Roadha Mihaaru
ގެސްޓްހައުސް ވިޔަފާރިއަށް ބޭރު މީހުން: ކަންބޮޑުވުމެއް

ގެސްޓްހައުސް ވިޔަފާރިއަށް ބޭރު މީހުން: އާ ކަންބޮޑުވުމެއް

18 މާޗް 2021

ރާއްޖޭގައި ގެސްޓްހައުސްތަކެއް ހިންގަމުން އަންނަ ވިޔަފާރިވެރިއެކެވެ. އެކަމަކު ގެސްޓްހައުސްއާ ބެހޭ ސިޔާސަތަށް ސަރުކާރުން ގެނައި އާ ބަދަލު މިއަދު އެނގުމުން "އަހަރެން ދިޔައީ ސިއްސައިގެންނޭ" ބުންޏެވެ.

މޫސާ ލަތީފް މޫސާ ލަތީފް

ރާއްޖޭގައި ގެސްޓްހައުސްތަކެއް ހިންގަމުން އަންނަ ވިޔަފާރިވެރިއެކެވެ. އެކަމަކު ގެސްޓްހައުސްއާ ބެހޭ ސިޔާސަތަށް ސަރުކާރުން ގެނައި އާ ބަދަލު މިއަދު އެނގުމުން "އަހަރެން ދިޔައީ ސިއްސައިގެންނޭ" ބުންޏެވެ.

"އަނެއްކާވެސް ދިވެހިންނަށް އޮތް ފުރުސަތެއް ބޭރު މީހުންނަށް ދޫކޮށްލަނީ،" މައްސަލައިގެ ގޮތުން ނަން ނުޖަހަން ޝަރުތުކޮށް ވާހަކަ ދައްކަމުން އޭނާ ބުންޏެވެ.

އެ ބަދަލަކީ 49 ޕަސެންޓް ހިއްސާވެގެން ބޭރު މީހުންނަށް ރާއްޖޭގެ ގެސްޓްހައުސްގެ ވިޔަފާރިއަށް އިންވެސްޓްކުރަން ސަރުކާރުން ހަމަޖެއްސި ހަމަޖެއްސުމެވެ. އާ ސިޔާސަތުގައި ބޭރު މީހަކަށް މަދުވެގެން 250،000 ޑޮލަރު (3.8 މިލިއަން ރުފިޔާ) އިންވެސްޓްކޮށްގެން ގެސްޓްހައުސްގެ ވިޔަފާރީގައި ބައިވެރިވެވިދާނެ އެވެ. ކުރިން ނަމަ ގެސްޓްހައުސްގެ ޓުރިޒަމް ބަލާފައި އޮންނަނީ ހަމައެކަނި ދިވެހިން ބައިވެރިވާ، ދިވެހިންގެ ކަމެއްގެ ގޮތުގަ އެވެ.

އެކަމަކު ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ގަބޫލުކުރައްވަނީ އެއީ ވަރަށް ރަނގަޅު ބަދަލެއްގެ ގޮތުގަ އެވެ. އަދި ބޭރު އިންވެސްޓަރުން ހޯދައިދޭން ޓޫރިޒަމް މިނިސްޓްރީގައި "ހާއްސަ ސެލްއެއް" ވެސް ހަދާފައި ހުރި ކަމަށް އޭނާ ވިދާޅުވި އެވެ. ބޭނުމަކީ ރަށެއްގައި ބިންކޮޅެއް އޮވެ، އެކަމަކު ފައިސާ ނެތުމުން ގެސްޓްހައުސް ނުހެދި ތިބި މީހުންނަށް އިންވެސްޓަރުން ހޯދައިދިނުމެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ބޭރު މީހުންނަށް ރަސްމީކޮށް ކުރިން ފުރުސަތު ނެތަސް "އަޑީގައި ކޮންމެވެސް ބޭރު މީހަކު ހުރެގެން، ދިވެއްސަކު ކުރިމައްޗަށް ނެރެގެން" މިހާރު ވެސް ވަރަށް ގިނަ ގެސްޓްހައުސްތައް ހަދާފައިވެ އެވެ. އެކަމަކު "ވަރަށް ގިނައޭ" އެ ވިދާޅުވީ ކޮން ކަހަލަ އަދަދުތަކެއްގެ މައްޗަށް ބިނާކުރައްވާކަމެއް ވިދާޅެއް ނުވެ އެވެ.

