Roadha Mihaaru
ޓޮޓެންހަމް އެއް ވަނަ އަށް، ޔުނައިޓެޑަށް މޮޅެއް

ޓޮޓެންހަމް އެއް ވަނަ އަށް، ޔުނައިޓެޑަށް މުހިއްމު މޮޅެއް

30 ނޮވެމްބަރ 2020

ލަންޑަން (ނޮވެމްބަރު 30) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެ ލިބުނު ޕޮއިންޓާ އެކު ޓޮޓެންހަމް ހޮޓްސްޕާސް ލީގުގެ އެއް ވަނަ އަށް އެރިއިރު، މެންޗެސްޓާ ޔުނައިޓެޑުން ފަހަތުން އަރައި 3-2 އިން ސައުތެމްޓަން އަތުން މުހިއްމު މޮޅެއް ހޯދައިފި އެވެ.

ލަންޑަން (ނޮވެމްބަރު 30) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެ ލިބުނު ޕޮއިންޓާ އެކު ޓޮޓެންހަމް ހޮޓްސްޕާސް ލީގުގެ އެއް ވަނަ އަށް އެރިއިރު، މެންޗެސްޓާ ޔުނައިޓެޑުން ފަހަތުން އަރައި 3-2 އިން ސައުތެމްޓަން އަތުން މުހިއްމު މޮޅެއް ހޯދައިފި އެވެ.

ކުޅުނު 10 މެޗުން އެއް ވަނައިގައި އޮތް ޓޮޓެންހަމާއި ދެ ވަނައިގައި އޮތް ލިވަޕޫލަށް ލިބިފައިވަނީ 21 ޕޮއިންޓެވެ. ޓޮޓެންހަމް ކުރީގައި އޮތީ ފައިދާގެ ގޯލުންނެވެ. މިރޭ އަމިއްލަ ދަނޑުގައި ފުލަމް އަތުން ލެސްޓާ ސިޓީ މޮޅުވެއްޖެނަމަ އެ ޓީމަށް ވެސް 10 މެޗުން 21 ޕޮއިންޓް ހަަމަކުރެވޭނެ އެވެ. އެކަމަކު ލަނޑުގެ ތަފާތުން އެ ޓީމަށް ލިބޭނީ ތިން ވަނަ އެވެ.

ސްޓެމްފޯޑް ބްރިޖުގައި ރޭ ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔަ ހަމަހަމަ ކުޅުމެކެވެ. ފުރަތަމަ ހާފުގައި ޗެލްސީގެ ޓިމޯ ވާނާ ޖެހި ގޯލެއް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. ޓޮޓެންހަމްގެ ސާޖް އޮރިއޭ ޖެހި ބޯޅައެއް ޗެލްސީގެ ކީޕަރު އެޑޮއާޑް މެންޑީ ވަނީ މަތަކޮށްފަ އެވެ. ދެ ވަނަ ހާފުގައި ޗެލްސީގެ ޓެމީ އަބްރަހަމް އަށް ރަނގަޅު ބޯޅަތަކެއް ލިބުނު ނަމަވެސް އެންމެ ރަނގަޅަށް ބޭނުމެއް ނުކުރެވުނެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޗެލްސީގެ އޮލިވިއޭ ޖިރޫޑަށް އެ ޓީމު މޮޅުކޮށްދޭން ލިބުނު ރަނުގެ ފުރުސަތު އޭނާ ނަގާލިއިރު، އޭގެ ކުރިން މޭސަން މައުންޓް ޖެހި ޝޮޓެއް ޓޮޓެންހަމް ގޯލްކީޕަރު ހޫގޯ ލޮރިސް ވަނީ މަތަކޮށްފަ އެވެ.

މިއީ 2015 ވަނަ އަހަރަށް ފަހު ޓޮޓެންހަމާއި ޗެލްސީ ކުޅުނު މެޗެއް ލަނޑެއް ނުޖެހި އެއްވަރުވި ފުރަތަމަ ފަހަރެވެ. ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ މޮޅެއް ހޯދަން ބޭނުންވިޔަސް ބަލިނުވެ ފަރުޖައްސާލަން ބޭނުންވާތީ ދެ ޓީމުން ވެސް ކުޅުނީ ޑިފެންސަށް އިސްކަން ދީގެންކަން މެޗުގައި ތަނަވަސްކުރި ފުރުސަތުތަަކަށް ބަލާއިރު ފެންނަން އޮތް ކަމަށެވެ. ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނީ މެޗުން މޮޅުވެވޭ ވަރަށް އޭނާގެ ޓީމުން ފުރުސަތު ތަނަަވަސްކުރި ކަމަށެވެ.

ސައުތެމްޓަން ދަނޑުގައި ރޭ ފުރަތަމަ ހާފުގައި އެ ޓީމުން ޔެން ބެޑްނަރެކް އާއި ޖޭމްސް ވޯޑް-ޕްރައުސްގެ ހިލޭ ޖެހުމުން ދެ ގޯލުގެ ލީޑެއް ނެގި އެވެ. އެކަމަކު މެޗު ބަދަލުކޮށްލީ ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޔުނައިޓެޑްގެ އުރުގުއޭ ފޯވާޑް އެޑިންސަން ކަވާނީ އެވެ. އޭނާ ވަނީ ދެ ގޯލު ޖެހުމުގެ އިތުރުން ފުރަތަމަ ގޯލު ޖަހަން ބްރޫނޯ ފެނާންޑޭސް އަށް ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ކަވާނީ އެ ޓީމު މޮޅުކޮށްދިން ގޯލު ޖެހީ އިތުރު ވަގުތުގަ އެވެ.

އަމިއްލަ ދަނޑުގައި ރޭ އާސެނަލް ކުޅުނު މެޗުން ވަނީ 2-1 އިން ވުލްވްސް އަތުން ބަލިވެފަ އެވެ. މެޗުގެ ކުރީކޮޅުގައި ވުލްވްސްގެ އެއް ވަނަ ފޯވާޑް ރައުލް ހިމެނޭޒްގެ ބޮލަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ވަނީ ބަދަލުކޮށް ވަގުތު ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ވުލްވްސް އަށް ލީޑުނަގައިދިނީ ޕެޑްރޯ ނެޓޯ އެވެ. އާސެނަލަށް އެއްވަރުކޮށްދިން ލަނޑު ގަބްރިއެލް މަގަޅާއެސް ޖެހިއިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ވުލްވްސް އަށް އަލުން ލީޑުނަގައިދިނީ ކަސްޓޭލޯ ޕޮޑެންސް އެވެ.

ރޭގެ މެޗުން ބަލިވުމާ އެކު އާސެނަލް އޮތީ ކުޅުނު 10 މެޗުން 13 ޕޮއިންޓާ އެކު ލީގުގެ 14 ވަނައިގަ އެވެ. މިއީ 1981 ވަނަ އަހަރަށް ފަހު އެ ޓީމުން އެންމެ ދަށްކޮށް ސީޒަން ފެށި ފަހަރެވެ.