Roadha Mihaaru
ޖަލުގައި ޒުވާނުން އުމުރު ހޭދަކުރާކަށް ނުޖެހޭ: އިމްރާން

ޖަލަކީ ޒުވާނުން އުމުރު ހޭދަކުރަން ޖެހޭ ތަނެއް ނޫން: އިމްރާން

09 ޑިސެމްބަރ 2020

ޖަލަކީ ދިވެހި ޒުވާނުން އުމުރު ދުވަސް ހޭދަުރަން ޖެހޭ ތަނެއް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ޖަލަކީ ދިވެހި ޒުވާނުން އުމުރު ދުވަސް ހޭދަުރަން ޖެހޭ ތަނެއް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ހުކުމް ތަންފީޒުކުރަމުންދާ ގައިދީން އަލުން އަނބުރާ މުޖުތަމަޢު އަށް ގެނައުމަށް އެމީހުންނަށް އެކި ކަހަލަ ފަންނުގެ ޓްރެއިނިން ޕްރޮގްރާމްތައް ސަރުކަރުން އަންނަނީ ހިންގަމުންނެވެ. އޭގެ ދަށުން މަސައްކަތްތެރިކަމުގެ ހުނަރު ދަސްކޮށްދީ ސެޓްފިކެޓް ދިނުމަށް މިއަދު ބޭއްވި ރަސްމިްޔާތަށް ފަހު އިމްރާން ކުރެއްވި ޓުވީޓުގައި ވިދާޅުވީ އެކި ސަބަބުތަކާ ހުރެ ގޯސް މަގުދާ މީހުންނަށް އަދި ހާއްސަކޮށް ޒުވާނުން އަލުން އަނބުރ މުޖުތަމައު އަށް ނުކުންނައިރު އަނެއްކާ ވެސް ކުށުގެ ވެއްޓަށް ނުގޮސް ޒިންމާދާރު ދިރިއުޅުމެއް ހޯދައިދިނުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ.

ގައިދީންނަށް ހާއްސަކޮށް ސަރުކާރުން ހިންގަމުން އަންނަ ޓްރެއިނިންގެ ތެރެއިން މިއަދު 50 މީހަކު ވަނީ ސެޓްފިކެޓް ހާސިލްކޮށްފަ އެވެ. އިމްރާން ގެ ޓުވީޓުގައި އެ 50 މީހުންނަށް މަރުހަބާ ކިޔާފައި ވެއެވެ.

ކަރެކްޝަންސް ސާވިސް އިން ބުނިގޮތުގައި ރިހެބިލިޓޭޝަން ޓްރެއިނިން އެއް ގޮތަށް އެކި ކޯސްތައް ކުރިއަށް ގެންގޮސްފައިވާއިރު އޭގައި 151 ގައިދީން ބައިވެރިވެ ކޯސް ފުރިހަމަކޮށްފައި ވެއެވެ. މިއަދު ސެޓްފިކެޓް ހަވާލުކުރި 50 ގައިދީންނަކީ އޭގެ ތެރެއިން މިހާރު ޖަލުގައި ތިބި މީހުން ކަމަށް ވެސް ބުންޏެވެ. މީގެ އިތުރަށް ހަޔާ ޑިސްޓިންކްޝަން ހާސިލްކުރި 18 އަންހެން ގައިދީންނަށާއި 20 ފިރިހެން ގައިދީންނަށް މެޑަލް ހަވާލުކޮށްފައި ވެއެވެ.

ދެ ހާސް ސޯޅަ ވަނަ އަހަރުން ފެށިގެން ހިންގަން ފަށާފައިވާ މި ޕްރޮގްރާމުގެ މަގްސަދަކީ ގައިދީން އިސްލާހުކޮށް، އެމީހުންނަށް ތައުލީމާއި ހުނަރު އުނގަންނައިދީ، މުޖްތަމައުއަށް ނުކުންނައިރު އެމީހުންނަކީ މުޖްތަމައު ބަލައިގަންނަ ފަދަ ހިދުމަތްތެރި، މަސައްކަތްތެރި މީހުންނަށް ހެދުން ކަމަށް ކަރެކްޝަނުން ބުންޏެވެ.

އެ ޕްރޮގްރާމުގައި ހަތަރު ފޭސް އެކުލެވިގެންވެ އެވެ. އެއީ ގައިދީންގެ ކިބާގައި ޑިސިޕްލިން ބިނާކުރުމާއި އެމީހުންނަށް ސައިކޮލޮޖީ ޕްރޮގްރާމްތައް ހިންގުމާ އެޑިއުކޭޝަން އަދި ވޮކޭޝަނަލް ދަސްކޮށްދިނުމުގެ އިތުރުން ޕްރިޒަން ކޮމިއުނިޓީ ސާވިސް އެވެ.