Roadha Mihaaru
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކޮށްފި

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަނެއްކާވެސް އިތުރުކޮށްފި

05 ޑިސެމްބަރ 2020

ކޮވިޑް-19 ފެތުރޭތީ ރާއްޖޭގައި މިދިޔަ މާޗް މަހު އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހާ ހަމައަށް ދަމަހައްޓަން މިރޭ ނިންމައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 ފެތުރޭތީ ރާއްޖޭގައި މިދިޔަ މާޗް މަހު އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހާ ހަމައަށް ދަމަހައްޓަން މިރޭ ނިންމައިފި އެވެ.

ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ސޮއިކުރައްވައި މިރޭ ނެރުނު ގަރާރުގައިވާ ގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދަމަހައްޓަން ނިންމެވީ ރާއްޖޭގައިި ފުޅާ ދާއިރާއެއްގައި ކޮވިޑް ފެތުރުމުގެ ފުރުސަތު އަދިވެސް އޮތީމަ އެވެ. އެހެންވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިނިސްޓަރަށް ލަދާ ދެއްވާފައިވާ ކަމަށް ވެސް އެ ގަރާރުގައި ބުންޏެވެ.

އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުން ލިބިފައިވާ ބާރުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރީ މާލެއިން ކޮވިޑް ކޭސްތަކެއް ފެނުމުން، މާޗު 12 އިން ފެށިގެން 30 ދުވަހަށެވެ. އޭގެ ފަހުން އެ މުއްދަތު އިތުރުކުރި މިއީ ނުވަ ވަނަ ފަހަރެވެ.

ކުއްލި ނުރައްކަލުގެ ހާލަތު ދަމަހައްޓަން އެންމެ ފަހުން ނެރުނު ގަރާރުގެ މުއްދަތު ހަމަވާނީ މިރޭ 12:00 އަށެވެ.

ކޮވިޑް ފެތުރޭތީ ފުރަތަމަ އެޅި ފިޔަވަޅުތަކުގެ ތެރޭގައި މާލެ ސަރަހައްދުގައި ގެއިން ބޭރަށް ނުކުމެ އުޅުން މަނާކުރުމާއި މާލެއިން އެހެން ރަށްރަށަށް އަދި އެހެން ރަށްރަށުން މާލެއަށް ދަތުރުކުރުން މަނާކުުރުން ހިމެނެ އެވެ. އޭރު އެޅި ހަރުކަށި ފިޔަވަޅުތައް މިދިޔަ ޖުލައި މަހު ލުއިކުރުމާ އެކު ރާއްޖޭގައި ހަލުވިކަމާ އެކު ބަލި ފެތުރެން ފެށިއެވެ. އެގޮތުން ރާއްްޖޭގައި މިހާތަނަށް އެއް މަހެއްގައި އެންމެ ގިނަ ބަޔަކަށް އެބަލި ޖެހުނީ އޮގަސްޓް މަހު އެވެ.

އެހެންވެ ފިޔަވަޅުތައް ހަރުކަށިކޮށް، ކޭސްތަކުގެ އަދަދު މަދުވުމުން މިހާރު ވަނީ ލުއިތަކެއް ދީފަ އެވެ.

ހެލްްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާއްމުކުރި މައުލޫމާތުން އެނގޭ ގޮތުގައި މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭން ކޮވިޑަށް ޕޮޒިޓިވްވީ 16 މީހެކެވެ. އެއީ މާލެއިން ނުވަ މީހަކާއި އެހެން ރަށްރަށުން ފަހެއް އަދި ރިސޯޓްތަކުން ދެ މީހުންނެވެ.

މިހާތަނަށް ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ ޖުމްލައަކީ 13,159 އެކެވެ. އެ ބަލީގައި މަރުވި މީހުންގެ އަދަދަކީ 47 އެެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 848 އެވެ.