Roadha Mihaaru
ދެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ޖޭއެސްސީން ބަލަނީ

ދެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ޖޭއެސްސީން ބަލަނީ

03 ޑިސެމްބަރ 2020

ދެ ފަނޑިޔާރެއްގެ މައްޗަށް ތުހުމަތު ކުރެވޭ ސުލޫކީ މައްސަލަތަކެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދެ ފަނޑިޔާރެއްގެ މައްޗަށް ތުހުމަތު ކުރެވޭ ސުލޫކީ މައްސަލަތަކެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ ތަނުން ތަހުގީގު ކުރަން ނިންމީ ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައެއް ބެލުމުގައި ގއ. ޖުޑީޝަލް ދާއިރާ ހިންގުމާ ހަވާލުވެ ހުންނެވި އިބްރާހިމް އިހްސާން ގާނޫނާ ޚިލާފަށް އަމަލުކުރި ކަމަށް ބުނާ މައްސަލައަކާއި ސިވިިލް ކޯޓުގައި ހިނގަމުންދިޔަ މައްސަލައެއްގައި އެ ކޯޓުގެ ގާޒީ އަލީ އަބްދުﷲ ވަގުތީ އަމުރަކާ މެދު ގޮތެއް ނުނިންމައި، އެކަށީގެންވާ މިންވަރަށް ވުރެ ލަސްކުރި ކަމަށް ބުނާ މައްސަލައެއް ކަމަށެވެ.

އެ ދެ މައްސަލަ ބެލުމަށް ޖޭއެސްސީގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ނިންމައި، ތަހުގީގު ކޮމިޓީ އެކުލަވާލާފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

ޖޭއެސްސީން މިހާރު ވެސް ދަނީ ގިނަ ފަނޑިޔާރުންތަކެއްގެ މައްޗަށް ތުހުމަތު ކުރާ ސުލޫކީ މައްސަލަތަކެއް ބަލަމުންނެވެ. އޭގެ ތެރެއިން ބައެއް މައްސަލަތައް ސާބިތުވެ، ބައެއް ފަނޑިޔާރުން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ވެސް ކުރިން ފޮނުވި އެވެ. އެކަމަކު އެ ބޭފުޅުން ވަކިކުރަން މަޖިލީހުން ނިންމުމުގެ ކުރިން އޭގެ ތެރެއިން ގިނަ ބޭފުޅުން ވަނީ އަމިއްލަ އަށް އިސްތިއުފާ ދެއްވައިފަ އެވެ.