ރާއްޖޭގައި މިހާތަނަށް ހެދި އެންމެ ފުން ޕޫލް ފުވައްމުލަކުގައި ހަދައި، އެތަން ހުޅުވަން ތައްޔާރުވެއްޖެ އެވެ.
14 ފެބުރުއަރީ 2021
ރާއްޖޭގައި މިހާތަނަށް ހެދި އެންމެ ފުން ޕޫލް ފުވައްމުލަކުގައި ހަދައި، އެތަން ހުޅުވަން ތައްޔާރުވެއްޖެ އެވެ.
ޕޫލް ހަދާފައިވާ ޑައިވްކްލަބް އޮލިގެ ހިންގާ އެކްސްޓްރީމް މޯލްޑިވްސްގެ ފަރާތުން "މިހާރު" އާ ވާހަކަދެއްކި އެތަނުގެ ބިޒްނަސް މެނޭޖަރު ޒަފަރު އަލީ މިއަދު ވިދާޅުވީ އެ ކުންފުނިން ހެދި ޕޫލުގެ މައިގަނޑު ބޭނުމަކީ ޑައިވް ޑެސްޓިނޭޝަނެއްގެ ގޮތުގައި މަޝްހޫރު ވަމުން އަންނަ ފުވައްމުލަކުގައި ޑައިވަރުން ތަމްރީނު ކުރުން ކަމަށެވެ. ނަމަވެސް ފެތުމަށާއި ފަރުވާއެއްގެ ގޮތުގައި މޫދު ކަސްރަތުކުރަންޖެހޭ، އުމުރުން ދުވަސްވީ މީހުންނަށް ބޭނުންކުރެވޭނެ ބައެއް ވެސް އެ ޕޫލްގައި ހަދާފައިވެ އެވެ.
އެކްސްޓްރީމް މޯލްޑިވްސް އަކީ ޝެރަޓަން މޯލްޑިވްސް އާއި އެހެން ބައެއް ތަންތަނުގައި ވެސް ޑައިވް ކްލަބް ހިންގާ ބައެކެވެ.
"ޕޫލް މިއޮންނަނީ ދެބަޔަކަށް. އެއީ ޝެލޯ [ތިލަ] ބަޔަކާއި ޑީޕް [ފުން] ބައެއް. ޑީޕް ބައި މީ ޑައިވިނުގައި ބައެއް ސްކިލްތައް ހަދަން ތަންކޮޅެއް ފުނަށް ދާން ޖެހޭ ބަޔަށް. އެބައިގައި މިހުންނަނީ 4.6 މީޓަރު. ޝެލޯކޮށް މިއޮންނަ ބައިގައި މި އޮންނީ 1.2 މީޓަރު،" ސިލްވަލޭކް ކިޔާ ކުންފުންޏަކުން ޑިޒައިންކޮށް ހެދި ޕޫލާ ބެހޭ ގޮތުން ޒަފަރު ވިދާޅުވި އެވެ.
ފުވައްމުލަކު ޑައިވްކްލަބް އޮލިގޭގައި ހަދާފައިވާ ޕޫލްގައި ބަޔަކު ޑައިވްކުރަނީ. މިއީ ރާއްޖޭގެ އެންމެ ފުން ޕޫލް. ފޮޓޯ: ޑައިވްކްލަބް އޮލިގެ
ޒަފަރު ވިދާޅުވީ ގޮތުގައި ކޮވިޑް ކޭސްތަކެއް ފެނި ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ހެދި މަސައްކަތް މަޑުޖައްސާލަން ޖެހުނީ ޕޫލް ހުޅުވަން ތައްޔާރުވެފައި ވަނިކޮށެވެ. އޭނާ ވިދާޅުވީ އޭރު ދިޔައީ ޕޫލަށް ފެން އަޅައި، އެޑްވަޓައިޒިން މެޓީރިއަލް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.
ފުވައްމުލަކު ފުނާޑުއަވަށުގައި ހުންނަ ޑައިވްކްލަބް އޮލިގޭގައި ހަދާފައިވާ އެ ޕޫލުގައި ތަމްރީނުވާން މިހާރު ވެސް ބައެއް ބުކިންތައް ހަަދާފައިވާ ކަަމަށް ޒަަފަރު ބުންޏެވެ. އެހެންވެ އޮލިގެ ޑައިވް ކްލަބަށް ޕޫލާ އެކު ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އެކްސްޓްރީމް މޯލްޑިވްސް އިން އުއްމީދުކުރެ އެވެ.
