެޖެންޑާކޮށްފައި މި ވަނީ ހޯމް މިނިސްޓަރު އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ވެސް އެއް އެޖަލްސާއަކަށެވެ. އިމްރާނުގެ އިތުބާރުގެ މައްސަލައިގައި އެމްޑީޕީން ނިންމާފައި އޮތީ އޭނާ ދިފާއުކުރުމަށެވެ.