Roadha Mihaaru
ދުވާލަކު އަންނަ ޓޫރިސްޓުންގެ އަދަދު ހާހުން މަތީގައި

ދުވާލަކު އަންނަ ޓޫރިސްޓުންގެ އަދަދުު ހާހުން މަތީގައި ހިފަހައްޓައިފި

30 ނޮވެމްބަރ 2020

ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް އަލުން ހުޅުވި ފަހުން ރާއްޖެ އަންނަ ޓުރިސްޓުންގެ އަދަދު ދުވާލެއްގެ މައްޗަށް ހާހަކަށް ވުރެ މަތީގައި، މި މަހު ހިފަހައްޓައިފި އެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް އަލުން ހުޅުވި ފަހުން ރާއްޖެ އަންނަ ޓުރިސްޓުންގެ އަދަދު ދުވާލެއްގެ މައްޗަށް ހާހަކަށް ވުރެ މަތީގައި، މި މަހު ހިފަހައްޓައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރުތައް ހުޅުވުމާ އެކު ދުވާލަކު އަންނަ ޓޫރިސްޓުންގެ އަދަދު މަހުން މަހަށް އައީ އިތުރުވަމުންނެވެ. އެގޮތުން މި މަހުގެ މިހާތަނަށް ދުވާލަކު އެވްރެޖްކޮށް، 1،100 އަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އައި ކަމަށް، ހިސާބުތަކުން ދައްކަ އެވެ.

އެކަމަކު މިއީ ކޮވިޑްގެ ކުރިން ދުވާލަކު ރާއްޖެ އައި 4،200 ޓޫރިސްޓުންގެ ނިސްބަތުން މަދު އަދަދެކެވެ.

ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ބޮޑު ހިއްސާވާ ޔޫރަޕާއި އޭޝިއާގެ ބައެއް ގައުމުތަކުގައި އަދިވެސް ކޮވިޑްގެ ހާލަތު ގޯސްކޮށް އޮތަސް، އަންނަ ޓޫރިސްޓުންގެ އަދަދު ގިނަވުމަކީ ހެޔޮ ފާލެއް ކަމަށް، އިންޑަސްޓްރީގެ ތަޖުރިބާކާރުން ބުނެ އެވެ. އަދި އާ އަހަަރާ ދިމާކޮށް ރާއްޖޭގެ ޓޫރިޒަމް ވަރަށް "އުޖާލާ" ކަމަށް ވެސް، ބައެއް ރިސޯޓްތަކުން ބުނެ އެވެ.

މި މަހުގެ ހިސާބުތަކަށް ބަލާއިރު މި ދުވަސްވަރު ރާއްޖޭގެ ޓޫރިޒަމް މާކެޓްގެ މައިގަނޑު ހިއްސާ އަތުލާފައި ވަނީ ރަޝިޔާގެ ޓޫރިސްޓުންނެވެ. މިދިއަ ހަތަރު މަސް ދުވަހު ރަޝިޔާ އިން ރާއްޖެ ޒިޔާރަތްކުރި 16،200 އަށް ވުރެ ގިނަ ޓޫރިސްޓުންނަކީ، މުޅި މާކެޓްގެ 22 ޕަސެންޓެވެ.

ރަޝިޔާއަށް ފަހު ދެ ވަނާގައި އުޅެނީ މިހާތަނަށް 8،600 އަށް ވުރެ ގިނަ ޓޫރިސްޓުން އައި އިންޑިއާ އެވެ. ޕަސެންޓުން ބަލާ ނަމަ އިންޑިއާ ޓޫރިސްޓުން 12 ޕަސެންޓް ހިއްސާކުރެ އެވެ.

ތިން ވަނަ އަށް އެންމެ ގިނަ މީހުން އައީ 7.3 ޕަސެންޓްގެ ހިއްސާއަކާ އެކު، އިނގިރޭސި ވިލާތުގެ 5،300 ޓޫރިސްޓުންނެވެ.

ކޮވިޑް-19 ފެށުނީ ޗައިނާއިން ކަމަށް ވިޔަސް އެ ގައުމުން އެ ބަލި ކޮންޓްރޯލްކުރިތާ އެތައް މަހެއް ވީ އިރު ވެސް އަދި ޗައިނާގެ ޓޫރިސްޓުން ރާއްޖެއަށް އަންނާކަށް ނުފަށަ އެވެ. ކޮވިޑްގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އެއް ގައުމަކުން އައީ ޗައިނާއިންނެވެ.

ބޯޑަރު އަލުން ހުޅުވާލި ފަހުން އެއް ދުވަހަކަށް އެންމެ ގިނަ ޓޫރިސްޓުން އައީ މިދިއަ ހޮނިހިރު ދުވަހު އެވެ. އެ ދުވަހު 2،200 އަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި އެވެ.

މި އަހަރު ނިމޭއިރު 500،000 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ކުރިން ވަނީ ލަފާކޮށްފަ އެވެ. މިހާތަނަށް 455،000 ޓޫރިސްޓުން އައި އިރު އެ އަދަދު ހަމަވާން އަންނަ މަހު މަދުވެގެން 45،000 ޓޫރިސްޓުން އަންނަން ޖެހެ އެވެ.