ފުވައްމުލަކު ޑައިވްކްލަބް އޮލިގޭގައި ހަދާފައިވާ ޕޫލް. މިއީ ރާއްޖޭގެ އެންމެ ފުން ޕޫލް. ފޮޓޯ: ޑައިވްކްލަބް އޮލިގެ
ފުވައްމުލަކަކީ ވަށައިގެން ބޮޑެތި ރާޅު ނަގާ، އެ ރާޅުތަކުގެ ތެރެއަށް މޫދަށް އެރި އުޅުމުގެ ތެރޭގައި ނުރައްކާތެރި އެތައް ހާދިސާއެއް ހިނގާފައިވާ ރަށެކެވެ. އެހެންވެ، ޑައިވަރުން ތަމްރީނުކުރުމާއި މޫދުގައި ކުރަންޖެހޭ އެ ނޫން ގިނަ ކަންތައް ދަސްކުރަން ވެސް ޕޫލެއްގެ މުހިއްމުކަން ވަރަށް ބޮޑެވެ. އެކްސްޓްރީމް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ފާޟިލް އަބްދުﷲ ވަނީ ޕަބްލިކް ޕޫލެއް އެޅުމުގެ ކޮންސެޕްޓެެއް ސަރުކާރާ ވެސް ހިއްސާކޮށްފަ އެވެ. އެކަން ހަގީގަތަކަށް ނުވުމުން ކޮމާޝަލް އިންވެސްޓްމެންޓެއްގެ ގޮތުގައި ޕޫލެއް ހަދަން ނިންމީ އެވެ.
"މީގެ މީގެ އަށެއްކަ އަހަރު ކުރިން ފެށިގެން މި ކުންފުނިން ވިސްނަމުން އައި ކަމެއް. މިހާރު މިކަން ހަގީގަތަކަށް މި ވީ،" ފާޟިލްގެ ޕާސަނަލް އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރާ ޒަފަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފުވައްމުލަކުގައި ލޯކަލް ޓޫރިޒަމްގެ މަސައްކަތް ކުރާ ވިޔަފާރިވެރިން ކުރި މަސައްކަތުން، އެރަށް މިހާރު ވަނީ ޑައިވް ޑެސްޓިނޭޝަނެއްގެ ގޮތުގައި މަޝްހޫރުވާން ފަށައިފަ އެވެ. އެއީ ރާއްޖޭން މިހާރު މަދުން ފެންނަ ބާވަތެއް ކަމަށްވާ ފެމުނު މިޔަރު ފަދަ ބާވަތްތައް ފުވައްމުލަކު ބޭރުން ފެންނާތީ އެވެ. އެހެންވެ ޕޫލް އެޅުމުގެ މައިގަނޑު މަގުސަދަކީ ދަސްކޮށްލައިގެން ފުވައްމުލަކު ބޭރަށް ފީނާލަން ބޭނުންވާ ޓޫރިސްޓުންނަށް އެ ފުރުސަތު ފަހިކޮށްދިނުމާ އެކު ލޯކަލް ޓޫރިޒަމް ކުރިއެރުވުމެވެ.
ޑައިވް ކްލަބް އޮލިގެ އިން އުއްމީދުކުރަނީ ކޮވިޑްގެ ބަލިމަޑުކަން ކޮންޓްރޯލްވުމަށް ފަހު، ޑައިވްކުރަން ދަސްކުރަން ގިނަ ބަޔަކު އަންނާނެ ކަމަށެވެ.
ބެސްޓް ޝާކް ޑައިވިން ޑެސްޓިނޭޝަން އެވޯޑު ފުވައްމުލަކަށް
އައްޑޫ ޓޫރިޒަމް ޕްރޮމޯޓްކުރާނީ ހުވަދޫ-ފުވައްމުލަކާއެކު
45 މީޓަރު: އެންމެ ފުން ޕޫލް ޕޮލެންޑުގައި
ގެސްޓްހައުސް އެޅިއަސް އާއްމުންނަށް ތުނޑި ބޭނުންކުރެވޭނެ
ޑައިވިން ގަވާއިދަށް އިސްލާހު ގެންނާނަން: ފައިސަލް
ގެއްލުނު ޑައިވަރު ސައީދުގެ އަގުވަޒަންކޮށް އެވޯޑެއް
ފުވައްމުލަކުގައި ޑައިވިންއަށް ދިޔަ ޓޫރިސްޓަކު މަރުވެއްޖެ
ސްވިމިންގެ ބަޖެޓުން 34 މިލިއަން ޕޫލް ޕްރޮޖެކްޓަށް
ގިނަ ރެކޯޑްތަކެއް، މީކުރިން ވާސިލު ނުވެވުނު ރާސްތާއެއް
ޓޫރިޒަމަށް ގޮއިދޫން 275،000 އަކަފޫޓުގެ ބިން ދެނީ