Roadha Mihaaru
އާސެނަލަށް ސައްތަ އިން ސައްތަ ރެކޯޑެއް

ޔޫރޮޕާ ލީގު: އާސެނަލަށް ސައްތަ އިން ސައްތަ ރެކޯޑެއް

11 ޑިސެމްބަރ 2020

ލަންޑަން (ޑިސެމްބަރު 11) - ޔޫރޮޕާ ލީގުގައި ރޭ އަޔަލެންޑްގެ ޑަންޑޯކްގެ މައްޗަށް 4-2 އިން ކުރިހޯދައި ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗަކުން މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑަކާ އެކީ ގްރޫޕް ސްޓޭޖު ނިންމާލި ހަމައެކަނި ޓީމަކަށް އާސެނަލް ވެއްޖެ އެވެ.

ލަންޑަން (ޑިސެމްބަރު 11) - ޔޫރޮޕާ ލީގުގައި ރޭ އަޔަލެންޑްގެ ޑަންޑޯކްގެ މައްޗަށް 4-2 އިން ކުރިހޯދައި ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗަކުން މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑަކާ އެކީ ގްރޫޕް ސްޓޭޖު ނިންމާލި ހަމައެކަނި ޓީމަކަށް އާސެނަލް ވެއްޖެ އެވެ.

ގްރޫޕް ބީގެ އެއް ވަނައިގައި އާސެނަލް އޮތީ ކުޅުނު ހަ މެޗުން ވެސް މޮޅުވެ 18 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ނިންމާލީ ހަ މެޗުން 10 ޕޮއިންޓް ހޯދި ނޯވޭގެ މޯލްޑާ އެވެ. ތިން ވަނައިގައި އޮތް އޮސްޓްރިއާގެ ރެޕިޑް ވިއޭނާ އަށް ހަ މެޗުން ހަތް ޕޮއިންޓް ލިބުނުއިރު، ފުލުގައި ނިންމާލި ޑަންޑޯކަށް އެއްވެސް ޕޮއިންޓެއް ނުލިބެ އެވެ.

ޑަންޑޯކް ދަނޑުގައި އާސެނަލްގެ ގޯލުތައް ޖެހީ އެޑީ އެންކެޓިއޭ އާއި މުހައްމަދު އެލްނެނީ އާއި ޖޯ ވިލޮކް އަދި ޒުވާން ފޯވާޑް ފޮލަރިން ބަލޮގަން އެވެ. ޑަންޑޯކްގެ ދެ ގޯލު ޖެހީ ޔޯޑަން ފްލޮރެސް އަދި ސީން ހޮއޭރް އެވެ.

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ ޕްރިމިއާ ލީގުގައި ނަތީޖާތައް ދަށް ނަމަވެސް ޔޫރޮޕާ ލީގުގައި އޭނާގެ ޓީމުން ދައްކާ ކުޅުމުގެ ސަބަބުން ހިތްހަމަޖެހޭ ކަމަށެވެ. އޭނާ ބުނީ ދެން ފޯކަސް ކުރާނީ ޔޫރޮޕާ ލީގުގެ މި ރަނގަޅު ފޯމް ޕްރިމިއާ ލީގުގައި ދެމެހެއްޓުމަށް ކަމަށެވެ.

އަމިއްލަ ދަނޑުގައި ބެލްޖިއަމްގެ ރޯޔަލް އެންޓްވާޕް އަތުން 2-0 އިން މޮޅުވެ ހޯސޭ މޮރީނިއޯގެ ޓޮޓެންހަމް ހޮޓްސްޕާސް ވެސް ގްރޫޕް ސްޓޭޖު ނިންމާލީ އެއް ވަނައިގެ ގޮތުގަ އެވެ. އެއް ވަނައިގައި ނިންމާލި ޓޮޓެންހަމަށް 13 ޕޮއިންޓް ލިބުނުއިރު، ދެ ވަނަ އަށް ދިޔަ އެންޓްވާޕަށް ލިބުނީ 12 ޕޮއިންޓެވެ. ތިން ވަނަ އަށް ދިޔަ އޮސްޓްރިއާގެ ލާސްކް އަށް 10 ޕޮއިންޓް ލިބުނުއިރު، ބަލްގޭރިއާގެ ލުޑޮގޮރެޓްސް މުބާރާތް ނިންމާލީ ޕޮއިންޓެއް ނުލިބި އެވެ.

ބޮޑު ސްކޮޑެއް އޮތުމުން ހުރިހާ ކުޅުންތެރިންނަށް ހަމަހަމަ ފުރުސަތުތަކެއް މެޗުތަކުން ދީގެން ބޭނުންވާ ކަންތައްތައް ހާސިލްނުވާނެ ކަމަށް މޮރީނިއޯ ވަނީ ބުނެފަ އެވެ. ރޭގެ މެޗުގައި ޓޮޓެންހަމްގެ ގޯލުތައް ޖެހީ އާންމުގޮތެއްގައި އެ ޓީމުގެ ބެންޗުގައި ތިބޭ ދެ ކުޅުންތެރިން ކަމަށްވާ ކާލޮސް ވިނީޝިއުސް އާއި ޖިއޮވާނީ ލޮ ސެލްސޯ އެވެ.

