Roadha Mihaaru
އެންމެ ބޮޑު އަދި ފުން ޕޫލް ޔޫކޭގައި ހަދަނީ

އެންމެ ބޮޑު އަދި އެންމެ ފުން ޕޫލް ޔޫކޭގައި ހަދަނީ

06 ޖޫން 2021

ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ފުން ސްވިމިން ޕޫލް އިނގިރޭސިވިލާތުގައި ހަދަން ނިންމައި އެކަމާ ގުޅޭ މަސައްކަތްތައް ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ފުން ސްވިމިން ޕޫލް އިނގިރޭސިވިލާތުގައި ހަދަން ނިންމައި އެކަމާ ގުޅޭ މަސައްކަތްތައް ފަށައިފި އެވެ.

އެ ގައުމުގެ އެސްޓްރޮނޯޓެއް ކަމަށްވާ ޓީމް ޕީކް ވެސް ބައިވެރިވާ ގޮތަށް ހަދަން ނިންމާފައިވާ ސްވިމިން ޕޫލްގެ ނަމަކީ އެ މަސައްކަތް ކުރިިއަށް ގެންދާ ކުންފުނީގެ ނަމާ ވެސް ގުޅުވައިގެން "ބްލޫ އެބީޒް" ޕޫލް އެވެ. ކޯންވޮލްގައި ހަދާ މި ޕޫލްގެ ދިގުމިނުގައި 164 ފޫޓް އަދި ފުޅާމިނުގައި 131 ފޫޓް ހުންނާނެ އެވެ. ޕޫލްގެ ބޮޑުމިން އެއަށް ވުރެ ތިލަކޮށް ސިފަކޮށްދެނީ އޮލިމްޕިކްގެ ސައިޒްގެ 17 ޕޫލްގެ ބޮޑުމިނުގަ އެވެ.

"ބްލޫ އެބީޒް" ގެ ފުންމިނަކީ 164 ފޫޓް (50 މީޓަރު) އެވެ. ޕޫލަށް 42 މިލިއަން ލީޓަރުގެ ފެން ބޭނުން ވާނެ އެވެ.

މި ޕޫލާ ބެހޭ ގޮތުން ބްލޫ އެބީޒް ކުންފުނީގެ ޗީފް އެގްޒެކެޓިވް ޖޯން ވިކާޒް ވިދާޅުވީ އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަދާ ޕޫލަކީ ތިމާވެއްޓާ ވަރަށް ރައްޓެހިކޮށް ގުދުރަތީ ވެށީގައި ފެތުމާއި ޑައިވިން ފަދަ ހަރަކާތްތައް ކުރިއަށް ގެންދާ އިރު ކުރެވޭ އިހުސާސްތައް ތަޖުރިބާކުރެވޭ ގޮތަށް ހަދާ ތަނެއް ކަމަށެވެ. އެގޮތުން އެންމެ ފަހުގެ އަންޑަވޯޓަ ޓެކްނޮލޮޖީއާ އެކު ސަބްސީ ރޮބޮޓިކްސް އާއި މިނީ ސަބްމާސިބަލް ބޭނުންކުރެވޭނެ އެވެ.

ޖޯން ވިދާޅުވި ގޮތުގައި "ބްލޫ އެބީޒް" ޕޫލް އަކީ އެއްގޮތަކަށް ވެސް އާދައިގެ ޕޫލަކަށް ނުވާނެ އެވެ.

"މިއީ އެއޮރޮސްޕޭސް އާއި އޮފްޝޯ އެނަޖީ އާއި އަންޑަވޯޓަ ރޮބޮޓިކްސް އާއި ހިއުމަން ސައިކޮލޮޖީ އާއި ޑިފެންސް ލެޝާ އާއި މެރައިން އިންޑަސްޓްރީ އާއި އެޑިއުކޭޝަންގެ ދާއިރާ އަށް ލިބޭނެ ވަރަށް ރިސާޗް އެސެޓަކަށް ވާނެ." އޭނާ ވިދާޅުވި އެވެ.

ޖައްވީ ސްޓޭޝަން އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އެންމެ ފުރަތަމަ ދިޔަ އިނގިރޭސި އެސްޓްރޮނޯޓްގެ ޝަރަފު 2015 ގައި ހޯދި ޓިމް ވިދާޅުވީ "ބްލޫ އެބީޒް" ގައި ހިއްސާވެވޭތީ އޭނާ ވަރަށް ފަހުރުވެރިވާ ކަމަށެވެ.

"މިއީ އެތައް ގޮތަކުން އެތައް ދިރާސާތަކަކަށް ވެސް މަގުފަހިވެގެންދާނެ ޕްރޮޖެކްޓެއް. މިއީ އިންސާނުންގެ ކުޅަދާނަ ކަމަށާއި ޓެކްނޮލޮޖީގެ ވަރުގަދަކަން ވެސް ފެނިގެން ދާނެ މަސައްކަތެއް،" ޓިމް ވިދާޅުވި އެވެ.

"ބްލޫ އެބީޒް" ނިންމަން ކަނޑައަޅާފައި އޮތީ 2023 ގަ އެވެ. މިއަށް ހަރަދުކުރަން ހަމަޖެހިފައި ވަނީ 150 މިލިއަން ޕައުންޑް (212.4 މިލިއަން ޑޮލަރު) އެވެ.

ޕޫލް ޑިޒައިންކުރީ މަޝްހޫރު އިނގިރޭސި އާކިޓެކްޓް ރޮބިން ޕާޓިންޓަނެވެ. އޭނާ އަކީ ލަންޑަންގައި ވިޔަފާރި އަށް ހާއްސަ އުސް އިމާރާތް "ގާކިން" ޑިޒައިން ޓިމްގެ ގައި އެންމެ އިސްކޮށް މަސައްކަތްކުރި އެކެކެވެ.

މި ވަގުތު ދުނިޔޭގައި އޮތް އެންމެ ފުން ޕޫލަކީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި ޕޮލެންޑްގައި ހުޅުވި ފުން މިނުގައި 45 މީޓަރު (148 ފޫޓު) ހުންނަ "ޑީޕް ސްޕޮޓް" އެވެ.