ސަރުކާރުގެ ސިޔާސަތާ މެދު ހިތްހަމަނުޖެހޭ ބައެއް ވިޔަފާރިވެރިން ބުނި ގޮތުގައި ގެސްޓްހައުސްގެ ވިޔަފާރިއަށް ރަސްމީކޮށް ބޭރު މީހުންނަށް ވަދެވޭ މައްސަލަ "ބަލަން ޖެހޭނީ ތަންކޮޅެއް ބޮޑު ދުރުމިއަކުން"ނެވެ. އެ ދުރުމިން ބަލާ ނަމަ، އެއް ވިޔަފާރިވެރިޔަކު ބުނީ، ރާއްޖެއިން އަނެއްކާވެސް ޑޮލަރު ބޭރުވުމުގެ އާ ފުރުސަތެއް ހުޅުވުމުގެ އިތުރުން އެހެން މައްސަލަތަކެއް ވެސް ދިމާވާނެ ކަމަށެވެ. އެއް މައްސަލައެއްގެ ގޮތުގައި ނެގީ ބޭރުގެ ޓުއާ އޮޕަރޭޓަރުން ސީދާކޮށް ގެސްޓްހައުސްގެ ވިޔަފާރިއަށް ވަނުމެވެ.

"ޓުއަ އޮޕަރޭޓަރުން ހިތަށްއަރާފާނެ އަހަރެމެން އަމިއްލައަށް ވިއްސަކަށް ސާޅީހަކަށް ކޮޓަރި ހަދާލައިފައި، މީހުން ފޮނުވީމާ ނިމުނީ ނޫންހޭ. އެމީހުންނަށް 250،000 ޑޮލަރަކީ އެއްޗަކަށް ނުވާނެ،" މިހާރު ވެސް ގެސްޓްހައުސް ހިންގާ މީހަކަށް ވާތީ ސަރުކާރުގެ ސިޔާސަތަށް ފާޑުކިއުމުން ހުރަސްތަކެއް ދިމާވެދާނެ ކަމަށް ބަލައި، ނަން ނުޖަހަން ޝަރުތުކޮށް، އެކަކު ބުންޏެވެ.

"މިސާލަކަށް ރަޝިޔާ ނަގަމާ. ރަޝިޔާގެ ޓުއަ އޮޕަރޭޓަރެއް މިތަނުން ދެތިން ގެސްޓްހައުސް ހޯދައި، ކޮންޓްރޯލް ނަގާފާނެ. އޭނާއަށް ނުލާހިކު ފަސޭހަވާނެ އެއާލައިންތަކުން ޖާގަ ހޯދަން ވެސް. އެހިސާބުން ވަރަށް ބޮޑު ބާރެއް އޭނާގެ އަތަށް އެ ދިޔައީ."

ދިވެހިންނަކީ "ކަންފަސޭހަ" ބައެއް

ބައެއް ވިޔަފާރިވެރިިން ދެކޭ ގޮތުގައި 49 ޕަސެންޓް ކޮންޓްރޯލްކުރެވޭ ގޮތަށް އޮތަސް ދިވެހިންގެ ހުންނަ "ކަންފަސޭހަ" ގޮތް ބޮޑުކަމުން، ޖީބަށް ހާހެއްހާ ޑޮލަރު ވަންނަ އިރަށް ނުސީދާކޮށް ގެސްޓްހައުސްގެ 99 ޕަސެންޓްގެ ހިއްސާ ވެސް ބޭރު މީހާއަށް ދީފާނެ އެވެ.

"ބިމެއް އޮތް މީހަކު ދެން ހަމަ ބޭރު މީހާއަށް ދޭންވީ، މަހަކު ރުފިޔާކޮޅެއް ލިބެންޏާ. ނަމަކަށް އޮންނާނީ 51 ޕަސެންޓް. މިކަހަލަ ކިތައްމެ ގޯހެއް މިކަމުން އުފެދޭނެ،" ކުރިން ވާހަކަ ދެއްކި ވިޔަފާރިވެރިޔާ ބުންޏެވެ.

