Roadha Mihaaru
45 މީޓަރު: އެންމެ ފުން ޕޫލް ޕޮލެންޑުގައި

45 މީޓަރު: އެންމެ ފުން ޕޫލް ޕޮލެންޑުގައި

04 ޑިސެމްބަރ 2020

ދުނިޔޭގެ އެންމެ ފުން ސްވިމިން ޕޫލް ޕޮލެންޑްގައި ހަދައި އެތަން ހުޅުވައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދުނިޔޭގެ އެންމެ ފުން ސްވިމިން ޕޫލް ޕޮލެންޑްގައި ހަދައި އެތަން ހުޅުވައިފި އެވެ.

ވެރިރަށް ވާސޯއާ 30 މޭލެއްހާ ދުރުގައި އޮންނަ ޒޮނޯގައި ހަދާފައިވާ "ޑީޕް ސްޕޮޓް" ގެ ނަން ދީފައިވާ ޕޫލްގެ ފުން މިނުގައި 45 މީޓަރު (148 ފޫޓު) ހުންނަ އިރު، 8،000 ކިއުބިކް މީޓަރުގެ ފެން ހުންނާނެ އެވެ. މަސައްކަތް ފެށިތާ ދެ އަހަރުގެ ތެރޭގައި ނިންމައިލި ޕޫލަށް ގާތްގަނޑަކަށް 10.6 މިލިއަން ޑޮލަރު (163.56 މިލިއަން ރުފިޔާ) ހަރަދުކޮށްފައިވެ އެވެ.

މި ޕޫލަކީ ފެތުމަށް ލޯބިކުރާ ހުރިހާ ލެވެލެއްގެ ބަޔަކަށް ވެސް ބޭނުން ކުރެވޭނެ ތަނެކެވެ. ވަކިން ހާއްސަކޮށް ފެތުމުގެ ޓްރޭނިންތަކަށް ޕޫލް ބޭނުން ކުރެވޭނެ އެވެ.

މި ޕޫލް ފަރުމާކޮށްފައި ޑައިވިނަށް ލޯބިކުރާ މީހުން ގަޔާވާނެ ކަހަލަ ބައެއް ސިފަތައް ވެސް ހިމަނައިގެންނެވެ. އެގޮތުން ޕޫލްގެ "ބްލޫ ހޯލް" ގެ ނަމުގައި ހޮހޮޅަތަކެއް ކަހަލަ ދެ ތަން ހަދައި، އެ ތަންތަނުގެ ތެރެއަށް ފީނޭ ގޮތަށް ވެސް ހަދާފައިވެ އެވެ. އަދި ޕޫލްގެ ތެރޭގައި ފަތާ މީހުންނާއި ޑައިވްކުރާ މީހުންގެ ހަރަކާތްތައް ބަލައިލެވޭ ގޮތަށާއި ޕޫލް ކައިރީގައި ހުންނަ ހޮޓާތަކުގެ ކޮޓަރިތަކުގެ ތެރެއިން ވެސް ޕޫލްގެ އެތެރެ ފެންނަ ގޮތް ހަދާފައިވެ އެވެ.

"ޑީޕް ސްޕޮޓް" ހުޅުވަން ބޭއްވި ހަފުލާގައި ޕޮލެންޑް ޑައިވިން އިންސްޓްރަކްޓަރު ޒެމިސްލޯ ކަޕްޒާކް ބުނީ މިއީ ޑައިވްކުރަން ދަސްކުރަން ބޭނުންވާ މީހުންނަށް ލިބުނު ވަރަށް ރަނގަޅު ވަސީލަތެއް ކަމަށެވެ.

"މި ޕޫލަށް ޑައިވްކުރުމެކޭ ކަނޑަކަށް ޑައިވްކުރުމެކޭ އަސްލު މާ ބޮޑު ތަފާތެއް ނުހުންނާނެ. ތަފާތަކަށް ވާނީ ކަނޑު އަޑީގައި ހުންނަ ދިރުންތައް ފެންނަ ނެތުން،" އޭނާ ބުންޏެވެ. "އެކަމަކު ޑައިވަކުން ލިބޭނެ ހިތްހަމަޖެހުން ލިބޭނެ."

މި ފުން ޒެމިސްކޯ ސިފަކުރީ ޑައިވަރުންނަށް ހާއްސަ ކިންޑަގާޓެންއެއްގެ ގޮތުގަ އެވެ.

ޕޮލެންޑްގައި އެންމެ ފުން ޕޫލް ހުޅުވުމުގެ ކުރިން އެ ރެކޯޑް ކުރިން އޮތީ އިޓަލީގެ ވެނިސްގެ ކައިރީގައި އޮންނަ މިލެޕީނީގައި ހުންނަ ހޮޓާ "ވައި-40 ޑީޕް ޖޯއި" އަށެވެ. އެތަނުގެ ފުންމިނަކީ 42 މީޓަރެވެ.

އިނގިރޭސިވިލާތުން ވެސް މިހާރު އަންނަނީ އެންމެ ފުލް ޕޫލް ރެކޯޑް ހަދަން ތައްޔާރުވަމުންނެވެ. އެ ގައުމުގެ ކޮލްޗެސްޓާގައި މިހާރު ހެދުމުގެ މަސައްކަތް ކުރިއަށްދާ "ބްލޫ އެބީސް" ގެ ފުންމިނުގައި 50 މީޓަރު ހުންނާނެ އެވެ. ކުރިން 2022 ގައި އެތަން ހުޅުވަން ޕްލޭންކުރި ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާ ހެދި މަސައްކަތްތައް އައި މަޑުޖެހުންތަކާ އެކު މިހާރު ތާވަލުކޮށްފައި ވަނީ 2023 އަށެވެ.