Roadha Mihaaru
މެޑިސިންއާއެކު އެމްއެންޔޫގެ ކޯސްތަކަށް ހުޅުވާލައިފި

މެޑިސިންއާއެކު އެމްއެންޔޫގެ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި

03 ޑިސެމްބަރ 2020

މެޑިސިން ކޯހާއެކު، މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މެޑިސިން ކޯހާއެކު، މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

އެ ޔުނިވާސިޓީގެ އަންނަ އަހަރުގެ ފުރަތަމަ އިންޓޭކުގައި ތަފާތު ދާއިރާތަކުން 100 އަށް ވުރެ ގިނަ ކޯސް ހިންގަން ވަނީ ނިންމައިފަ އެވެ. އެ ޕްރޮގްރާމްތަކަށް، ޖެނުއަރީ 7، 2021 އާ ހަމައަށް ކުރިމަތިލެވޭނެ އެވެ.

އެހެން އަހަރުތަކާ ހިލާފަށް، ކޯހަށް ވަނުމަށް މި ފަހަރު ފޯމު ހުށަހަޅަން ހަމަޖައްސާފައި ވަނީ portal.mnu.edu.mv މެދުވެރިކޮށެވެ.

އާ އިންޓޭކުގައި ހޮސްޕިޓާލިޓީ، ޖާނަލިޒަމް، ކޮމްޕިއުޓާ ސައިންސް، އިކޮނޮމިކްސް ނާސިން، އާކިޓެކްޗާ، މެރިން ސައިންސް އަދި ޓީޗިން ފަދަ ދާއިރާތަކުން ކިޔަވައިދޭނެ އެވެ.

އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފު ވިދާޅުވީ އަންނަ އަހަރުގެ ފެބްރުއަރީ މަހު ކިޔަވައިދޭން ފަށާނީ، އޮންލައިން ކްލާސްތަކުގެ ބަދަލުގައި ސީދާ ކްލާސްރޫމުގައި ކަމަށެވެ. ނަމަވެސް ކޮވިޑް-19 އިން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް ދުރުމިން ބެހެއްޓުމުން ޖާގައިގެ ދަތިކަން ދިމާވާނެ ކަމަށް ވިދާޅުވި އެވެ.

"އެކަމަކު ވެސް ދެ ސެޝަނަށް ނޫނީ ތިން ސެޝަނަށް ނަމަވެސް ފޭސްޓު ފޭސްކޮށް ކްލާސްތައް ގެންދާނެ،" ޑރ. ޝަރީފު ވިދާޅުވި އެވެ.

ބަލިން ރައްކާތެރިވުމަށް މިދިޔަ މާޗު މަހު ކޮލެޖުތަކާއި ޔުނިވާސިޓީތައް ވަނީ ބަންދުކޮށްފަ އެވެ. އެއާއެކު ދަރިވަރުންނަށް ކިޔަވައިދެމުން އަންނަނީ އޮންލައިންކޮށެވެ.

ޑރ. ޝަރީފު ވިދާޅުވީ އޮންލައިންކޮށް ކިޔަވައިދިނުމާއި އިމްތިހާނު ދިނުމުގައި ބައެއް އުނދަގޫތަކާ ދިމާވި ކަމަށެވެ.

ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން، އެމްއެންޔޫގައި ހިލޭ ޑިގްރީ އަށް ކިޔެވޭނެ އެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ ޔުނިވާސިޓީގައި 9،000 އެއްހާ ދަރިވަރުން އަންނަނީ ސެޓްފިކެޓް ލެވެލް އިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔަވަމުންނެވެ.