Roadha Mihaaru
ޝަހީބް ބަންދުކުރި މައްސަލާގެ އަޑުއެހުންތައް ނިންމާލައިފި

ޝަހީބުގެ ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލާގެ އިސްތިއުނާފް އަޑުއެހުންތައް ނިންމާލައިފި

06 ޑިސެމްބަރ 2020

ރާއްޖެ އެތެރެކުރި 130 ކިލޯގެ ޑްރަގް މައްސަލައިގައި ހައްޔަރުކުރި ޝަހީބް އިބްރާހިމްގެ ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިންމާލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖެ އެތެރެކުރި 130 ކިލޯގެ ޑްރަގް މައްސަލައިގައި ހައްޔަރުކުރި ޝަހީބް އިބްރާހިމްގެ ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިންމާލައިފި އެވެ.

ކަންނެލި ދޯންޏެއްގައި މިދިޔަ އޮޮކްޓޫބަރު މަހު ރާއްޖެ އެތެރެކުރި 130 ކިލޯގެ ޑްރަގް މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ޝަހީބް ބަންދުގައި ބެހެއްޓުމަށް ފަހު ޝަރުތުތަކާ އެކު ކްރިމިނަލް ކޯޓުން ވަނީ އޭނާ ބަންދުން ދޫކޮށްލައިފަ އެވެ. އެކަމަކު އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިދިޔަ މަހު ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފަ އެވެ.

އެ މައްސަލަ ޝަހީބްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ މައްސަލައިގެ އަޑުއެހުމެއް މިއަދު ބޭއްވުމަށް ފަހު އަޑުއެހުންތައް އެއްކޮށް ވަނީ ނިންމާލައިފަ އެވެ. އެހެންވެ، އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުމެވެ. މިއަދުގެ އަޑުއެހުން ކުރިއަށް ގެންދިިޔައީ ސިއްރު ކޮށްގެންނެވެ. އެނގިފައިވާ ގޮތުގައި އެގޮތަށް ކުރިއަށް ގެންދިޔައީ ދައުލަތުން އެދިގެންނެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުން ބައްލަވަނީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.

ޑިސެމްބަރު މަސް ފެށުމާ އެކު، ކޯޓުތަކުގެ ގާނޫނުގައިވާ ގޮތުގެ މަތިން ސުޕްރީމް ކޯޓު މިހާރު އޮތީ ރިސެސްގަ އެވެ. ރިސެސް މުއްދަތުގައި އާންމު އުސޫލުން ޝަރީއަތްތައް ކުރިއަށް ނުގެންދިިޔަޔަސް، ޖިނާއީ އިޖްރައާތުގެ ގާނޫނު މިހާރު އޮންނަ ގޮތުން ކޯޓު އަމުރުތަކުގެ މައްސަލަތައް އިސްތިއުނާފް ކުރާތާ ހަތް ދުވަސް ތެރޭގައި އެ މައްސަލައެއް ނިންމަން ޖެހޭނެ އެވެ.