Roadha Mihaaru
މުހިއްމީ ރިސޯޓް ކުއްޔެއްނޫން، ޖުމްލަ ފައިދާ: ފައްޔާޒް

މުހިއްމީ ކުއްޔެއް ނޫން، ރިސޯޓުތަކުން ލިބޭ ޖުމްލަ ފައިދާ: ފައްޔާޒް

25 ނޮވެމްބަރ 2020

ޓޫރިޒަމް އިންޑަސްޓްރީން ދައުލަތަށް ހޯދަން ސަރުކާރުން އެދޭ މައިގަނޑު ފައިދާ އަކީ ރިސޯޓްތަކުގެ ކުލި ނޫން ކަމަށާއި ރިސޯޓެއް ހެދުމުން އެއާ ގުޅިގެން ހިނގާ އިގުތިސާދީ ހަރަކާތްތަކުގެ ޖުމްލަ ފައިދާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޓޫރިޒަމް އިންޑަސްޓްރީން ދައުލަތަށް ހޯދަން ސަރުކާރުން އެދޭ މައިގަނޑު ފައިދާ އަކީ ރިސޯޓްތަކުގެ ކުލި ނޫން ކަމަށާއި ރިސޯޓެއް ހެދުމުން އެއާ ގުޅިގެން ހިނގާ އިގުތިސާދީ ހަރަކާތްތަކުގެ ޖުމްލަ ފައިދާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިއަދު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމާ ބެހޭ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ހުށަހަޅާފައިވާ ބިލު ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ފައްޔާޒް ވިދާޅުވީ ރިސޯޓެއް ހިންގަން ފެށުމުން އެކި ގޮތްގޮތުން ބޮޑެތި ފައިދާތަކެއް ވާނެ ކަމަށެވެ. އެގޮތުން ސަރުކާރަށް ލިބޭ ބީޕީޓީ އާއި ޓީޖީއެސްޓީގެ އިތުރުން ރިސޯޓުގެ ސަބަބުން ބައިވަރު ކުދި ވިޔަފާރިތައް އުފެދޭ ކަމަށެވެ. އޭނާ މިމޭރުމުން ވާހަކަ ދެއްކެވީ މާލެއާ ދުރު ރިސޯޓްތަކުގެ ކުލި ކުޑަކުރަން ބިލުގައި ހުށަހަޅާފައި އޮތުމުން ބައެއް މެމްބަރުން އެކަމާ ސުވާލުކުރެއްވުމުންނެވެ.

"ވިޔަފާރިތައް ވުޖޫދަށް އައިސްގެން އެ ވިޔަފާރިތަކުން ބީޕީޓީ، ޓީޖީއެސްޓީ އަދި ހަމަ އެއާ ގުޅިގެން ވަށައިގެން އުފެދޭ ބައިވަރު ކުދިކުދި ވިޔަފާރިތަކެއް، ރަށްރަށުގެ މަސްވެރިން މަސްވިއްކުން، ފަރުމަސްވިއްކުން، ފަންވިނުން، ވަޒީފާތައް، މި ހުރިހާ އެއްޗެއް،" ފައްޔާޒް ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ސަރުކާރުން ހުށަހެޅި ބިލުގެ އެއް ބޭނުމަކީ ޓޫރިޒަމް އިންޑަސްޓްރީއަށް ކުރިމަތިވެފައި ހުރި ގޮންޖެހުންތައް ނައްތައިލުން ކަމަށެވެ. ޓޫރިޒަމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން ތަރައްގީ ނުކުރެވި ގިނަ ދުވަސް ވެފައިވާ ރަށްތައް ހަދަން މަގުފަހިކުރުމަކީ އޭނާ ވިދާޅުވި ގޮތުގައި ބިލުގެ އެއް ބޭނުމެވެ.

އެކަމަކު ފައްޔާޒް ވިދާޅުވީ ރާއްޖޭގައި ސަރުކާރުގެ ސިޔާސަތުތައް އަވަސް އަވަހަށް ބަދަލުވުމާއި އަދުލު އިންސާފު ހަރުދަނާ ނުވެ އޮތް އޮތުމަކީ ވެސް ރަށްތައް ނުހެދި ހުރި އެއް ސަަބަބު ކަމަށެވެ. ރައްޔިތުންގެ މަޖިލީހާއި ސަރުކާރުން ކުރި މަސައްކަތުން ޝަރުއީ ދާއިރާއަށް ގެނައި ބަދަލުތަކުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު މިހާރު އުފެދެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ ހަަމަ އެކަނި އިންވެސްޓަރުންނަށް [ރަށްތައް] ނުހެދިގެން އުޅޭ މައްސަލައެއް ވެސް ނޫން އޮތީކީ އިނގޭތޯ. ދައުލަތުގެ ޕޮލިސީތަކުގެ އިންކޮންސިސްޓެންސީއާ އެއްކޮށް ވެސް މިކަންކަމަށް ވަރަށް ބޮޑަށް އަސަރުކޮށްފައި އޮތީ،" ފައްޔާޒް ވިދާޅުވި އެވެ.

ޓޫރިޒަމް އިންޑަސްޓްރީއަށް ލުއިތަކެއް ދޭން ސަރުކާރުން ހުށަހެޅީ މިނިސްޓަރު ވިދާޅުވިގޮތުގައި ގިނަ ދުވަސްތަކެއް ވެފައިވާ މައްސަލަތަކަކަށް ޖުމްލަ ހައްލެއް ގެނެވޭތޯ ކަމަށެވެ. ރިސޯޓްތަކާއި ޓޫރިޒަމަށް ދޫކުރާ ބިންތަކުން ނަގާ ކުއްޔަށް ބަދަލު ގެންނަނީ ކީއްވެތޯ ބައެއް މެމްބަރުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ އެކި ސަރަހައްދުގައި އިންފްރާސްޓްރަކްޗާ ހުރި ގޮތަށް ބަލައި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ޓޫރިޒަމްގެ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅި ބިލުގެ މަސައްކަތް މިއަދު ނިންމަން ކުރިން އަމާޒުކުރި ނަމަވެސް އެ ބިލުގެ މަސައްކަތް މިހާރު ވަނީ މާދަމާއާ ހަމައަށް ދަންމާލައިފަ އެވެ. އެއީ ބިލޭ ބެހޭ ގޮތުން ފިނޭންސް މިނިސްޓަރާއި ޓޫރިޒަމް އިންޑަސްޓްރީގެ އިސް ފަރާތްތަކާ ވެސް މަޝްވަރާކުރަން ބައެއް މެމްބަރުން ހުށަހެޅުއްވުމުންނެވެ.