Roadha Mihaaru
ވިކީގެ ފިލްމު އޮކްޓޯބަރު 16 ގައި އެމެޒޯން ޕްރައިމަށް

ވިކީގެ އާ ފިލްމު އަންނަ މަހުގެ 16 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އަށް

29 ސެޕްޓެމްބަރ 2021

މީގެ ހަފުތާއެއްހާ ދުވަސް ކުރިން ޑިސްކަވަރީ ނެޓްވޯކްގެ ޝޯއަކަށް ރާއްޖޭގައި ޝޫޓްކުރި ބޮލީވުޑްގެ ޒުވާން އެކްޓަރު ވިކީ ކޯޝަލްގެ އާ ފިލްމެއް ކަމަށްވާ "ސަރުދާރު އުދަމް" އަންނަ މަހުގެ 16 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ ހަފުތާއެއްހާ ދުވަސް ކުރިން ޑިސްކަވަރީ ނެޓްވޯކްގެ ޝޯއަކަށް ރާއްޖޭގައި ޝޫޓްކުރި ބޮލީވުޑްގެ ޒުވާން އެކްޓަރު ވިކީ ކޯޝަލްގެ އާ ފިލްމެއް ކަމަށްވާ "ސަރުދާރު އުދަމް" އަންނަ މަހުގެ 16 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

މިހާރު ބޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު އެކްޓަރުންގެ ތެރޭގައި ހިމެނޭ ވިކީ ވަނީ ފިލްމުގެ ޓީޒާއެއް ވެސް އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޕޯސްޓްކޮށްފަ އެވެ. ކުރިން މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ގެނެސްދޭ ގޮތަށް އިއުލާންކުރި "ސަރުދާރު އުދަމް" އަކީ އިންޑިއާގެ މިނިވަން ކަމަށް މަސައްކަތްކުރި ޝަހުސިއްޔަތެއްގެ ވާހަކަ ކިޔައިދޭ ވަތަނީ ފިލްމެކެވެ.

ދެހާސް ނަވާރައިގެ ކާމިޔާބު ވަތަނީ ފިލްމު "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ވެސް ކުޅުނު ވިކީ، 33، ގެ އާ ފިލްމުގައި ކުޅުނު ސަރުދާރު އުދަމް ސިންގްގެ ކެރެކްޓާ އަކީ 1919 ގައި އިންޑިއާގެ އަމްރިތުސަރުގެ ޖަލިއަންވާލާ ބާގްގައި އިނގިރޭސީންނާ ދެކޮޅަށް ހިންގި ގަތުލްއާންމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުން މިނިވަން ކަމަށް މަސައްކަތްކުރި ބަތަލު އުދަމް ސިންގް އިނގިރޭސިވިލާތުގެ ލަންޑަނުގައި މަރާލި ހާދިސާ އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމުތައް ކަމަށްވާ ޕީކޫ (2015) އާއި ވިކީ ޑޯނާ (2012) ގެނެސްދިން ޝޫޖިތު ސިރްކާ އެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު އެމެޒޯން ޕްރައިމުން ޕްރީމިއާކުރި "ގުލާބޯ ސިތާބޯ" އެވެ.

"ސަރުދާރު އުދަމް" ގެ ކާސްޓްގައި ޝޫޖިތުގެ 2018 ގެ ފިލްމު "އޮކްޓޯބާ" ގެ ބަތަލާ ބަނީތާ ސަންދޫ އާއި އަމޯލް ޕަރްޝާރް ވެސް ހިމެނެ އެވެ.

މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ވިކީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ކުރީކޮޅު ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދިން ބިރުވެރި ފިލްމު "ބޫތު-ޕާޓް ވަން: ދަ ހޯންޓެޑް ޝިޕް" އެވެ. އޭނާގެ ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި "މިސްޓަ ލޭލޭ" އާއި "ދަ ގްރޭޓް އިންޑިއަން ފެމިލީ" އަދި "ސޭމް ބަހާދޫރު" ހިމެނެ އެވެ.