Roadha Mihaaru
އިދިކޮޅު އިއްތިހާދަކީ ސައިބޯނި ބޮއްކެއް: އުމަރު

އިދިކޮޅު އިއްތިހާދަކީ ސައިބޯނި ބޮއްކެއް، ބިރެއް ނޫން: އުމަރު

02 ޖޫން 2016

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް، އިދިކޮޅު ފަރާތްތައް ގުޅިގެން އިއްޔެ އުފެއްދި އިއްތިހާދަކީ "ސައިބޯނި ބޮއްކެއް" ކަމަށާއި އެއީ ސަރުކާރަށް ބިރެއް އަދި ޕްރެޝަރެއް ނޫން ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް، އިދިކޮޅު ފަރާތްތައް ގުޅިގެން އިއްޔެ އުފެއްދި އިއްތިހާދަކީ "ސައިބޯނި ބޮއްކެއް" ކަމަށާއި އެއީ ސަރުކާރަށް ބިރެއް އަދި ޕްރެޝަރެއް ނޫން ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަންގެ ނަމުގައި ލަންޑަންގައި އުފެއްދި އިދިކޮޅު އިއްތިހާދާ ގުޅޭ ގޮތުން "މިހާރު"އާ ވާހަކަ ދައްކަވަމުން އުމަރު އިއްޔެ ވިދާޅުވީ އެ ހަރަކާތުގައި އިސްވެ ހަރަކާތްތެރިވެވަޑައިގަންނަވާ އެންމެ މަގުބޫލު ބޭފުޅަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ވާ އިރު، އިއްތިހާދު ލީޑް ކުރަން ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލާ ހަވާލު ކުރެއްވުމުން ސުވާލު އުފެދޭ ކަމަށެވެ.

އުމަރު ދެކެވަޑައިގަންނަވާ ގޮތުގައި އިދިކޮޅު ކޯލިޝަން ލީޑް ކުރުން، ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޖަމީލާ ހަވާލުކުރެއްވިޔަސް، އިންތިހާބަކާ ހަމަ އަށް ދާއިރު މަންޒަރު މުޅިން ބަދަލުވެ ރައީސް ކަމަށް ކުރިމަތިލައްވާނީ ނަޝީދެވެ.

ނައިބު ރައީސް ކަމުގެ ހުވާ މުހައްމަދު ޖަމީލް ނޮވެމްބަރު 17، 2013ގައި ކުރައްވަނީ: އިދިކޮޅު އިއްތިހާދު ލީޑް ކުރައްވަނީ ޖަމީލް.---ފައިލް ފޮޓޯ: ރައީސް އޮފީސް

ނައިބު ރައީސް ކަމުގެ ހުވާ މުހައްމަދު ޖަމީލް ނޮވެމްބަރު 17، 2013ގައި ކުރައްވަނީ: އިދިކޮޅު އިއްތިހާދު ލީޑް ކުރައްވަނީ ޖަމީލް.---ފައިލް ފޮޓޯ: ރައީސް އޮފީސް

"އެކަމަކު ޖަމީލަކީ ވެސް ވަރަށް ސްމާޓް ބޭފުޅެއް. ޖަމީލު ވެސް ސިޔާސީ ގޮތުން ކުޅުއްވާނެ. އެކަން ހަނދާން ކުރަން ޖެހޭނެ،" އުމަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެނގޭ މިކަހަލަ އިއްތިހާދުތައް މަސައްކަތް ކުރާނެ ގޮތް. މި އިއްތިހާދުގައި ވެސް ގިނަ އިން އެ ތިއްބެވީ ސިޔާސީ ވާދަވެރިން. އެހެންވީމާ އިއްތިހާދު ކާމިޔާބުކަމާ އެކު ކުރި އަށް ގެންދިއުމަކީ ފަސޭހަ ކަމަކަށް ނުވާނެ. އެހެންވީމާ އަޅުގަނޑުމެން ބިރުގަންނަން ޖެހޭ އެއްވެސް ކަމެއް ނެތް."

ރައީސް ޔާމީން މަގާމުން ދުރުކޮށް 2018ގެ ކުރިން ރިއާސީ އިންތިހާބެއް ބޭއްވުމަކީ ޔުނައިޓެޑް އޮޕޮޒިޝަންގެ އެންމެ މުހިންމު މަގުސަދު ކަމަށް ވާ އިރު އެކަން ކާމިޔާބުވާނެ ކަމަކަށް ވެސް އުމަރު ދެކެވަޑައެއް ނުގަންނަވަ އެވެ.

އިދިކޮޅު އިއްތިހާދުން ލަންޑަންގައި އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -- ޓްވިޓާ ފޮޓޯ: މޫސާ އަންވަރު

އިދިކޮޅު އިއްތިހާދުން ލަންޑަންގައި އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -- ޓްވިޓާ ފޮޓޯ: މޫސާ އަންވަރު

އިދިކޮޅު އިއްތިހާދުގައި ޖަމީލް އިސްވެ ހަރަކާތްތެރިވާ އިރު، ރައީސް ޔާމީން ވެރިކަމުން ދުރުކުރެވިއްޖެ ނަމަ، އެ އިއްތިހާދުން ނުކުންނަވާނެ ކެންޑިޑޭޓަކު އަދި ނުނިންމަ އެވެ.

ޔުނައިޓެޑް އޮޕޮޒިޝަންގައި ތިން އެޑްވައިޒަރުންނާއި 19 ހިޔަނި ވަޒީރުން ތިއްބަވަ އެވެ. އެޑްވައިޒަރުންގެ ގޮތުގައި ތިއްބެވީ ނަޝީދުގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެވެ. އެއީ މުޅިން ވެސް ޖަލު ހުކުމްގައި ތިއްބެވި ބޭފުޅުންނެވެ.