ރާއްޖޭގައި ބަންގްލަދޭޝް މީހުން މިހާރު ވެސް އެތައް ވިޔަފާރިއެއް ހިންގާކަމުގެ ޝަކުވާ ބޮޑެވެ. އެކަމަކު ގާނޫނީ ގޮތުން ފިޔަވަޅެއް އެޅެން ނޯންނަނީ އެ ވިޔަފާރިތަކުގެ އަސްލު ވެރިންގެ ގޮތުގައި ތިބެނީ ދިވެހިން ކަމަށް ވާތީ އެވެ. އެ "ވެރިޔާ"އަށް މަހަކު 5،000ރ ލިބުނަސް ފުދެ އެވެ.

އެހެންކަމުން ދިވެހިންގެ އެ "ކަންފަސޭހަކަން" ގެސްޓްހައުސް ވިޔަފާރީގެ ސަގާފަތަކަށް ވެސް ބަދަލުވެ، ބޭރު މީހުން ކޮންޓްރޯލްކުރާ ދާއިރާއަކަށް މުޅި ސިނާއަތު ބަދަލުވުމުގެ ކަންބޮޑުވުން، "މިހާރު"އާ ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން ފާޅުކުރި އެވެ.

"ރާއްޖޭގެ ރިސޯޓް ޓޫރިޒަމަށް ބެއްޔަސް މިހާރު ފެންނާނީ އެ މަންޒަރު. ގިނަވާނީ ސީދާ ބޭރު މީހުން ހިންގާ ރިސޯޓްތައް. ރިސޯޓް އެކަންޏެއް ނޫން، އެތަންތަނުގައި ގިނައިން އުޅޭނީ ވެސް ބޭރު މުވައްޒަފުން،" ރާއްޖޭގެ އިގުތިސާދު ދިރާސާކުރައްވާ ބޭފުޅަކު، ނަން ނުޖަހަން ޝަރުތުކުރައްވާ، ވިދާޅުވި އެވެ.

"އެކަހަލަ ގޮތަކަށް ގެސްޓްހައުސްތައް ވެސް ހިނގައިދާނެ."

އެކަމަކު "މިހާރު"އާ ވާހަކަ ދެއްކި ވިޔަފާރިވެރިޔަކު ދެކޭ ގޮތުގައި މި ބަދަލުގައި އެޑްވާންޓޭޖްތަކެއް ވެސް ހުންނާނެ އެވެ. އެ އެޑްވާންޓޭޖްތަައް ނެގޭނީ ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރުން ރަނގަޅުވެގެންކަން އޭނާ ފާހަގަކުރެއްވި އެވެ.

"ބޭރު އިންވެސްޓަރުން ތަނެއް ހެދީމާ އެތަނަށް މުވައްޒަފުން ބޭނުންވާނެ. އެއީ ދިވެހިން ކަމަށް ހަދަން މަޖުބޫރުކުރެވިދާނެ. އެކަހަލަ އެޑްވާންޓޭޖްތަކެއް އެބަ ހުރި ލިބޭނެ،" އަލަށް ގެނައި ބަދަލާ ބެހޭ ގޮތުން، ދިވެހި އިންވެސްޓަރަކު ބުންޏެވެ.

"ލާރި ނެތިގެން ނުހެދި ހުރި ތަންތަނަށް މާލީ އެހީއެއް ލިބުން ވާނީ އެޑްވާންޓޭޖަކަށް. އެހެންވީމާ ހީވަނީ ގެސްޓްހައުސްތައް އިތުރުވެދާނެހެން."

ސަރުކާރުގެ އާ ސިޔާސަތު އެނގުމުން "ސިހުން" ލިބުނު ވިޔަފާރިވެރިޔާ ބުނި ގޮތުގައި "މިކަން މި އައީ" ރިސޯޓްތައް ބޭރު މީހުންގެ އަތް ދަށަށް ދާދިއުމާ މެދު ޝަކުވާކޮށްކޮށް ހުއްޓަ އެވެ.

"ހިއެއްނުވޭ ބޭރު މީހުންނަށް މި ގޮތަށް ކަންކަން ފަސޭހަ ގައުމެއް އޮންނާނެހެންނެއް،" އޭނާ އެންމެ ފަހުން ބުންޏެވެ.