Roadha Mihaaru
ވާނުވާގައި ތިބޭ މީހުންގެ މައްސަލަ މަޖިލީހަށް

ވާނުވާ އާއި ޖަލުތަކުގެ ބޭސްފަރުވާގެ ކަންކަން ހައްލުކުރުމަށް ގޮވާލައި މަޖިލީހަށް މައްސަލައެއް

12 އޮކްޓޯބަރ 2021

ޝަރީއަތް ނިމެންދެން ވާނުވާގައި ބަންދުކޮށްފައި ތިބޭ ފަރާތްތަކުގެ މައްސަލަ އާއި، ޖަލުގައި ތިބޭ ފަރާތްތަކަށް އެކަށީގެންވާ ބޭސްފަރުވާގެ ހިދުމަތްތައް ނުލިބޭ ކަމަށް ބުނެ މިއަދު ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށަހަޅައިފި އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

ޝަރީއަތް ނިމެންދެން ވާނުވާގައި ބަންދުކޮށްފައި ތިބޭ ފަރާތްތަކުގެ މައްސަލަ އާއި، ޖަލުގައި ތިބޭ ފަރާތްތަކަށް އެކަށީގެންވާ ބޭސްފަރުވާގެ ހިދުމަތްތައް ނުލިބޭ ކަމަށް ބުނެ މިއަދު ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށަހަޅައިފި އެވެ.

އެ މައްސަލަ ހުށަހަޅަމުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވީ، ޝަރީއަތް ނިމެންދެން ވާނުވާ ނޭނގޭ ގޮތަށް ޖަލުތަކުގައި އެތައް އަހަރެއް ވަންދެން މީހުން ބަންދުގައި ބައިތިއްބާ ކަމަށެވެ.

އެ ފަރާތްތައް ހިމެނޭ ގޮތަށް ބަންދުކޮށްފައި ތިބި އެތައް ސަތޭކަ ފަރާތަކަށް ފޯރުކޮށްދޭންޖެހޭ ބޭސްފަރުވާގެ ހިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދެމުން ނުދާކަމަށް ވިދާޅުވި އެވެ.

ޝަރީއަތް ނިމެންދެން މާލޭ ޖަލުގައި ބަންދުކޮށްފައި ހުރި މ. މަލަސް، މާލެ، އިސްމާއީލް ޝަބީން، 46، މި މަހުގެ 6 ވަނަ ދުވަހު މަރުވި އިރު އޭނާގެ ބޭސްފަރުވާ ހޯދުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުގައި ސަލާންޖަހާފައި ހުރިކަން ލިޔެކިޔުންތަކުން ފެންނަން އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"މިކަމުން ދަލާލަތު ކޮށްދެނީ އަދިވެސް ޖަލުތަކުގައި ބޭސްފަރުވާގެ އިންތިޒާމުތައް އެންމެ ރަނގަަޅަށް ހަމަޖެހިފައި ނުވާކަން،" ސިރާޖު ވިދާޅުވި އެވެ.

މިވަގުތުވެސް ޖަލުތަކުގައި 370 އަށް ވުރެ ގިނަ ފަރާތްތައް ވާނުވާ ބަންދުގައި ތިބިކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީީ، އަދި އަދަށް ދާންދެންވެސް އެކަމަށް ދާއިމީ ހައްލެއް ލިބިފައި ނުވާ ކަމަށެވެ.

އެހެންވެ ވާނުވާގެ މައްސަލަ އާއި، ޖަލުތަކުގެ ބޭސްފަރުވާގެ ކަންކަން ރަނގަޅުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރުމަށް ގޮވާލައި މައްސަލަ ހުށަހަޅާ ކަމަށް ވިދާޅުވި އެވެ.

އެ މައްސަލަ އަށް ބަހުސްކުރުމަށް ނެގި ވޯޓުގައި ބައިވެރިވީ 47 މެންބަރުންގެ އިއްތިފާގުން އެ މައްސަލަ ވަނީ މަޖިލީހަށް ބަލައިގަނެފަ އެވެ.

މާލެ ޖަލުގައި ވާނުވާ ބަންދުގައި ހުއްޓައި ޝަބީން މަރުވި މައްސަލައިގައި ބޭސްފަރުވާ ނުދީ އިހުމާލުވެފައިވާ ކަމަށް އެނާގެ ވަކީލުން ބުނެ އެވެ. އެކަމަކު އެ ހާދިސާގައި ޖަލު ބަހަލަހައްޓާ މީހުންގެ އިހުމާލެއް ނެތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިއްޔެ މަޖިލީހުގައި ވިދާޅުވިި އެވެ.