Roadha Mihaaru
"ރިލްވާންގެ މައްސަލާގައި ރައީސް މެސެޖެއް ނުކުރައްވާ"

ރިލްވާންގެ މައްސަލާގައި ރައީސް މެސެޖެއް ނުކުރައްވާ: އުމަރު

07 ސެޕްޓެމްބަރ 2016

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނެގި މައްސަލައިގެ ތަހުގީގުގައި "އެހާ ވަރަށް އުޅުމުގެ ބޭނުމެއް ނެތް" ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން އޭނާ އަށް އެއްވެސް މެސެޖެއް ނުކުރައްވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނެގި މައްސަލައިގެ ތަހުގީގުގައި "އެހާ ވަރަށް އުޅުމުގެ ބޭނުމެއް ނެތް" ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން އޭނާ އަށް އެއްވެސް މެސެޖެއް ނުކުރައްވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ އެގޮތަށް ވިދާޅުވީ ރައީސް ޔާމީން އެގޮތަށް ލިއުއްވި މެސެޖެއް އުމަރަށް ފޮނުއްވި ކަމަށް، މިއަދު އާންމުކުރި އަލް ޖަޒީރާގެ ޑޮކިއުމެންޓްރީގައި ބުނުމުންނެވެ. އުމަރުގެ އިތުރުން ރައީސް އޮފީހުން ވެސް ވަނީ އަލް ޖަޒީރާގެ ތުހުމަތު ދޮގުކޮށްފަ އެވެ.

ދިވެހި ސަރުކާރުން ހިންގާ ކަމަށް ތުހުމަތުކުރާ ކޮރަޕްޝަންތަކާއި ޖަރީމާތަކާ ބެހޭ ގޮތުން އަލް ޖަޒީރާ އިން ތައްޔާރުކުރި ޑޮކިއުމެންޓްރީގައި ބުނެފައިވާ ގޮތުގައި ރައީސް ޔާމީން އެންގެވި ގޮތަށް އަމަލުކުރައްވަން އުމަރު އެއްބަސްވެވަޑައިގެންނެވި އެވެ.

ރިލްވާން ގެއްލުވާލީ ސަރުކާރުން ކަމަށާއި އޭގެ ސަބަބަކީ ރަށެއް ކުއްޔަށް ދޫކޮށްގެން ހިންގި ކޮރަޕްޝަން މައްސަލައެއް ފަޅާއަރުވާލަން، މޯލްޑިވްސް އިންޑިޕެންޑެންޓްގެ ނޫސްވެރިޔާ އުޅުން ކަމަށް ޑޮކިއުމެންޓްރީގައި ބުނެ އެވެ.

ރައީސް ޔާމީން އުމަރަށް ކުރެއްވި މެސެޖް ކަމަށް ބުނެ އަލް ޖަޒީރާ އިން އާއްމުކުރި މެސެޖެއް

ރައީސް ޔާމީން އުމަރަށް ކުރެއްވި މެސެޖް ކަމަށް ބުނެ އަލް ޖަޒީރާ އިން އާއްމުކުރި މެސެޖެއް

ސަރުކާރުގެ އިންޓަނޭޝަނަލް ސްޕޯކްސްޕާސަން އިބްރާހިމް ހުސެއިން ޝިހާބު ވިދާޅުވީ ރިލްވާންގެ މައްސަލައިގެ ތަހުގީގަށް ސަރުކާރުން އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށެވެ.

އުމަރު ވިދާޅުވި ގޮތުގައި ރިލްވާންގެ މައްސަލަ އަށް ނުފޫޒު ފޯރުއްވަން އެއްވެސް މެސެޖެއް ނުވަތަ އެހެން ގޮތަކުން ވެސް ރައީސް ޔާމީން އަންގަވާފައެއް ނުވެ އެވެ. ރައީސް ޔާމީނާއި އޭނާގެ ފޯނު އަލް ޖަޒީރާ އަށް ނުލިބި "ސައްހަ މެސެޖެއް ނުދެއްކޭނެ" ކަމަށާއި އެހެންކަމުން އަލް ޖަޒީރާ އިން ދެއްކި މެސެޖަކީ ދޮގެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ މީހުންނަށް ލިބިފައި އޮންނާނީ ހަމައެކަނި ބްރޯ [އަދީބު]ގެ ފޯނު. އަޅުގަނޑު ފޮނުވި މެސެޖެއް އަލް ޖަޒީރާއަކަށް ނުދެއްކޭނެ، 100 ޕަސެންޓް ޔަގީން،" އުމަރު ވިދާޅުވި އެވެ.

އަލް ޖަޒީރާގެ ޑޮކިއުމެންޓަރީގައި ބޭނުންކޮށްފައި ވަނީ އަދީބުގެ ފޯނުގައި ހުރި މެސެޖްތަކެކެވެ. ނަމަވެސް އަދީބުގެ ފޯނުގައި ރައީސް އާއި އުމަރުގެ މެސެޖު އޮތީ ކިހިނެއް، ކޮން ގޮތަކުން ލިބިގެން ކަމެއް އަލް ޖަޒީރާ އިން ބުނެފައެއް ނުވެ އެވެ.

މަރުގެ އިންޒާރުތަކަކަށް ފަހު، މިނިވަން ނޫހުގެ ނޫސްވެރިޔާ "ގެއްލުނީ" ހުޅުމާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމެންޓުންނެވެ. އެ ހާދިސާ އަށް ދެ އަހަރު ފުރިފައި ވާއިރު ތަހުގީގު ދަނީ ކޮޅެއްގައި ނުޖެހި އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މި އަހަރުގެ ކުރީކޮޅު ބުނެފައި ވަނީ ރިލްވާން ގެއްލުމުގެ ކުރިން ބަޔަކު އޭނާއަށް ފާރަލި ކަމަށެވެ. އަދި އޭނައަށް ބަޔަކު ފާރަލަމުން ދިޔަ ވީޑިއޯއެއް ފުލުހުން އާއްމު ވެސް ކުރި އެވެ.