Roadha Mihaaru
ފުރަތަމަ ދުވަހު ވެކްސިން ދިނީ 282 މީހުންނަށް

ފުރަތަމަ ދުވަހު ވެކްސިން ދިނީ 282 މީހުންނަށް

01 ފެބުރުއަރީ 2021

ކޮވިޑް-19 އިން ދިފާއުވުމަށް ރާއްޖޭގައި ވެކްސިން ދޭން ފެށި ފުރަތަމަ ދުވަހު 282 މީހަކަށް ވެކްސިން ދީފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 އިން ދިފާއުވުމަށް ރާއްޖޭގައި ވެކްސިން ދޭން ފެށި ފުރަތަމަ ދުވަހު 282 މީހަކަށް ވެކްސިން ދީފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ވެކްސިން ދިނުން މިއަދު ކުރިއަށް ގެންދިޔައީ ޖުމްލަ އަށް މަރުކަޒެއްގައި ކަމަށާއި އެއީ މާލޭގެ ހަ މަރުކަޒަކާއި އަތޮޅުތަކުގައިވާ ދެ މަރުކަޒެއްގައި ކަމަށެވެ.

ރާއްޖޭގައި މިއަދު ދޭން ފެށީ އިނގިރޭސިވިލާތުގެ އޮކްސްފޯޑާއި އެސްޓްރަޒެނެކާ ކުންފުނީގެ އިންޑިއާ ވާޝަން "ކޮވިޝީލްޑް" ވެކްސިން އެވެ. އެ ވެކްސިންގެ އެއް ލައްކަ ޑޯޒް ރާޒް ރާއްޖެއަށް ހަދިޔާކުރީ އިންޑިއާއިންނެވެ. އެސްޓްރަޒެނެކާގެ ވެކްސިން ގިނަ ގައުމުތަކެއްގައި އުފައްދާ އިރު ރާއްޖެއަށް ގެނައީ އިންޑިއާގެ ސީރަމް އިންސްޓްޓިއުޓްގެ ޕްލާންޓުގައި އުފެއްދި ވެކްސިނެވެ.

ރާއްޖޭގައި ކޮވިޑުން ދިފާއުވުމަށް ވެކްސިން ދޭން ފެށުމުގެ ގޮތުން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރއްޔިތުންގެ މަޖިލީހުގެ ރަައީސް މުހައްމަދު ނަޝީދު އަދި އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނު ވެކްސިން ޖެއްސެވި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކުރިން ބުނެފައިވާ ގޮތުގައި ރާއްޖެއަށް މިހާރު ލިބިފައިވާ ވެކްސިން އެންމެ ފުރަތަމަ ދޭނީ ސިއްހީ ހިދުމަތްތެރިންނަށެވެ.

އިންޑިއާ އިން ރާއްޖެ އަށް ވެކްސިން ހަދިޔާކުރީ 50،000 މީހުންނަށް ޖެހޭ ވަރަށެވެ. މީގެ އިތުރުން ޑަބްލިއުއެޗްއޯ އިން ރާއްޖެ އަށް ދޭ ވެކްސިނާއި ސަރުކާރުން ގަންނަ 700،000 ޑޯޒު ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް މިއަދު ވިދާޅުވި އެވެ.

ސަރުކާރުގެ އަމާޒަކީ ވީހާވެސް އަވަހަކަށް ވެކްސިން ޕްރޮގްރާމް ނިންމުމެވެ. އުއްމީދަކީ ކުރިއަށް އޮތް ހަ މަހުގެ ތެރޭގައި ރާއްޖެ އަށް މި ބަލިން އަރައިގަނެވި އާއްމު ހާލަތަށް ރުޖޫއަވުން ކަމަށް ރައީސް މިއަދު ވިދާޅުވި އެވެ.