Roadha Mihaaru
ރުގްޔާގެ ނަމުގައި ދޭ އަނިޔާއަށް ސަމާލުވާން އެދިއްޖެ

ރުގްޔާގެ ނަމުގައި އަނިޔާކުރި މައްސަލަ: ފުލުހުން އެދެނީ ސަމާލުވާން

26 ނޮވެމްބަރ 2020

ރުގްޔާގެ ނަމުގައި ހަތަރު މައިން ބަންދުކޮށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކެއް ދިން މައްސަލަ ސީރިއަސްކޮށް ބަލަމުން އަންނަ ކަމަށާއި އެފަދަ އަނިޔާތަކަށް އާއްމުން ސަމާލުވެ ތިބުމަށް ފުލުހުން މިއަދު އިލްތިމާސްކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރުގްޔާގެ ނަމުގައި ހަތަރު މައިން ބަންދުކޮށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކެއް ދިން މައްސަލަ ސީރިއަސްކޮށް ބަލަމުން އަންނަ ކަމަށާއި އެފަދަ އަނިޔާތަކަށް އާއްމުން ސަމާލުވެ ތިބުމަށް ފުލުހުން މިއަދު އިލްތިމާސްކޮށްފި އެވެ.

މެދު ރާއްޖެތެރޭގެ ރަށެއްގައި އަންހެނަކާއި އޭނާގެ ތިން ދަރިން ރަހީނުކޮށް ޖިސްމާނީ، ނަފްސާނީ އަދި ޖިންސީ އަނިޔާކުރި މައްސަލައިގައި ފުލުހުން ވަނީ ތުހުމަތުކުރެވޭ ދެ ފިރިހެނަކު ހައްޔަރުކޮށްފަ އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައި ވަނީ އެފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކަކަށްވާތީ ރައްޔިތުން ސަމާލުވެ ތިބެން އެދޭ ކަމަށެވެ. ކުޑަކުދިންނާ ގުޅޭ އެފަދަ އެއްވެސް އަނިޔާއެއް ހިނގާކަން އެނގޭ ނަމަ އެކަން ފުލުހުންނަށް ނުވަތަ ޖެންޑާ މިނިސްޓްރީއަށް ރިޕޯޓްކޮށްދޭން ވެސް އިލްތިމާސްކޮށްފައިވެ އެވެ.

ސިހުރު ހާހޫރު ހެދުމުގެ ނަމުގައި ކުށަށް އަރައިގަންނަމުންދާ ކަމަށާއި އެފަދަ ބައެއް މައްސަަލަތައް ރާއްޖޭގެ އެކި ހިސާބުން ފެންމަތިވަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ވެސް ފުލުހުން ކުރިން ބުނެފައިވެ އެވެ. އެފަދަ ބައެއް މައްސަލަތައް ތަހުގީގުކޮށް ދައުވާކޮށްދޭން ވެސް އެދިފައިވެ އެވެ.

ގުރުއާނުން ބަލިތަކަށް ޝިފާ ލިބޭ ރުގްޔާ އޮޅުވާލައި ހަތަރުމައިންނާ މެދު އަމަލުކޮށްފައި ވަނީ ވަރަށް ރަހުމްކުޑަ ގޮތަކަށެވެ. ރުގްޔާގެ ނަމުގައި ހިންގި ބައެއް އަމަލުތަކަކީ ލާއންސާނީ، ސިހުރުގެ އަމަލުތަކެއް ކަމަށް ބައެއް އިލްމުވެރިން ގެންދަވަނީ ވިދާޅުވަމުންނެވެ.

އަންހެން މީހާ އާއި އޭނާގެ ހަތް އަހަރުގެ އަންހެން ދަރިފުޅަށް ޖިންސީ ގޯނާކޮށްފައިވާއިރު، ދެން ތިބި ކުދިން ހިމެނޭ ގޮތަށް އެންމެންނަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ދީފައިވެ އެވެ. ޖިންނިއަށް އަނިޔާކުރުމުގެ ނަމުގައި އެ ހަތަރު މައިންނަށް ކާން ނުދީ ބަނޑަށް ބޭތިއްބުމާއި ނިދިން މަހްރޫމްކުރުން ފަދަ އަމަލުތައް ހިންގާފައިވެ އެވެ.

ހަތް އަހަރުގެ އަންހެން ކުއްޖާ ސްކޫލަކަށް ވެސް ނުފޮނުވަ އެވެ.

ރުގްޔާ ކުރާއިރު، އެ ގޭތެރެއިން ރޯ އަޑު އިވޭނެ ކަމަށް އަވަށްޓެރިންނާއި އެ ގެއަށް ވަދެ އުޅޭ މީހުންނަށް ވިސްނައިދީފައި އޮތުމާ އެކު ތިން މަސްވިއިރު، އެ ހަތަރު މައިންނަށް އެހީތެރިކަމެއް ނުލިބުނެވެ. ފުލުހަކު އެ ގެއަށް ދިޔަ ދުވަހެއްގައި އަނިޔާގެ ވާހަކަ ބުނުމުން ގައި ތެރޭގައި ޖިންނި އުޅެނީ ކަމަށް ބުނެ އަޅާނުލައި ދިޔަ މައްސަލައިގައި އާއިލާގެ ކަންބޮޑުވުން އެބައޮތެވެ. ކުދިންނަށް އަނިޔާކުރާ ވާހަކަ އަންހެން މީހާގެ އާއިލާގެ މީހެއްގެ ގާތު ބުނެގެން އެ ގެއަށް ޖެންޑާ މިނިސްޓްރީގެ ސޯޝަލް ވޯކަރަކު ގޮސް ސުވާލުކުރުމުން ވެސް އޭނާގެ ފިރިމީހާ އެކަން ހުއްޓުވައި އޭނާ ފޮނުވާލީ ކަމަށް ވެސް އަންހެންމީހާ ބުނެ އެވެ.