ހާވީ ބާންސް އާއި ޗެންގިޒް އުންޑެއާގެ ގޯލުތަކާ އެކީ ލެސްޓާ ސިޓީން ވަނީ 2-0 އިން އޭއީކޭ އެތަންސް ބަލިކޮށްފަ އެވެ. ލެސްޓާ ގްރޫޕް އެއް ވަނައިގެ ގޮތުގައި ނިންމާލީ ދެ ވަނަ އަށް ދިޔަ ޕޯޗުގަލްގެ ބްރާގާއާ އެއްވަރަށް ޕޮއިންޓް ހޯދައިގެންނެވެ. ދެ ޓީމަށް ވެސް ހަ މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު، ހެޑް ޓު ހެޑް ގަވާއިދުން ކުރި ލިބެނީ ލެސްޓާ އަށެވެ. ތިން ވަނައިގައި ނިންމާލި ޔޫކްރޭނުގެ ޒޯރްޔާ ލުހަންސްކް އަށް ހަ ޕޮއިންޓް ލިބިފައިވާއިރު، އޭއީކޭ އެންމެ ފުލުގައި އޮތީ ތިން ޕޮއިންޓް ހޯދައިގެންނެވެ.

އޭސީ މިލާނުން ރޭ ރަށުން ބޭރުގައި ސްޕާޓާ ޕްރާގްގެ މައްޗަށް 1-0 އިން ކުރިހޯދައި ވަނީ އެ ގްރޫޕްގެ އެއް ވަނަ ހޯދައިފަ އެވެ. އެ ގްރޫޕްގެ ދެ ވަނަ ދިޔަ ލިލް އަށް 11 ޕޮއިންޓް ލިބުނުއިރު، ތިން ވަނަ ދިޔައީ ހަ ޕޮއިންޓް ހޯދި ސްޕާޓާ އެވެ. އެންމެ ފުލުގައި ނިންމާލި ސެލްޓިކަށް ލިބުނީ ހަތަރު ޕޮއިންޓެވެ.

ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުން މުބާރާތުގެ ގަދަ 32 ޓީމުގެ ބުރަށް ކޮލިފައިވި ޓީމުތައް

ރޯމާ (އިޓަލީ)، އާސެނަލް (އިންގްލެންޑް)، ބަޔާ ލެވަކޫސަން (ޖާމަނީ)، ރޭންޖާސް (ސްކޮޓްލެންޑް)، ޕީއެސްވީ (ނެދަލެންޑްސް)، ނަޕޯލީ (އިޓަލީ)، ލެސްޓާ ސިޓީ (އިންގްލެންޑް)، އޭސީ މިލާން (އިޓަލީ)، ވިޔަރެއާލް (ސްޕެއިން)، ޓޮޓެންހަމް (އިންގްލެންޑް)، ޑިނަމޯ ޒަގްރެބް (ކްރޮއޭޝިއާ)، ހޮފެންހައިމް (ޖާމަނީ)، ޔަންގް ބޯއީސް (ސްވިޒަލެންޑް)، މޯލްޑާ (ނޯވޭ)، ސްލާވިއާ ޕްރާގް (ޗެކް ރިޕަބްލިކް)، ބެންފީކާ (ޕޯޗުގަލް)، ގްރަނާޑާ (ސްޕެއިން)، ރެއާލް ސޮސިއެޑާޑް (ސްޕެއިން)، ބްރާގާ (ޕޯޗުގަލް)، ލިލް (ފްރާންސް)، މެކަބީ ޓެލް އަވީވް (އިޒްރޭލް)، އެންޓްވާޕް (ބެލްޖިއަމް)، ވުލްފްސްބާގާ (އޮސްޓްރިއާ)، ރެޑްސްޓާ ބެލްގްރޭޑް (ސާބިއާ)

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކަޓައިގެން ޔޫރޮޕާ ލީގުގައި ވާދަކުރާ އަށް ޓީމު

މެންޗެސްޓާ ޔުނައިޓެޑް (އިންގްލެންޑް)، ކްލަބް ބްރޫޖް (ބެލްޖިއަމް)، ޝަހުތަރު ޑޮނެސްކް (ޔޫކްރޭން)، އަޔަކްސް (ނެދަލެންޑްސް)، ކްރަސްނޯޑާ (ރަޝިއާ)، ރެޑްބުލް ސަލްޒްބާގް (އޮސްޓްރިއާ)، ޑިނަމޯ ކިއޭވް (ޔޫކްރޭން)، އޮލިމްޕިއާކޯސް (ގްރީސް)